ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 16:22
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ސަރުކާރުން "ރަނޑުގޮތަކަށް" މީޑިއާތައް އޮބިއަޅަނީ
 
ސަރުކާރަށް ސަނާ ނުކިޔާ ނޫސްތަކުގެ އިސްތިހާރުތައް ދަނީ ނަގަމުން

ރާއްޖޭގެ ނޫސް މަޖައްލާތަކާއި ޓީވީ ޗެނަލްތަކުގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން ތިއްބެވި އެއްތަނަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރެވެ. ނޫސްތަކުގެ ބަލަދުވެރި ފަރާތްކަމުގައި މިއަދު އެ ހުންނެވީ އެ ހާލަތު އެންމެގާތުން ފެނިވަޑައިގެން އެކަމުގެ އަހުވައާއި ހިތި ތަޖުރިބާ ކުރެއްވި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އެވެ. ދެން ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލާއި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަކީ ރާއްޖޭގެ ނޫސްތަކަށް މާލީ ގޮތުން އޮތް ބޮޑު ގޮންޖެހުންތައް އޮންނަ އެ ދާއިރާ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވިދާޅުވަމުން ގެންދެވީ ނޫސްތައް ކުރިއަރުވާ އެންމެ ރަނގަޅުގޮތް ހެދުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމެއް ކަމަށާއި ސަރުކާރުން މިކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އެކަމަކު ސަރުކާރުގެ އަމަލުތަކުން ފެންނަނީ މުޅިން އެ މަންޒަރެއް ނޫނެވެ. "ވާއަތުން ފިރުމާފައި ކަނާއަތުން ޖެހުންފަދަ" މަންޒަރެކެވެ. މީން ޒަމާނެއްގައި ނޫސްވެރިންނަށް އެމީހުންގެ ފޯނު ރައީސް އޮފީހުގައި އޮންނަ ޕްރެސް ކޮންފަރެންސަށް ނުވެއްދޭނެ ހާލަތެއް ނާދެއެވެ. ޒަމާނަށް އައި ކުރިއެރުމާއި ރާއްޖޭގެ ނޫސްވެރިންގެ ހުށިޔާރުކަމާއި ޒަމާނީ ވަސީލަތް ބޭނުން ހިފުމުގެ ނަތީޖާއެއްގެ ގޮތުން މޮބައިލް ފޯނަކީ އެފަދަ ޕްރެސް އެއްގައި ބައިވެރިވާ ނޫސްވެރިއާގެ އެންމެ މުހިއްމު އެއް ވަސީލަތެވެ. ދެކެވޭ ވާހަކަތަކާއި ގުޅިގެން އުފެދޭ ސުވާލުތައް ކުރުމަށެވެ. ބައެއް ކަންކަމުގެ ތާރީޚްތައް ހޯދާލުމަށެވެ. ނުވިތާކަށް ދެކެވޭ ވާހަކަތަކުގެ މުހިއްމު ބައިތައް ރާއްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ލައިވް ކުރުމާއި ހޫނު ޚަބަރާއި ކުއްލި ޚަބަރު ގެނެސްދިނުމުގެ މެދުވެރިއަކީ އެތަނަށް ވަންނަ ނޫސްވެރިއާގެ މޮބައިލް ފޯނެވެ. އެހެންނަމަވެސް އެފޯނު ބޮޑު ނުރައްކަލަކަށް ހަދައި ރައީސް އޮފީހުގެ ހަތަރުފާރު އެތެރެއިން ނުވެއްދޭގޮތައް ހެދި ހެދުމަކީ ނޫސްވެރިންގެ ގައިގާ އަޅައި ފަހަތައް ކޮއްޕާލި ކޮއްޕާލުމެކެވެ.

އެއަށްވުރެ ގޯސްވީ އެކަން މުޅި ރާއްޖޭގައި އާއްމުވެ ރައްޔިތުންގެ މެދުގައި އަޑުގަދަވީމާ ތަރުޖަމާނު އެއަށް ދެއްވި ޖަވާބެވެ. ލައިވްކޮށް ދެއްކެވި ވާހަކަ މުޅިން އެހެން ގޮތަކަށް ބަދަލުކުރައްވައި އެއީ ނޫސްވެރިން އެ ޚަބަރު ގެނެސްދިނުމުގައި އޮޅުވާލި އޮޅުވާލުމެއްކަމަށް ވިދާޅުވެ ހައްގުން ކަމަކާ ނުލައި ނޫސްވެރިންގެ ބޮލުގައި އެޅުވި ބޮޑު ތުހުމަތެވެ.

ދައްކާން މިއުޅެނީ އެވާހަކައެއް ނޫނެވެ. އަދި ނޫސްވެރިކަމުގައި މިއަދު ރާއްޖެ ފަހަތަށް ޖެހުނު ވާހަކައެއް ވެސް ނޫނެވެ. އެއަށްވުރެ މާ ސީރިއަސް ކަމަކާ ރާއްޖޭގެ ނޫސްތަކާއި ޓީވީ ޗެނަލްތައް މި ވަނީ ކުރިމަތިލާން ޖެހިފައެވެ. ނުވަތަ ކުރިމަތިލާން ޖައްސާފައެވެ. "އަތްނުލައި ނޫސްތައް ހަމަ ބިމަށް ތިރިކުރަން" ފަށާފައެވެ.

މާލީގޮތުން ނޫސްތައް އިނދަ ޖައްސާލުމެވެ. ސަރުކާރަށް ސަނާ ނުކިޔާ ނުވަތަ ސަރުކާރުން ކުރާ ބައެއް ނޭދެވޭ ކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ނޫސްތަކާއި ޓީވީ ޗެނަލްތަކަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ދެމުން އައި ހުރިހާ އިސްތިހާރެއް އެދަނީ ކަނޑާލަމުންނެވެ. ބައެއް ކުންފުނިތަކުން އިސްތިހާރު ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ވެސް ހަމަނުވަނީސް މިވަނީ އެއްބަސްވުން އުވާލައި ނޫސްތަކާއި ޓީވީ ޗެނަލަތަކަށް ސްޕޮންސަރގެ ގޮތުގައި ދެމުން އައި ފައިސާ ދިނުން ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ސަރުކާރުގެ އިސްފަރާތްތައް އުފައްދާފައިވާ އާދައިގެ ކުދިކުދި އޮންލައިން ނޫސްތަކަށް އެފައިސާ ދީގެން ސަރުކާރަށް ސަނާކިޔައި ހުޝާމިދު ކުރަން އެވަނީ ފަށާފައެވެ.

ކުރިންވެސް ބުނި ފަދައިން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލާއި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް މިއީ ކިހާވަރެއްގެ ކަމެއްކަން ނެނގޭނަމަ، މިކަން އެނގޭނެ އިތުރު ބަޔަކު މި އުޑުދޮށުގައި ނުތިބޭނެވެ. ރާއްޖޭގެ ނޫސްތަކަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ދޭ ސްޕޮންސަރ ފައިސާ ނުލިބޭ ނަމަ އެ ނޫސްތަކާއި ޗެނަލްތައް ފެންމަތީގައި އޮތުމަކީ ފަސޭހަކަމެއް ނޫންކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

އެހެންކަމުން "މީޑިއާ ވިލެޖް" މަސައްކަތް ކުރާނެ ތަންތަނޭ ބުނެ ކިތައްމެ ސަޅިއެއް ކެނޑިނަމަވެސް ހަގީގަތަކީ އެއީ ނޫސްވެރިކަން ކުރިއެރުވުން ނޫންކަމެވެ. އޭގެ ބަދަލުގައި އެއީ ރަނޑު ގޮތަކަށް ރާއްޖޭގެ ނޫސްވެރިކަން އޮބަހެއްޓުމެވެ. މައުލޫމާތު ނުދީ ކަންކަން ސިއްރުކުރުމުގެ އިތުރުން މިއީ ނޫސްވެރިން ހަމަ ބިމަށް ތިރިކުރަން ސަރުކާރުން ހިންގާ " ރަނޑު އަދި ފިނޑި" އަމަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް