ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކަމަށް ވިދާޅުވެ އިންތިޚާބެއް ބާއްވައިފިއެވެ. އިންތިހާއަށް ފާޑުކިޔުން އޮތަސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބު، ބޭއްވިއިރު އެތައް ބަޔަކު ފާޑުކިޔެވެ. އިންތިހާއަށް ފާޑުކިޔެވެ.
ކޮންމެއަކަސް ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ވެސް ކޮށްފިއެވެ. އެހެން ނަމަވެސް ވެނެޒުއޭލާ އަށް އެ ވިދާޅުވާ ހަމަޖެހުމެއް އަންނަން އުޅޭ ކަމުގެ ކަންފުޅެއް ވެސް ނުފެނެއެވެ. ފެންނަން އުޅޭ މަންޒަރަކީ ގައުމު ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓެން އުޅޭ މަންޒަރެވެ.
އެހާ ވަރުން އެ އިންތިޚާބު ބާއްވާ އާ ގާނޫނު ހަދާ މަޖިލީހެއް އިފްތިތާހް ކުރި ސަބަބުތަކެއް އެބަހުއްޓެވެ. ރައީސް މަޑޫރޯ ގައުމުގައި ހަމަނުޖެހުން ހިނގާ ކަމަށް ގަބޫލުފުޅު ކުރައްވައެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މެދުގައި ގުޅުމާއި އެއްބާރުލުން އޮންނަން ޖެހޭ ވަރަށް ނެތްކަން ވެސް ގަބޫލުފުޅު ކުރައްވައެވެ. ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި މަޑޫރޯ ވިދާޅުވަމުން ގެންދެވީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ގާނޫނު އަސާސީ އެކުލަވާލުމަށް ގާނުނު ހަދާ މަޖިލީހެއް ބޭނުންވާ ކަަމަށެވެ.
ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލީހުގައި ރައީސް ނިކޮލަސް މަޑޫރޯގެ އަނބިކަނބަލުންނާއި އަދި ފިރިހެން ދަރިފުޅު ވެސް ހިމެނެއެވެ. ގާނޫނު ހަދާ މަޖިލީހުގައި 545 މެމްބަރުން ހިމެނެއެވެ. ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އަލަށް އިންތިޚާބު ކުރި ގާނޫނު ހަދާ މަޖިލިސް އިފްތިތާހްކުރުން ހުއްޓުވުމަށް އެދި އެގައުމުގެ ޕްރޮސިކިއުޓަރުގެ އޮފީހުން ކޯޓަށް ވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ގާނޫނު ހަދާ އާ މަޖިލިސް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް އެދި ކޯޓަށް ހުށަހެޅީ އިންތިޚާބުގައި މަކަރު ހެދި ކަމަށް ބުނެއެވެ. ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިޚާބުގައި މަކަރުު ހެދި ކަމަށް ކުރެވޭ ތުހުމަތު ދޮގުކުރައްވާފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ އާ ރައީސް ކަމަށް ނޮމިނޭޓް ކުރައްވާފައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒް އެވެ. އެ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރު ދުވަހު އޮންނާނެއެވެ. ރޮޑްރިގޭޒް ވިދާޅުވެފައި ވަނީ ރައީސް މަޑޫރޯއާ އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ވެނެޒުއޭލާގައި ކަންކަން ހަލަބޮލިވަމުން ގޮސް އަސްކަރީ ބޭސް އަކަށް 20 މީހުންގެ ހަނގުރާމަވެރިންގެ ގްރޫޕަކުން ހަމަލާދީ އެތަނުން ހަތިޔާރުތަކެއް ހިފައިގެން 10 މީހަކު ފިލި ހާދިސާއަކީ އިހަކަށް ދުވަހުގެ ހާދިސާއެކެވެ. މި ހާދިސާ ހިނގާފައި ވަނީ ވެނެޒުއޭލާގެ އުތުުރު-ހުޅަނގުގެ ސިޓީއެއް ކަމަށްވާ ވެލެންސިއާގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަނގުރާމަވެރިންގެ ގްރޫޕްގެ ދެ މީހަކު މަރުވެ، އެކަަކު ޒަޚަމްވެ އަދި ހަތް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މިހާދިސާ ހިނގުމުގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ ސިފައިންގެ ޔުނިފޯމް ލައިގެން ތިބި ބައެއްގެ ވިޑިއޯއެއް ދައުރުވެފައެވެ. އެ ވިޑިއޯގައި އެމީހުން ބުނަމުން ދިޔައީ "ނުރައްކާތެރި އަނިޔާވެރިންތަކަކާ" ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. އެ ވީޑިއޯގައި ސިފައިންގެ ޔުނިފޯމްގައި ތިބި މީހުން ބުނެފައި ވަނީ އެމީހުންނަކީ ވެލެންސިއާ ސިޓީގެ 41 ވަނަ ބްރިގޭޑަށް ނިސްބަތްވާ ސިފައިން ކަމަށެވެ. އަދި ގައުމުގައި ހަަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށްޓަކައި ސިފައިންނާއި އާންމުން ވެސް ނިކުންނަން ޖެހޭ ކަމަށެވެ.
ވެނެޒުއޭލާގެ ސިފައިންގެ ތާއިދު އޮތީ ރައީސް މަޑޫރޯއަށެވެ. އެހެން ނަމަވެސް އަސްކަރީ ބޭސްއަށް ދިން ހަމަލާއާއި ގުޅިގެން ސިފައިން ސަރުކާެރާ ދެކޮޅަށް ނިކުތުން އެކަށީގެންވާ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފާރާތްތަކުން ބުނެއެވެ. ވެނެޒުއޭލާގެ ސަރުކާރުން ބުނަމުން ދަނީ އަސްކަރީ ބޭސްއަށް ހަމަލާ ދިން މީހުންގެ ތެރޭގައި ސިފައިންނާއި އާންމުން ހިމެނޭ ކަމަށެެވެ. އެެހެން ނަމަވެސް މިނިވަން ބައެއް ފަރާތްތަކުން ބުނަމުން ދަނީ ސިފައިން އެ ހަމަލާ ގައި ބައިވެރިވި ކަމަށް ޔަގީންކޮށް ބުނަން ނޭގޭ ކަމަށެވެ. އެހެން ނަމަވެސް ސިފައިން ސަރުކާރާ ދެކޮޅު އަމަލުތައް މަދުންނަމަވެސް ހިންގާ ނަމަ އެއީ ސަރުކާރަށް ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަަމަށް އެފަރާތްތަކުން ބުނެއެވެ.
ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2000 އާ ގާތް ކުރާ އަދަދަކަަށް މީހުން މަރުވެފައިވެއެވެ.
ކަންކަން ނިއުޅެމުންދާ ގޮތަށް ބަލާއިރު ވެނެޒުއޭލާއަށް ހަމަޖެހުން އަންނަށް އުޅޭ ކަމުގެ ކަންފުޅެއް ވެސް ނުފެނެއެވެ. އަސްކަރީ ބޭސްއަށް ދިން ހަމަލާ އާއި ގުޅިގެން މަސްރަހު ދިރާސާ ކުަރައްވާ ފަަރާތްތަކުން ބުނަމުން ދަނީ ގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށެވެ.