އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ކުއްލި ގޮތަކަށް ޖައްސައިފި ކަމަށް އީރާންގެ ފަރ ނިއުސް އޭޖެންސީން ބުނެފިއެވެ.
ރޮއިޓާސް އިން ބުނެފައިވަނީ ހެލިކޮޕްޓަރ ވެއްޓުނީ ކަމަށެވެ.
ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލްކޮޕްޓަރ އާއެކު އިތުރު ދެ ހެލިކޮޕްޓަރ ދަތުރި ކުރި ކަމަށް ޚަބަރުތައް ބުނެއެވެ.
މޫސުން ގޯސް ވުމުގެ ސަބަބުން ހެލިކޮޕްޓަރ ކުއްލި ގޮތަކަށް ޖެއްސީ އީރާންގެ އާޒަރބައިޖާން ޕްރޮވިންސްގެ ހިސާބަކަށް ކަމަށް އީރާންގެ ރަސްމީ ޚަބަރުތައް ބުނެފައިވެއެވެ. އެ ސަރަހައްދަކީ ފަރުބަދައިގެ ސަރަހައްދެކެވެ.
އިންޓީރިއާ މިނިސްޓަރ އަހްމަދު ވާހިދީ އާ ހަވާލާދީ ބީބީސީން ބުނެފައިވަނީ ހެލިކޮޕްޓަރ ހޯދުމަށް ރެސްކިއު ޓީމުތަކުން ބޯޓު ވެއްޓުނު ތަނަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް މޫސުން ގޯސް ކަމުން ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.
ބޯޓުން ދަތުރު ކުރެއްވި އީރާންގެ ރައީސް އާއި އެހެން ފަރާތްތަކާ ބެހޭ މައުލޫމާތެއް އަދި ރަސްމީ ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
ނަމަވެސް ނަން ހާމަ ނުކުރާ އީރާންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ބޯޓު ވެއްޓުނު ހިސާބުން ލިބޭ ޚަބަރުތަކަކީ ކަންބޮޑުވާ ޚަބަރުތަކެއް ކަމަށެވެ.