މި ސީޒަނަށް ފަހު ޗެލްސީގައި ނުހުންނާނެ ކަމުގެ އިޝާރާތެއް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދީފި އެވެ.
ސީޒަން ނިމެން ދެ މެޗަށް ވެފައިވާއިރު އޭނާ ބުނީ ކުރިމަގާމެދު ގޮތެއް ނިންމުމުގެ ބާރު އޮންނަނީ ހަމައެކަނި ކުލަބުގެ ވެރިންނަށް އެކަނި ނޫން ކަމަށެވެ.
އާއްމުކޮށް މިކަން އޮންނަނީ ވެރިންގެ އަތްމަތީގައި. އެމީހުން ނިންމާނީ މާދަމާ އަހަރުމެން އަންނައިރު، ކުލަބުގައި ތިބޭނީ ކޮންބައެއްތޯ. އެކަމަކު ކޯޗިން ސްޓާފުންނަށް ވެސް އެ ބާރު އޮންނާނެ. އެމީހުން މާދަމާ ތިބޭނެތޯ ނުވަތަ ނޫންތޯ ނިންމޭނެ. އެކުގައި މަސައްކަތް ކުރެވޭނީ ކުލަބާއި ކުލަބުގެ ވެރިން ވެސް ހިތްހަމަޖެހިގެން. ސްޕޯޓިޝް ޑައިރެކްޓަރު ވެސް ހިތްހަމަޖެހިގެން. އަދި ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ހިތްހަމަޖެހިގެން.މައުރީސިއޯ ޕޮޗެޓީނޯ
ކުރިން ޓޮޓެންހަމަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދިން ޕޮޗެޓީނާ ޗެލްސީއާ ހަވާލުވީ މި ސީޒަނުގަ އެވެ. އޭނާގެ ފުރަތަމަ ސީޒަން ނިމޭއިރު ވަރަށް ޒުވާން ޓީމަކާއެކު ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ ހަތް ވަނާގަ އެވެ. ކޯޗު ބުނީ ޗެލްސީގެ ފެށުން ގޯސްވިކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެއީ މުޅި ޓީމު ބަދަލުވުމުން އެކަކު އަނެކަކު ދަސްކުރަން ވަގުތުބޭނުންވާތީ ކަމަށެވެ. ނަމަވެސް ސީޒަން ނިމުމަކާ ގާތްވިއރު ހާއްސަކޮށް ސީޒަނުގެ ދެ ވަނަ ހާފުގައި ޓީމުގެ ކުޅުމާއި ނަތީޖާތައް ވެސް ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް މިއީ ކޯޗިން ސްޓާފުން އެކަނި ހިތްހަމަޖެހޭ ނަތީޖާއަކަށްވެއްޖެނަމަ އެކަމުގެ ފައިދާ ނުކުރާނެ ކަމަށެވެ.
ޗެލްސީއާއެކު އޭނާ ހަދާފައިވާ ދެ އަހަރުގެ ކޮންޓްރެކްޓްގެ ފަހު އަހަރު ހޭދަކުރާނެކަމާމެދު ސުވާލު އުފެދޭ ގޮތަކަށް ވާހަކަ ދައްކަމުން އޭނާ ބުނީ ގޮތެއް ނިންމާނީ ސީޒަން ނިމުމުން ކަމަށެވެ.
އަހަރެން ދިއުމަކީ ޗެލްސީ އަށް ދުނިޔެ ނިމުމެއްނޫން. އަހަރެން ނެތަސް މި ކުލަބު ކުރިއަށްދާނެ. އެންމެ މުހިންމު ކަމަކީ ވަކި މީހަކު ހުރުމެއްނޫން އަދި ނެތުމެއްވެސްނޫން. އެންމެވެން ވެސް ހިތްހަމަޖެހޭ ގޮތަކަށް ކުރިއަށް ދިއުން.މައުރީސިއޯ ޕޮޗެޓީނޯ
ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮވިޗްގެ ދުވަސްވަރު ޔޫރަޕުގައި ވެސް ކާމިޔާބު ކުލަބެއްގައި ގޮތުގައި އޮތް ޗެލްސީގައި މިހާރު އޮތީ ވަރަށް ޒުވާން މުޅިން އާ ކުޅުންތެރިންގެ ސްކޮޑެކެވެ. މިހެންވެ މިދިޔަ އަހަރު ދެ އަހަރު އެ ޓީމަށް ކާމިޔާބީއެއް ނުހޯދެ އެވެ. އަވަސް އަވަހަށް ކޯޗުން ބަދަލުވަމުންދިޔައިރު ކުލަބުގެ ވެރިޔާ ޓޮޑް ބޮއެލީ ވަނީ ކުޅުންތެރިން ގަތުމަށް ބޮޑެތި ހޭދަތަކެއްކޮށްފަ އެވެ. ކުލަބުގެ ވެރިންގެ ކަންބޮޑުވުމަކީ މިދިޔަ ދެ ސީޒަނުގައި 200މިލިއަން ޔޫރޯއާ ގާތަށް ހަރަދުކުރިއިރު ތައްޓެއް ނުލިބުމެވެ.