ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންޑިޔާއަށް ދަތުރުފުޅު ކުރެއްވުމާއި ގުޅޭގޮތުން އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އެސް.ޖައިޝަންކަރާއެކު މަޝްވަރާކުރެއްވިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ނޫސް އެޖެންސީއެއް ކަމުގައިވާ އޭއެންއައި އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ވިދާޅުވިކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވަނީ މިދަތުރުފުޅު ވަރަށް އަވަހަށް ކުރެވޭނެކަމުގައެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ރައީސުން ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިޔާއެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީ އަށެވެ. އެއަށްފަހު ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ މިސަރަހައްދުގައި އިންޑިޔާ އާ އެންމެ ވާދަވެރި ގައުމުކަމުގައިވާ ޗައިނާއަށެވެ.
އޭއެންއައިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ދިފާއުކުރައްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު އިންޑިޔާއަށް ދަތުރުކުރެއްވުމާއި ގުޅޭ މަޝްވަރާތައް އިންޑިޔާއާއެކު ކުރެވެމުންދިޔަކަމަށެވެ. ނަމަވެސް ދެ ފަރާތަށްވެސް ފަސޭހަ ވަގުތެއްގައި ދަތުރުކުރެއްވުމަށް އެދަތުރު ފަސްކުރެވުނީކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޖައިޝަންކަރާއެކު އެންމެ ފަހުން ބޭއްވުނު ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އިންޑިޔާއަށް ދަތުރުފުޅު ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށެވެ. އަދި ވަރަށް އަވަހަށް ރައީސް މުއިއްޒު އިންޑިޔާއަށް ދަތުރުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ޒަމީރު ވަނީ ޗައިނާގެ އަސްކަރީ އެއްވެސް ހަރަކާތެއް ރާއްޖޭގައި ނުހިންގާކަމަށެވެ. އަދި މިސަރުކާރުން ވަނީ ބޭރު އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކަށް ރާއްޖޭގެ ފަސްގަނޑުގައި ނުތިބެވޭނެކަން ސާފުކޮށް ބުނެފައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މިސަރަހައްދުގެ ގައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރަމުންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.