ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް މިރޭ ކުޅޭ މެޗުގެ %51 އެޑްވާންޓޭޖް އޮތީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކަމަށް ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މި ދެ ޓީމު ޖަރުމަނުގައި ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. މިހެންވެ މިރޭ ފައިނަލް ކުޅޭނެ ޓީމެއް ކަނޑައަޅަން ނަތީޖާ ނެރެންޖެހޭނެ އެވެ. އެއްވަރުވެއްޖެނަމަ އިތުރު ވަގުތުގެ 30 މިނިޓް ކުޅޭނެ އެވެ. އެވަރުން ވެސް އެއްވަރުވެއްޖެނަމަ ޕެނަލްޓީ ޖަހާނީ އެވެ.
ޓުޗެލް ބުނީ ފުރަތަމަ ކުޅުނު މެޗުގައި ރަނގަޅީ އޭނާގެ ޓީމު ކަމަށެވެ. ނަމަވެސް ރެއާލް އަށް ކުޑަ އެޑްވާންޓޭޖެއް ލިބެނީ އެމީހުންގެ އަމިއްލަ ދަނޑުގައި މެޗު ކުޅޭތީ ކަމަށެވެ.
މިއީ ކޮންމެ ކުޑަކުއްޖަކު ވެސް ބަލާނެ މެޗެއް. މި މެޗުން މޮޅުވެގެން ތަށި ހޯދުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް. ބަޔާން އަކީ މިކަން ކުރެވޭނެ ވަރުގެ ޓީމެއް. އެކަމަކު ރެއާލްގެ ދަނޑުގައި ކުޅޭއިރު ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެ. މިއީ މުބާރާތުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ ދަނޑެއް. އަދި ރެއާލް އަކީ އެންމެ ކާމިޔާބު ޓީމު. އެމީހުންނަކީ ދުނިޔޭގެ އެންމެ ބޮޑޫ ކުލަބު. ހަމައެފަދައިން އަހަރުމެންނަކީ ވެސް ބޮޑު ކުލަބެއްޓުޗެލް
ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާ ބުނީ ރެއާލްގެ ދަނޑުގައި ކުޅޭއިރު ވިސްނަންވީ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އަހަރެންނަށް އެނގޭ މި ދަނޑު. މިއީ ވަރަށް ތާރީހީ ދަނޑެއް. ޔޫރަޕުގައި މިފަދަ ދަނޑުތައް މާގިނައެއްނުވާނެ. މިތަނުގައި ކުޅޭއިރު އިހުސާސްތައް ހިފަހައްޓަންވާނެ. އެކަންކަން ކޮންޓްރޯލްކޮށްގެން އިތުބާރާއެކު ހުންނަންވާނެ. އަމިއްލަ ނަފްސަށް އިތުބާރު ހޯދުން ވަރަަށް މުހިންމު. ޕްރެޝަރު އޮންނާނެ. އެކަމަކު ކާމިޔާބު ނުހޯދޭނެ ސަބަބެއްނެތް މި މެޗުންނޯޔާ
ރެއާލް މެޑްރިޑަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު ބަޔާން ވަނީ ހަ ފަހަރު ތަށި ހޯދައިފަ އެވެ.
މިރޭގެ މެޗު ފަށާނީ މާލޭ ގަނޑިން 12 ޖަހާއިރު އެވެ.