ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 18:48
މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް ހަމަޖައްސުމަށް ސޮއިކުރަނީ
މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް ހަމަޖައްސުމަށް ސޮއިކުރަނީ
ފޭސްބުކް
ލ.ގަން ވޮލީ މުބާރާތް
ލ.ގަމުގައި އަލްހާ އީދަށް އަމާޒުކޮށްގެން ބައިބަލާ މުބާރާތެއް ބާއްވަނީ!
މުބާރާތް އޮންނާނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައަޅާފައި

ލ.ގަމުގައި އަލްޙާ އީދު ކުލަގަދަކޮށް ފާޙަގަކުރުމުގެ ގޮތުން ބައިބަލާ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ގަމު ރިއަލް އައިލެންޑް ސޮސައިޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ  މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްނޯ އިންވެސްޓްމެންޓް ހަމަޖައްސައި އެއްބަސްވުމުގައި އާދީއްތަ ދުވަހު ވަނީ ސޮއި ކޮށްފައެވެ.

އާދިއްތަ ދުވަހުގެރޭ ސީގަލް ކެފޭގައި ބޭއްވި ކުރު ހަފްލާއެއްގައި މެއިން ސްޕޮންސަރުގެ  އެއްބަސްވުމުގައި ސްނޯ އިސްވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު ޙަބީބެވެ. އަދި ރިއަލް އައިލެންޑް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ސުޖާއު އާއި ބޯޑު މެމްބަރު މޫސާ ޙަމްދީއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ސްނޯ އިންވެސްޓްމެންޓްގެ ޗެއާމަން މުޙައްމަދު ޙަބީބު ވިދާޅުވީ އެ ކުންފުންޏަކީ ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކުގައި އަބަދުވެސް އެހީތެރިކަން ފޯރު ކޮށްދެމުންދާނެ ފަރާތެއް ކަމަށެވެ.

ރިއަލް އައިލެންޑް ސޮސައިޓީގެ ފަރާތުން އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ސުޖާއު ވިދާޅުވީ މި މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ސްނޯ އިންވެސްޓްމެންޓްގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، މި މުބާރާތަކީ އަތޮޅު ތެރޭގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި ވާދަވެރި މުބާރާތަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ މި މުބާރާތަކީ މިއަހަރު ލ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ނަމަވެސް އަންނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.

މި މުބާރާތުގެ ސްޕޮންސާގެ ގޮތުގައި ސްނޯ އިންވެސްޓްމެންޓްގެ ފަރާތުން ފޯރުކޮށްދީފައި ވަނީ އެ ކުންފުނިން މުޅިން އަލަށް ދިވެހި މާކެޓަށް ނެރުނު ތިން ވައްތަރެއްގެ ސޮފްޓް ޑްރިންކެވެ. އެއީ ޑރ. ތަންހް ހާބަލް ޑްރިންކާއި ޒީރޯ ޑިގްރީ ލެމަން ގްރީން ޓީ އަދި ނަމްބަރ ވަން އެކްޓިވް ލެމަން އައިސޯޓޮނިކް ޑްރިންކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް