އެއީ މީގެ ދުވަސްކޮޅެއް ކުރިއެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދުވަސްވަރެވެ. އޭރު އޮތް އިދިކޮޅުން މިހާރު މިއޮތް ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަން މަސައްކަތްކުރި ދުވަސްވަރެވެ. އޭރުގެ ސަރުކާރު ބަލިކަށިކޮށްލައި ރައްޔިތުންގެ ބޮލަށް 'ޗިޕު' ޖަހަމުންދިޔަ ދުވަސްވަރެވެ. އެ ސަރުކާރު ގޯސްކަމާއި ތިމަންމަންގެ ސަރުކާރެއްގައި ގެންގުޅޭނެ މޮޅު ސިޔާސަތުތަކުގެ ވާހަކައިން ޑރ މުއިއްޒުއާއި އޭނާގެ ޓީމުން ދަޅަ ދައްކަމުންދިޔަ ދުވަސްވަރެވެ.
އެގޮތުން އޭރުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އެންމެ ބޮޑަށް ބޭނުންކުރި އެއް ހަތިޔާރަކީ "ހާމަ" ކުރުމުގެ ވާހަކައެވެ. ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމުގެ ވާހަކައެވެ. ޚާއްޞަކޮށް ދޭދޭ ގައުމުތަކުގެ މެދުގައި ދެކެވޭ ވާހަކަތަކާއި ބައިލެޓަރަލް އެއްބަސްވުންތަކުގެ އަސްލު ރައްޔިތުންނަށް ހިނދުން ހިނދަށް ދައްކަން ޖެހޭނެ ކަމަށެވެ.
ނިމިދިޔަ ސަރުކާރަކީ އެންމެ ބޮޑަށް މައުލޫމާތު ހާމަކުރި އެއް ސަރުކާރެވެ. ސަރުކާރުގެ ޚަރަދު ބަރަދުވެސް ހަފަތާއަކު އެއްފަހަރު އާއްމުންނަށް ފެންނާނޭހެން ޝާއިއު ކުރަމުން ގެންދިޔައެވެ. އެންމެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މައުލޫމާތު ދެމުން ދިޔައީ ނިމިދިޔަ ސަރުކާރުންނެވެ. ސިޔާސީ މަގާމްތަކާއި ވަޒީފާތައް ދިޔައީ ރައީސް އޮފީހުގެ ވެބްސައިޓަށް ދުވަހުން ދުވަހަށް އާއްމު ކުރަމުންނެވެ.
އެކަމަކު އޭރުގެ އިދިކޮޅުން އަޑަށް ބާރުލާފައި ހަޅޭލަވަމުން ގެންދިޔައީ ރާއްޖެއިން ބޭރު ގައުމުތަކާއެކު ދެކެވޭ ވާހަކަތަކާއި ކުރެވޭ މުއާމަލާތްތައް ސީދާ އެ ހޫނުކަން މަތީ ޢާއްމުކުރުމަށެވެ. އެފަދަ ގައުމުތަކަށް ފޮނުވާ ސިޓީތަކާއި ވެވޭ އެއްބަސްވުންތަކުގެ އަސްލު ހާމަކުރުމަށެވެ. އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ސަރުކާރަށާއި ޤައުމީ މަސްލަހަތަށް އަދި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ މަސްލަހަތަށް ބަލާއިރު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. ޚާއްޞަކޮށް އެއީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ފުށުއަރާ އަދި ގައުމުތަކާމެދު އޮންނަ ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަންތައްތައް ކަމަށެވެ. ގައުމުތަކުގެ ސަލާމަތަށްޓަކައި ވެސް ހިފެހެއްޓެން ޖެހޭނެ ސިއްރު ތަކެއް ކަމަށެވެ. އެކަމަކު އޭރުގެ ސަރުކާރުން ދިން ޔަގީން ކަމަކީ ރާއްޖެއަށް ގެއްލުންވާނޭ ވާހަކައެއް ނުދައްކާނެ ކަމަށާއި އެފަދަ ސިޓީއެއް ނުފޮނުވާނެ ކަމަށެވެ. އަދި އަމުދުން އެފަދަ އެއްބަސްވުމެއް ވެސް އެއްވެސް ގައުމަކާއެކު ވެސް ނުހަދާނެ ކަމަށެވެ. އެހެންބުނެ އެކަނި އޭރު އެ ސަރުކާރުން ދިޔައީ އެ މައުލޫމާތުތައް މަޖިލީހާއި ވެސް ހިއްސާކުރަމުންނެވެ. ގައުމީ ސަލާމަތަށްޓަކައި ބައެއް ބައިތައް ހިފެހެއްޓިނަމަވެސް ޚުލާސާކޮށް ނޫސްވެރިން މެދުވެރިކޮށް އާޢްމުންނަށް އަންގައިދެމުންނެވެ.
އޭރުގެ އިދިކޮޅަށް އެގޮތް ކަމަކު ނުދިޔައެވެ. އޭރުގެ އިދިކޮޅުން އަދި މިހާރުގެ ސަރުކާރުން ބުނަމުން ދިޔައީ ފޮރުވަން ޖެހޭނެ އެއްވެސް އެއްޗެއް ސަރުކާރެއްގައި ނޯންނާނެ ކަމަށެވެ. ގައުމީ ސަލާމަތަށް ބުރޫއަރާނެ އެއްވެސް ލިޔެކިޔުމެއް ނޯންނާނެ ކަމަށެވެ. ޚުދު އޭރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިއްރު ކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ. ގައުމީ ސަލާމަތަށްޓަކައޭ ބުނެ ހާމަނުކޮށް އެއްވެސް އެއްޗެއް ނުބާއްވާނެ ކަމަށެވެ.
ރައްޔިތުން ވޯޓުދިނީ އެބަހަށް ހެއްލިގެންނެވެ. ޑރ މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީ އެ އަވައިގާ ރައްޔިތުން ޖެހިގެންނެވެ. އެކަމަކު ކަންވެގެން މިދަނީ ދިމާ އިދިކޮޅަށެވެ. ކަންކަން ކުރަމުން މިދަނީ ކުރިން ވިދާޅުވި ގޮތާ މުޅިން ޚިލާފަށެވެ. މިހާރު ހުރިހާ އެއްޗެއް ކަހަލަގޮތަކަށް ސިއްރެވެ. ހާމަކުރަން ޖެހޭ އެއްވެސް އެއްޗެއް ނެތެވެ. ގައުމީ ސަލާމަތަށްޓަކައެވެ. ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫއަރާފާނެތީއެވެ. ޕްރޮޖެކްޓްތައް ނުލިބި ހުއްޓިދާނެތީއެވެ. އެހީ ދޭންތިބި ގައުމުތަކުގެ މަސްލަހަތުގައެވެ. ޚާރިޖީ ސިޔާސަތުތަކަށް ލޮޅުން އަރާފާނެތީއެވެ. އެ ސަބަބަށްޓަކައި ސަރުކާރުގެ ޚަރަދު ބަރަދު ހާމަކުރުން ހުއްޓާލައިފިއެވެ. ނޫސްވެރިން ފޮނުވާ ސުވާލުތަކަށް ޖަވާބެއް ނެތެވެ. ޕްރެސް ކޮންފަރެންސްތަކުގައި ހާމަކުރެވޭނޭ މިންވަރު ކުޑަވެ، ސީދާ ޖަވާބު ދޭން ދެކޮޅު ހަދަނީއެވެ. ސިއްރު ނުވާނީ ކޮން އެއްޗެއް ހެއްޔެވެ. ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ އަދަދާއި އެއީ ކޮންބައެއްކަން ވެސް އެވަނީ ސިއްރެއްގެ ގޮތުގައެވެ. ގައުމީ ބޮޑު ސަލާމަތަށްޓަކައި ވެބްސައިޓްތަކަށް އަރުވަން ނުކެރިފައެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރު ވެސް އެ ވަނީ މި ސަރުކާރުގެ 'ހާމަކުރުމާ' މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައިޓް ޓު އިންފޮމޭޝަން (އާރު.ޓީ.އައި)ގެ ދަށުން ހޯދަން އެދޭ މައުލޫމާތުތައް ދިނުމަށް ސީދާ ރައީސް އޮފީހުން ދެކޮޅު ހަދާތީ މިހާރު އެވަނީ ކޯޓަށް ދިއުމުގެ މަގުމަތީގައެވެ.
ކޮންމެއަކަސް ހާމަކުރަން އައި ސަރުކާރުން އޭރު ކިޔަމުން އައި ޅެން މިވަނީ ފަރިއްސަކަށް ވެފައެވެ. އޭރު ފަޅާލި ބޮޑެތި ކާށިތަކުގައި ފެނެއްނެތެވެ. ދެއްކި ވާހަކަތައް ވެގެން މިދިޔައީ ރުކަށްއެރި މީހާގެ ނަދުރަށެވެ. މިހާރު މިފެންނަނީ ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފައެވެ.