ކ. މާލެ
|
19 މެއި 2024 | އާދީއްތަ 16:54
އިމާރާތް ކުރާ ސައިޓެއްގެ މަސައްކަތްތައް ކުރިއަށްދަނީ - ފައިލް ފޮޓޯ
އިމާރާތް ކުރާ ސައިޓެއްގެ މަސައްކަތްތައް ކުރިއަށްދަނީ - ފައިލް ފޮޓޯ
މުހައްމަދު ޝަރުހާން
މަދިރިން ރައްކާތެރިވުން
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ހަމައެކަނި މެއިމަހުގެ 4 ގެ ނިޔަލަށް 158 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވޭ
މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް

މިދުވަސްވަރު މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތައް މަދިރި އާލާނުވާނެހެން ސާފުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއިން އަންގައިފި އެވެ.

އެމިނިސްޓްރީން ބުނީ މި މޫސުމަކީ ރާއްޖޭގައި އަބަދުވެސް މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާ ދުވަސްވަރެއް ކަމަށެވެ. އަދި އިމާރާތްކުރާ ސައިޓްތަކަކީ މަދިރި އާލާވާފަދައިން ފެން ހަރުލާފައި ހުންނަ ތަންތަނަށްވުމުން މިފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓްރީން ބުނީ އިމާރާތް ކުރާ ސައިޓްތަކުގައި މަދިރި އާލާވާނެހެން ހުންނަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އަހަންމިއްޔަތުކަން ދޭންޖެހޭ ކަމަށެވެ.

Advertisement

މަދިރި އާލާނުވާނެހެން ސާފުކުރުމަށް މިނިސްޓްރީން އަންގާފައިވާއިރު، މި އަހަރުގެ މާރޗް މަހާއި އަޅާ ބަލާއިރު އެޕްރީލް މަހު ޑެންގީ ހުމުގެ ކޭސްތައް ރިޕޯޓް ކުރި މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރުގެ މާރޗް މަހު ޑެންގީ ހުމުގެ 119 ކޭސް އަދި އެޕްރީލް މަހު 244 ކޭސް ވަނީ ފެނިފައެވެ. އަދި ހަމައެކަނި މެއިމަހުގެ 4 ގެ ނިޔަލަށް 158 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހުޅުނގު މޫސުމާ ގުޅިގެން މުޅިރާއްޖޭގެ މޫސުން ގޯސްވެ، އެކި ނުރައްކާތެރި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. އެހެންކަމުން މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް