ކ. މާލެ
|
7 މެއި 2024 | އަންގާރަ 07:09
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން
މުހައްމަދު އަނިލް
މަގޭ ރިޕޯޓް
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް
 
"މިއުޅެނީ ބަލި ދަރިފުޅު ގޮވައިގެން ނުފުރިގެން"
 
"ކެންޕޭން ދުވަސްވަރު އޮތް ގާތްކަމެއް ނެތް. ފޯނެއް ނުނަގާ"

ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ވާހަކަ މުޅިންހެން އޮބެނީއެވެ. އިންތިޚާބަށް ސަރުކާރުން ދެއްކި ދަޅައާއި ބަހާލިހާ ވަޒީފާތަކުގެ ވާހަކަތަކުގެ އަޑު މަޑުވަމުންދަނީއެވެ. ވަޒީފާ ދޭނެ ކަމުގެ އަވައިގާޖެހި ކުރިމަސައްކަތާއި ބަދަލުކޮށްލި ކޮޅުގެ ހިތިކަމުގެ ވާހަކަވެސް އިވޭން ފެށީއެވެ.

މިއަށްވުރެ ބޮޑަށް މިހާރު އިވެނީ މުޅިން އެހެން ވާހަކައެކެވެ. އޭރުވެސް ގިނަ ބަޔަކަށް އެނގޭ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަންކަން އާއްމުންނާ ހަމައަށް ސީދާ މުތުލަގަށް ތިލަވަމުންދިއުމެވެ. ވޯޓު ދިނީ ކީއްވެ ކަމާއި އެވޯޓަށް ކީ އަގާއި ނެގި އަދަދުތަކުގެ ވާހަކަ "ބުޅާ ގޯނިން ބޭރުވަމުން" ދަނީއެވެ.

އެހެން އަހަރުތަކަށްވުރެ ގަދައަށް މިފަހަރު އޮތީ ފައިސާގެ ކުޅިގަނޑުގެ ވާހަކަ ހާމަޔަށެވެ. ތިމާގެ ވޯޓު ސޭލް އެޅުވީ ރޯމާ ދުވާލުއެވެ. އާއިލާގެ މީހުންނާއި އަނބިދަރިން ވޯޓުލާން ފޮނުވަން އެއްބަސްވީ އެބުނާ އަދަދަކަށް ޖަމާވީމައެވެ. ތޯތޯއެއް ނޫނެވެ. ސީދާ ނަގުދު ކޭޝްގެ އަދަދެވެ.

ބައެއް މީހުން އެމީހުންގެ ވޯޓު ވިއްކާލީ އެމީހުންގެ މުހުތާދުތައް ހަމަޖައްސައިދީ މަހުންމަހަށް ވަމުންއައި އެހީތެރިކަމުގައި ދިރިއުޅެމުން އައި މީހުންނެވެ. ބަލަމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މަހުގެ 1 ވަނަ ދުވަހު އެހީތެރިކަން ފޯރުކޮށްދެމުން އައިކަން ހަނދާން ނައްތާލާފައެވެ. މުޅި ގޭގެ އެންމެން ވޯޓުލާން ނުގޮސް މަޑުކޮށްލީ ދެންހުރި ކެންޑިޑޭޓް ވަކި ރޭޓަކުން ޖުމްލަކޮށް ވަގުތުންދިން ފައިސާގައި ހިފާފައެވެ. ދާއިމީ އެހީތެރިކަން ނަގާ އެއްލާލީ ވަގުތީ ފައިދާއަށެވެ.

އަނެއްބަޔަކު ވޯޓުލާންދާން ރަށަށް ފުރީ ދާއިމަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ މީހާގެ މުއްފަތުން ކައިބޮއެ، އެމީހުންނަށްޓަކައި ހިފާފައިހުރި އެޕާޓްމަންޓުން ނުކުމެގެންނެވެ.

އެއްބަނޑު އެއްބަފާ މީހާވެސް ކޮޅު ބަދަލުކޮށްލީ ފަހުވަގުތު ހުށަހެޅި ވަޒީފާއިންނެވެ. ޕާޓީއާއި އެއް ލޭ ހިނގާ އާއިލާއާއި، އެކު އުޅުނު ރައްޓެހިންނާއި އެއްފިކުރެއްގައި ވާހަކަ ދައްކަމުންދިޔަ ގާތްމީހުން އެކަހެރިކޮށްލާފައެވެ.

ސުމާރެއްނެތި ބަހާލި ސިޔާސީ ވަޒީފާތަކާއި ކުންފުނިތަކުން ދިން ކޮންޓްރެކްޓް ވަޒީފާތަކާއެކު ބާރާއި އާރުގައި ސަރުކާރުން ސުޕަރ މެޖޯރިޓީ އެވަނީ ނަގާފައެވެ. މަޖިލީސް އެއްކޮށް ސަރުކާރުގެ ފައިކޭޓަށް އެވަނީ ޖަހާލެވިފައެވެ. ހެދިއެއްޗެއް ހެދީއެވެ. ވީކަމެއް ވީއެވެ. ކަން އެއޮތީ ނިމިފައެވެ. ބޭނުންވި ގޮތް ސަރުކާރުން އެވަނީ ހާސިލްކޮށްފައެވެ. އެހިންގި ކަންކަމުގެ އަޑުވެސް ގާތްގަޑަކަށް މިހާރު ވަޔާއެކުވެ ނިމުނީއެވެ.

އެކަމަކު ނުނިމި އާލާވާން ފެށީ މުޅިން އެހެންކަމެކެވެ. ގަދަވާން މިފެށީ ކުރިންވެސް އިވޭންފެށި އަޑެވެ. ހައްގުތަކުގެ ވާހަކައެވެ. ތިމާގެ ހައްގެވެ. މެންބަރު ފޯނު ނުނެގުމެވެ. ކެމްޕޭނުގައި އޮތް ގާތްކަން ނެތުމެވެ. ރަސްމީކޮށްވެސް ވާން އޮންނަ ކަންކަންވެސް ނުވާން ފެށުމެވެ. ކަޅާއިހުދުން ގާނޫން އަސާސީއާއި ގާނޫންތަކުގައި ލިޔެފައިހުރި ވާހަކަތަކުން ލިބިދޭން ޖެހޭ ހައްގުތައް ނުލިބުމެވެ. އެކަމަށް ސަރުކާރުގެ އަޅާލުމެއް ނެތުމެވެ. އިންތިޚާބީ މެންބަރުގެ ހިލަމެއް ނުވުމެވެ.

ވާނީވެސް އެހެންތާއެވެ. މެންބަރުންވެސް އެބުނަނީ މުޅިއަކުން ދޮގުވާހަކައެއް ނޫނެވެ. އޭރު އެކަން ކުރެވުނީ ލައްކަވަރުންނެވެ. ޖީބު ހުސްކޮށްލައިގެންނެވެ. އެންމެ މީހަކަށްވެސް ކުރަންޖެހުނު ޚަރަދު އިންތިހާއެވެ. މިއަދު ބުނާ ކަހަލައެވެ. އަހަރެން މިކަން ކުރީ ގަނެގެންނެވެ. ވިޔަފާރި މިހާރު ނިމުނީއެވެ.

ކޮންމެއަކަސް މިއީ މިހާރު ރާއްޖޭގެ ހާލަތެވެ. އިންތިޚާބުގެ ތެރޭގައި އެޅުވި ސޭލަށް ވިއްކި ވޯޓަށްފަހު ދެން އިވޭނީ ހައްގުތަކުގެ ވާހަކައެވެ. ކަންކަން ނުވީމާ ނުވި ވާހަކައެވެ. ރައްޔިތުންގެ ހައްގުގައި ބަސްނުބުނާ ވާހަކައެވެ. މެންބަރުންގެ ވާހަކަތައް އެމީހުންގެ ފައިދާއަށް ހުންނަ ވާހަކައެވެ. އަލަށް އިންތިޚާބުވި މެންބަރުން އަދި ހުވާވެސް ނުކުރަނީސްވެސް އެވާހަކަތައް މިހާރުވެސް އެވަނީ އިވެން ފަށާފައެވެ. މުޒާހަރާތަކާއި އިހުތިޖާޖްތަކަށް މިހާރުވެސް އެދަނީ ފައްކާވަމުންނެވެ. އެކަމަކު މިއަޑު ގަދަވެ ވައިގާ އަދި ހިފާނީ އާ މަޖިލީހުގެ މަސައްކަތްވެސް ފެށުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
25%
75%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި