ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އިންޑިއާގެ މީރު ރިހަ ބަޓަރ ޗިކަން އުފަންވި ތަނަކާ ބެހޭ ގޮތުން އިންޑިއާގެ ދިއްލީގެ ހައި ކޯޓުގައި ކުރިއަށްދާ މައްސަލަ އިތުރަށް ހޫނުވެއްޖެއެވެ.
މައްސަލައިގެ ތެރޭގައި އުޅެނީ އިންޑިއާގެ މަޝްހޫރު ދެ ރެސްޓޯރެންޓް ޗެއިނެވެ.
މައްސަލަ ހުށަހެޅި މޯޓީ މަހަލް ރެސްޓޯރެންޓުން ބުނަނީ ބަޓަރ ޗިކަން ގެ ހުރިހާ ހައްގެއް އޮންނަންވާނީ އެފަރާތައް ކަމުގައެވެ. ބަޓަރ ޗިކަން އަކީ އެތަނުގެ އުފެއްދުމެއް ކަމަށާއި، މައްސަލަ ރައްދުވާ ދަރިޔާގާންޖް ރެސްޓޯރެންޓަކަށް ބަޓަރ ޗިކަން ޕްރޮމޯޓް ކޮށްގެން ކްރެޑިޓް ނުނެގޭނެ ކަމަށެވެ. ހައްގު ނެތި ބަޓަރ ޗިކަންގެ ވިޔަފާރި ހިންގާފައިވާތީ ދަރިޔާގާންޖް އިން 240،000 އެމެރިކާ ޑޮލަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށްވެސް މޯޓީ މަހަލް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވެއެވެ.
މޯޓީ މަހަލް އިން ބުނަނީ ބަޓަރ ޗިކަން ފުރަތަމަ އުފެއްދީ އެ ރެސްޓޯރެންޓްގެ ފައުންޑަރ ކުންޑަން ލާލް ގުޖްރާލް 1930 ގެ އަހަރު ތަކުގައި ޕެޝާވަރުގައި ކަމަށެވެ. ޕެޝާވަރު ޕާކިސްތާނުގެ ސަރަހައްދަކަށް ވީ ފަހުން ދަރިޔާގާންޖް ރެސްޓޯރެންޓު އިންޑިއާގެ ދިއްލީ އަށް ބަދަލު ކުރީ ކަމުގައެވެ.
ދަރިޔާގާންޖް އިން މައްސަލައިގައި ޖަވާބުދާރީ ވުމަށް ހުށަހެޅި 642 ސޮފްހާގެ ބަޔާނުގައި މޯޓީ މަހަލް އިން ބަޓަރ ޗިކަން އުފެއްދި ގޮތާ ބެހޭ ގޮތުން ކޯޓުގައި ބުނާ ވާހަކަތަކަކީ ތެދެއް ނޫން ކަމަށާއި އެއީ ހަގީގަތް އޮޅުވާލުމަށް ބުނެފައިވާ ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.
ދަރިޔާގާންޖް އިން ބުނާ ގޮތުގައި ބަޓަރ ޗިކަން އުފެއްދީ އެ ރެސްޓޯރެންޓް ހިންގާ އާއިލާގެ މެމްބަރެއް ކަމަށްވާ ކުންޑަން ލާލް ޖައްގީ އެވެ. އޭނާގެ އުފެއްދުން މާކެޓް ކުރީ އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ޕިޝާވަރަށް އުފަން ގުޖްރާލް ކަމަށެވެ. މި ދެމީހުންވެސް މިހާރު ދުނިޔެއަކު ނެތެވެ. ދަރިޔާގާންޖް އިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި 1930 ގައި މި ދެ ރަހުމަތްތެރިން އެކުގައި ނަގާފައިވާ ފޮޓޯ އާއި، ވިޔަފާރީގެ އެއްބަސްވުމާއި، މި ޑިޝް އުފެއްދި ގޮތާއި ބެހޭ ގޮތުން ދެ މީހުން ވާހަކަ ދައްކާ ވީޑިއޯ އެއް ހިމެނެއެވެ.
މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މެއި މަހުގެ 29 ގައެވެ.
ކޯޓަށް ގޮތެއް ކަނޑައަޅަން ޖެހިފައި މި އޮތީ ބަޓަރ ޗިކަން ފުރަތަމަ އުފެއްދީ ކާކު، ކޮންތާކު، ކޮން އިރަކު ކަމެވެ.
ދުނިޔޭގެ އެންމެ މަގްބޫލް ކާބޯތަކެތި ރޭންކް ކުރާ ޓޭސްޓް އެޓްލަސް އިން ބަޓަރ ޗިކަން ރޭންކް ކޮށްފައިވަނީ 43 ވަނައިގަ އެވެ.
މޯޓީ މަހަލް އަކީ ފްރެންޗައިޒް ރެސްޓޯރަންޓް ބްރޭންޑެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މި ބްރޭންޑުގެ 100ށް ވުރެ ގިނަ އައުޓްލެޓް އެބަހުއްޓެވެ.
ދަރިޔާގާންޖްގެ ޚިދުމަތް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ބްރޭންޑުގެ 10 އައުޓްލެޓް ހުންނަ އިރު ގިނަ ތަންތަން އަދި ހުރީ ވެރިރަށް ދިއްލީގައެވެ.
މޯޓީ މަހަލް އިން ދަރިޔާގާންޖް އާ ދެކޮޅަށް ކޯޓަށް ހުށަހެޅި 2752 ސަފްހާގެ މައްޗަށް އެކުލެވޭ މައްސަލައިގައި ދަރިޔާގާންޖް އިން އެމީހުންގެ ރެސްޓޯރެންޓްގެ ޑިޒައިން ކޮޕީ ކުރާކަމަށްވެސް ބުނެފައިވެއެވެ.
އަނެއްކޮޅުން ދަރިޔާގާންޖް އިން ކޯޓުގައި ބުނެފައިވަނީ އެ ރެސްޓޯރެންޓްގެ ޑިޒައިން ކޮޕީ ކުރަނީ މޯޓީ މަހަލް އިން ކަމުގައެވެ.