ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުންދާ ކަމަށް މީޑިއާއަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އަދި ބައެއް އާއްމުން ސޯޝަލް މީޑިއާގައި ވެސް ޒިކާ ވައިރަސް ފަތުރެމުންދާ ކަމަށް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ޒިކާ ވައިރަސް ފެތުރެމުންދާ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު މައުލޫމާތެއް ނޫން ކަަމަށެވެ. އަދި ޒިކާ ވައިރަސް ފެތުރެމުންދާ ނުދާ ކަމަށެވެ.
ޒިކާ ވައިރަހަކީ ޑެންގީ ޖައްސާ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.
މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައިި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހި ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގައި އަދި ބޮލުގައި ރިއްސުން ހިމެނެ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވެއެވެ.