ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ގައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުގެ ރިޕޯޓުތައް ބުނާގޮތުން ސޯމާލިއާގައި މިހާރު އޮތް ތުރުކީގެ އަސްކަރީ ބާރު އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖެ އާއި ތުރުކީއާ ދެމެދު ވެފައިވާ އެއްބަސްވުންތައް މެދުވެރިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ތުރުކީގެ ރޭވުންތެރިކަން އިތުރުކޮށް ފުޅާކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ރިޕޯޓުތަކުގައި އިތުރަށް ބުނެފައިވަނީ ދާދި ފަހުން ރިޓަޔާ ކުރެއްވި އެމްއެންޑީއެފްގެ ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ތުރުކީގެ ސަފީރު ކަމަށް އައްޔަން ކުރެއްވިފަހުން ދެގައުމުގެ ދެމެދުގެ އަސްކަރީ ޑިޕްލޮމަސީ އިތުރަށް ހަރުދަނާކުރައްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ސެންޓަރަލް އިންޑިއާ ކަނޑުގެ ސަރަހައްދަށް ތުރުކީއިން އިތުރަށް ބާރުވެރިވުމަށް މަސައްކަތް ކުރާއިރު، ރާއްޖެ އިހްތިޔާރު ކުރަނީ އެކަން ހާސިލްކުރުމަށް ބޭނުންކުރާ މަގެއްގެ ގޮތުގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އިސްތަންބޫލް ސެންޓަރ ފޯ އިންޑިއަން އޯޝަން ސްޓަޑީޒްގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާ ކަނޑުގެ ކްރިޓިކަލް ސީ ލޭންތަކުގެ ތެރެއިން ނޭވަލް އެކްސެސް އާއި ފޯސް ޕްރޮޖެކްޝަން ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށެވެ.
2017 ވަނަ އަހަރު ތުރުކީން ވަނީ ސޯމާލިއާގެ މޮގަޑިޝޫގައި އަސްކަރީ ބޮޑު މަރުކަޒެއް ގާއިމްކޮށްފައެވެ. އެއާއެކު އެސަރަހައްދު މޮނީޓަރު ކުރުމުގެ ފުރިހަމަ ބާރު ތުރުކީއަށް ލިބިގެންދިޔައެވެ. އަދި ރާއްޖެއާއެކު ގާއިމްކުރެވޭ މިގުޅުމާއެކު، ތުރުކީއަށް މި ސަރަހައްދުގެ ކަނޑުގެ ޓްރެފިކް މޮނީޓަރު ކުރެވޭނެއެވެ.
މީގެ އިތުރުން ތުރުކީގެ ކަނޑުއުޅަދުފަހަރާއި މަތިންދާބޯޓުތަކަށް ތެޔޮއެޅުމާއި ރީ-ސަޕްލައި ކުރުމަށް ރާއްޖޭގައި ބަނދަރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އިސްތަންބޫލް ސެންޓަރ ފޯ އިންޑިއަން އޯޝަން ސްޓަޑީޒްގެ އޮފިޝަލާ ހަވާލާދީ މި ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއާއެކު ސޯމާލިއާ އިން ފެށިގެން ރާއްޖެއާއި ހަމައަށް ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތައް ފުޅާކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން އިތުރަށް ހަރުދަނާކޮށް، ބާރުވެރިކުރުވުމުގެ މަސައްކަތްތައް ކުރާނެކަމަށާއި އެގޮތުން ކުރިއަށް އޮތްތަނުގައި ދެގައުމުގެ އަސްކަރިއްޔާއިން އިތުރަށް ތަމްރީންތަކާއި، ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ތުރުކީގެ ސިފައިން ޤާއިމު ކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ވެސް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ތުރުކީގެ އަސްކަރިއްޔާގެ އެނަލިސްޓެއްކަމަށްވާ ސެލިމް އަކޮނޫލްއާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖޭގައި ލިމިޓެޑްކޮށް ނަމަވެސް އަސްކަރީ 'ޕްރެޒެންސްއެއް' ގާއިމްކުރުމަކީ، ތުރުކީއަށް ލިބޭނެ ބޮޑު ސްޓްރެޓެޖިކް ކާމިޔާބީއެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގައި ލިމިޓެޑްކޮށް ނަމަވެސް އަސްކަރީ ޕްރެޒެންސްއެއް ގާއިމްކުރުމަކީ، ތުރުކީއަށް ލިބޭނެ ބޮޑު ސްޓްރެޓެޖިކް ކާމިޔާބީއެއް، އެއީ އެމީހުންނަށް މެރިޓައިމް ޗެކްޕޮއިންޓްތަކަށް ފާރަވެރިވެ، އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮފެންސިވް އަދި ޑިފެންސިވް ކެޕޭސިޓީ އިތުރު ކުރެވޭނެސެލިމް އަކޮނޫލް / ތުރުކީގެ އަސްކަރީ ކަންކަމާ ބެހޭ އެނަލިސްޓެއް
ރިޕޯޓުތައް ބުނާގޮތުން ރާއްޖެއާއި ތުރުކީގެ ޕާޓްނަރޝިޕް ވަރުގަދަވެ، ތުރުކީއިން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ބާރުވެރިކުރުމަށް ކުރަމުންދާ މިމަސައްކަތާއެކު އިންޑިއާއިން އިތުރަށް ފާރަވެރިވާނެއެވެ. ސަރަހައްދީ ވާދަވެރިކަން އިތުރުވެގެންދާއިރު، މިއީ ނިއުދިއްލީއަށް އޮތް ގޮންޖެހުމެއް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ތާރީޚީ ގޮތުން ބަލާއިރު ތުރުކީގެ ޚާރިޖީ ސިޔާސަތު ބައްޓަންވަމުން އައިސްފައިވަނީ އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ކަމުގައިވީނަމަވެސް، އުރުދުޣާންގެ ވެރިކަމުގައި މަޑުމަޑުން އެ ސިޔާސަތު އަންނަނީ ބަދަލުވަމުންނެވެ. އޭގެ ތެރެއިން އިންޑިއާ ކަނޑުގައިވާ ޤައުމުތަކަށް އިސްކަން ދިނުން ވެސް ހިމެނޭއިރު، ރާއްޖެއާއި ތުރުކީއާ ވެސް ދަނީ އެ ގުޅުން ބަދަހިކުރަމުންނެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ދާދިފަހުން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެ ގައުމުން ވަނީ ރާއްޖެއަށް އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓަރުކޮށް އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޑްރޯންތަކެއް ވެސް ފޯރުކޮށްދީފައިވެއެވެ.