ކ. މާލެ
|
5 މެއި 2024 | އާދީއްތަ 18:40
ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް- ފައިލް ފޮޓޯ
ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް- ފައިލް ފޮޓޯ
ރާއްޖެއެމްވީ
މީޑިއާތަކަށް ސަރުކާރުން ދަތިކުރުން
ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
 
ސަރުކާރަށް ތާއީދުކޮށް ޚަބަރު ޝާއިއު ނުކުރާ ގިނަ މީޑީއާތަކަށް ސަރުކާރުން ދަނީ ގިނަ ފިއްތުންތައް ކުރިމަތިކުރުވަމުން
 
ބައެއް ކުންފުނިތަކުން ސްޕޮންސަރ ކަނޑާލާފައިވަނީ އެގްރިމެންޓްގެ މުއްދަތު ހަމަނުވަނީސް
 
ސްޕޮންސަރ ދެނީ ރައީސް އޮފީހުން އަންގާ މީޑިއާތަކަށް

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައި, ރާއްޖެޓީވީއަށް ދަތިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މީގެ ކުރިން ސަރުކާރުގެ ގިނަ ކުންފުނިތަކުން ރާއްޖެޓީވީއަށް ވިޔަފާރި އުސޫލުން އެތަންތަނުގެ ޕްރޮޑަކްޓް އިސްތިހާރު ކުރުމުގެ ގޮތުން އައީ ސްޕޮންސަރ ދެމުންނެވެ.

އެއީ ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްއޭސީއެލް، އެޗްޑީސީ، ސްޓެލްކޯ، އެސްޓީއޯ އަދި އެމްޓީސީސީއެވެ. މީގެ އިތެރެއިން ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ އަދި އެމްޓީސީސީން ސްޕޮންސަރ ކަނޑާލާފައިވަނީ އެގްރިމެންޓް ހަމަނުވަނީހެވެ. އަދި އެހެން ކުންފުނިތަކުން ވަނީ އެގްރިމެންޓް އައު ނުކުރުމަށް ނިންމާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރަށް ތާއީދުކޮށް ޚަބަރު ޝާއިއު ނުކުރާ ގިނަ މީޑީއާތަކަށް ސަރުކާރުން ދަނީ ގިނަ ފިއްތުންތައް ކުރިމަތިކުރުވައި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން ދީފައިވާ ސްޕޮންސަރ ކަނޑާލަމުންނެވެ. އަދި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ސްޕޮންސަރ ދިނުމުގައި ސީދާ ރައީސް އޮފީހުން އަންގާ މީޑިއާތަކަށް ނޫނީ ސްޕޮންސަރ ދިނުން އެ ކުންފުނިތަކަށް މަނާކޮށްފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް މިސަރުކާރުން ބުނަމުންދަނީ މީޑިއާތައް ކުރިއަރުވައި އައު މަޖިލިހާއެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ ކަމަށެވެ. މިހާރު ވަނީ މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިން ވެސް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރު ކުންފުނިތަކަށް ބައެއް މީޑިއާތަކަށް ވިޔަފާރި އުސޫލުން ދެމުން އައި ސްޕޮންސަރތައް ކަނޑާލުމަށްފަހު ސަރުކާރުން މީޑިއާތަކަށް ފައިސާދޭން ކުރަމުންދާ މަސައްކަތަކީ މީޑިއާތައް އަޅުވެތިކޮށް ސަރުކާރުގެ ''މައުތުޕީސް'' ތަކަކަށް ހެދުމަށް ކުރަމުންދާ ކަންތައްތަކެއް ކަމަށް ގިނަ މީޑީއާތަކުން ގަބޫލުކުރެއެވެ.

މީގެ އިތުރުން މިފާއިތުވެދިޔަ ދުވަސްތަކުގައި ނޫސްވެރިންނަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ ވަނީ 6 ދަރަޖަ ދަށަށް ގޮސްފައެވެ.

އެގޮތުން ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކްކޮށް، ހިޔާލު ފާޅުކުރުމަށް ހުރަސްއެޅި މައްސަލަ ފެންމަތިވިއެވެ. ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކޮށް، ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ވަނީ މަސައްކަތްކޮށްފައެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން ވެސް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
21%
14%
0%
43%
21%
ކޮމެންޓް