އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވެއްޖެ ކަމަށް އީރާންގެ ދައުލަތުގެ މީޑިއާ އިން އިއުލާން ކޮށްފިއެވެ.
ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާ ހިނގީ އާދިއްތަ ދުވަހު ހަވީރު އީރާންގެ އީސްޓް އައިޒަރބައިޖާން ޕްރޮވިންސްގެ ސަރަހެއްދެއްގައެވެ.
ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދަކީ ފަރުބަދަ އާއި ޖަންގަލި ބޯ ސަރަހައްދަކަށް ވެފައި މޫސުމް ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދަށް ރެސްކިއު ޓީމަށް ދެވުނީ އެތައް ގަޑީއިރެއްގެ މަސައްކަތުންނެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެލިކޮޕްޓަރު ފެނިފައިވާއިރު ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެކްސިޑެންޓް ހިނގިއިރު އީރާންގެ ރައީސް ދަތުރުފުޅު ކުރެއްވީ އީރާން އައިޒަރބައިޖާން ގެ ބޯޑަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއް ނިންމަވާލެއްވުމަށް ފަހު އީރާންގެ އުތުރު ހުޅަނގުގެ ސިޓީއެއް ކަމަށްވާ ތަބްރީޒް އަށް ވަޑައިގަތުމަށެވެ.
އީރާންގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރަށް މި ހާދިސާ ކުރިމަތި އިރު އެ ހެލިކޮޕްޓަރާ އެކުގައި ދަތުރު ކުރި އަނެއް ދެ ހެލިކޮޕްޓަރ ވަނީ ރައްކާތެރި ކަމާ އެކު މަންޒިލަށް ވާސިލްވެފައެވެ.
އީރާންގެ ރައީސް އިބްރާހިމް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސެއިން އާމިރުއަބްދުއްލާހިއަން ގެ އިތުރުން އެ ހެލިކޮޕްޓަރުގައި އީސްޓް އައިޒަރުބައިޖާން ޕްރޮވިންސްގެ މޭޔަރ ވެސް ދަތުރު ކުރެއްވިއެވެ.
އީރާންގެ ގާނޫނު އަސާސީގައި ބުނާ ގޮތުން މަގާމުގައި ހުންނަވަނިކޮށް އެ ގައުމުގެ ރައީސް އަވަހާރަވެއްޖެ ނަމަ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާނީ ނައިބު ރައީސް އެވެ. ނައިބު ރައީސް މަގާމާ ހަވާލުވެ ވަޑައިގަންނަވާ ދުވަހުން ފެށިގެން 50 ދުވަހުގެ ތެރޭގައި ރައީސަކު ހޮވުމުގެ އިންތިޚާބް ބާއްވަން ޖެހޭނެއެވެ..