ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށެވެ. މީގެއިތުރުން ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރަށް ހުޅަނގު މޫސުން ދެކުނު އަތޮޅަކަށް ފަށާފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު، ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް ކަމަށް ބުނެފައިވެއެވެ.
އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމުގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާނެ ކަމަށެވެ.