އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ އާދިއްތަ ދުވަހު ހަވީރު ކުއްލި ގޮތަކަށް ޖެއްސި ހާދިސާގައި އެމަނިކުފާނު އަވަހާރަވެއްޖެ ކަމަށް ބެލޭ ކަމަށް އީރާނުގެ ސްޓޭޓް ނިއުސް ޗެނެލް އައިއާރުއެންއެން އަދި ނިއުސް އޭޖެންސީ މެހްރް ނިއުސް އިން ހާމަ ކޮށްފިއެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެލިކޮޕްޓަރު ވަނީ ފެނިފައެވެ. އެއްވެސް މީހަކު ސަލާމަތްވި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އީރާނުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ވަނީ މުޅިން އަނދާފައި ކަމަށެވެ.
އެކްސިޑެންޓް ހިނގިއިރު އީރާންގެ ރައީސް ދަތުރުފުޅު ކުރެއްވީ އީރާން އައިޒަރބައިޖާން ގެ ބޯޑަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއް ނިންމަވާލެއްވުމަށް ފަހު އީރާންގެ އުތުރު ހުޅަނގުގެ ސިޓީއެއް ކަމަށްވާ ތަބްރީޒް އަށް ވަޑައިގަތުމަށެވެ.
އީރާންގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރަށް މި ހާދިސާ ކުރިމަތި އިރު އެ ހެލިކޮޕްޓަރާ އެކުގައި ދަތުރު ކުރި އަނެއް ދެ ހެލިކޮޕްޓަރ ވަނީ ރައްކާތެރި ކަމާ އެކު މަންޒިލަށް ވާސިލްވެފައެވެ.
އީރާންގެ ރައީސް އިބްރާހިމް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސެއިން އާމިރުއަބްދުއްލާހިއާން ގެ އިތުރުން އެ ހެލިކޮޕްޓަރުގައި އީސްޓް އައިޒަރުބައިޖާން ޕްރޮވިންސްގެ މޭޔަރ މާލިކް ރަހްމަތީ ވެސް ދަތުރު ކުރެއްވިއެވެ.
އީރާންގެ ގާނޫނު އަސާސީގައި ބުނާ ގޮތުން މަގާމުގައި ހުންނަވަނިކޮށް އެ ގައުމުގެ ރައީސް އަވަހާރަވެއްޖެ ނަމަ ރައީސް ކަމާ ހަވާލުވެ ވަޑައިގަންނަވާނީ ނައިބު ރައީސް އެވެ. ނައިބު ރައީސް މަގާމާ ހަވާލުވެ ވަޑައިގަންނަވާ ދުވަހުން ފެށިގެން 50 ދުވަހުގެ ތެރޭގައި ރައީސަކު ހޮވުމުގެ އިންތިޚާބް ބާއްވަން ޖެހޭނެއެވެ.