ކ. މާލެ
|
20 މެއި 2024 | ހޯމަ 12:47
ޖުމްހޫރީ މައިދާނުގައި ހުންނަ ޤައުމީ ދިދަ
ޖުމްހޫރީ މައިދާނުގައި ހުންނަ ޤައުމީ ދިދަ
ރައީސް އޮފީސް
އިރާންގެ ރައީސް އަވަހާރަވުން
އީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަނީ
ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރާނެ
އީރާންގެ ރައީސްގެ ރައީސީ އަވަހާރަވި ކަމަށް އިއުލާންކުރީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ހަވީރު

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހިރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުން ބުނީ އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، 2024 މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައި އިރާނުގެ ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. މި ހާދިސާގައި އަވަހާރަވި ރައީސް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހައިންއާއި އެހެނިހެން ފަރާތްތަކުގެ ފުރާނައަށް ބަރަކާތް ލައްވައި ޖަންނަތުލް ފިރުދައުސް ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި ރާއްޖެއިން އީރާނުގެ ރައްޔިތުންނާއެކުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވެފައިވާ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން އިއުލާންކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގީ މެއި 19ވީ އާދިއްތަ ދުވަހު ހަވީރު އީރާންގެ އީސްޓް އައިޒަރބައިޖާން ޕްރޮވިންސްގެ ސަރަހެއްދެއްގައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަކީ ފަރުބަދަ އާއި ޖަންގަލި ބޯ ސަރަހައްދަކަށް ވެފައި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ސަލާމަތީ ޓީމަށް ދެވުނީ އެތައް ގަޑިއިރެއްގެ މަސައްކަތުންނެވެ.

އެކްސިޑެންޓް ހިނގިއިރު އީރާންގެ ރައީސް ދަތުރުފުޅު ކުރެއްވީ އީރާން އަޒަރުބައިޖާންގެ ބޯޑަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއް ނިންމަވާލެއްވުމަށް ފަހު އީރާންގެ އުތުރު ހުޅަނގުގެ ސިޓީއެއް ކަމަށްވާ ތަބްރީޒް އަށް ވަޑައިގަތުމަށެވެ.

އީރާންގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރަށް މި ހާދިސާ ކުރިމަތިވި އިރު އެ ހެލިކޮޕްޓަރާ އެކުގައި ދަތުރު ކުރި އަނެއް ދެ ހެލިކޮޕްޓަރު ވަނީ ރައްކާތެރިކަމާ އެކު މަންޒިލަށް ވާސިލްވެފައެވެ.

އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސެއިން އާމިރު އަބްދުއްލާހިއަންގެ އިތުރުން އެ ހެލިކޮޕްޓަރުގައި އީސްޓް އަޒަރުބައިޖާން ޕްރޮވިންސްގެ މޭޔަރު ވެސް ދަތުރު ކުރެއްވިއެވެ.

- ކޮމެންޓް