ރާއްޖެ އާއި އިންޑިޔާ އާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން ކަމަށާއި އެކަން ހައްލުކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް އިންޑިޔާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރު ޑރ އެސް.ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖަޔަޝަންކަރު މިހެން ވިދާޅުވީ އިންޑިއާގެ އިގުތިސޯދީ ކުރިމަގާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ސީއައިއައި އެނުއަލް ބިޒްނަސް ސަމިޓްގައި ވާހަކަދައްކަވަމުންނެވެ. ފޯރަމުގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް "ވަރަށް ބަރާބަރަށް" ކުރިއަށްދާ ކަމަށެވެ.
އިންޑިޔާއިން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި މިދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަ މާލެ ބުރިޖު ހިމެނެއެވެ.
ޔަގީނުން ވެސް ސިޔާސީ ބައެއް ނުތަނަވަސްކަން އެބަހުރި. އެކަމަކު، އެކަން ހައްލުކުރެވޭނެކަމާ މެދު އުންމީދު އެބައޮތްއިންޑިޔާގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރު ޑރ އެސް.ޖައިޝަންކަރު
ދާދިފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅަކީ މިސަރުކާރު އައި ފަހުން ސަރުކާރުގެ އިސްވެރިއަކު އިންޑިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ދެ ގައުމުންވެސް ވަނީ ފާހަގަކޮށްފައެވެ.
މިދަތުރުފުޅުގައި ޒަމީރު ވަނީ ޖަޔަޝަންކަރާ ބައްދަލުކުރައްވައި އިންޑިއާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާ ސަރުކާރުން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއްވެސް ހަމަޖައްސައިދީފައެވެ. އެގޮތުން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް އެ ގައުމުގެ ސަރުކާރުން ވަނީ ދެއްވާފައެވެ.
މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށާއި އެކަމުގެ މަޝްވަރާތައްވެސް އިންޑިޔާ ސަރުކާރާއެކު ކުރެވުނުކަމަށް ފޮރިން މިނިސްޓަރު އިންޑިޔާގެ މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ނަމަވެސް މިފަހުން މިސަރުކާރުގެ ރާގު އިންޑިޔާ އާ މެދު ގެންގުޅެމުން އައި ގޮތަށް ވަނީ ބަދަލުތަކެއްގެނެސްފައެވެ.