ބަނޑުއަޅައި ވިހެއި މައިމީހާ ނިޔާވި ހަބަރަށް ވުރެ ހިތްދަތި ހަބަރެއް އޮންނާނެ ހެއްޔެވެ؟ އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކޮށްލާ ވަގުތުގައި އެ މައިމީހާގެ ގާތުގައި ހުރުމަށް ނޭނދޭނީ ކާކު ހެއްޔެވެ؟ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މަންމަ އާދީއްތަ ދުވަހު ނިޔާވިއިރު، އޭނާ ހުންނެވީ ޖަލުގައެވެ.
ޖުލައި 24 ގައި މަޖިލިހުގެ އިދާރާއަށް ވަދެވަޑައިގަތް މައްސަލައިގައި ޖުލައި 28 ވަނަ ދުވަހު ސައުދު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ. މިއީ ސިޔާސީ ކަމެކެވެ. މަޖިލީހުގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތުޙުމަތު އުފުލައި ތަޙުޤީޤު ފަށައި، ބައެއް މެމްބަރުން ޖަލަށް ލާފައިވަނީ، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުމަށް ފަހުއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސައުދު ޖަލަށް ލާފައިވަނީ ނުހައްގުންނެވެ. ބިރު ދެއްކުމަށެވެ. ސައުދު ޖަލަށްލީއިރު އޭނާގެ މަންމަ އޮންނެވީ ހޮސްޕިޓަލްގައެވެ. މަންމަގެ ގައިގައި ފިރުމާލަ ފިރުމާލައި އިންނަވާ ސައުދު ކުއްލިއަކަށް ވަކިވުމުން، އެ މުސްކުޅި މަންމައަށް ފުން އިހްސާސްކުރުވިއެވެ. އިތުރު ވޭނެކަށްވިއެވެ. ހިތްދަތި ކަމަކަށްވިއެވެ. ޖަލަށްލިތާ ނުވަ ދުވަސް ފަހުން ސައުދަށް ފެނިވަޑައިގަތީ މަންމަގެ ފުރާނަ ނެތް މަސްގަނޑެވެ. މިވަރުގެ ހިތްދަތިކަމެއް ދޭން ސައުދުގެ ކުށަކީ ކޮބައި ހެއްޔެވެ؟
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުން ހެއްޔެވެ؟ ރައީސް ޔާމީންގެ ފިކުރުފުޅަށް ތާއިދު ނުކުރެއްވުން ހެއްޔެވެ؟ އެ ނޫން ސަބަބެއް އޮތް ނަމަ، އޭގެ ކުރިން ވެސް ޖަލަށް ލާނެއެވެ. ސައުދާއެކު ޕީޕީއެމްގެ 11 މެމްބަރަކު މަސީހާ ދެކޮޅަށް ސޮއިކުރެއްވިއިރު ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަނީ އެ އަމަލަކީ ބަގާވާތް ކުރައްވަން އުޅުއްވުމުގެ އަމަލެއްގެ ގޮތުގައެވެ. އެހެންެވެ، މެމްބަރުންގެ ކިބައިން ބަދަލު ހިތްޕަވަނީ ކަމަށް ވެދާނެއެވެ. ސައުދުގެ މަންމަ ނިޔާވި ހަބަރު ލިބުމަށް ފަހުވެސް، މޫނު ދެކިލުމަށް ގެންދިއުމުގެ ކުރިން ގެންދިޔައީ ކޯޓަށެވެ.
މި އަނިޔާވެރި ދުނިޔޭގެ ރަހުމެއް ނެތް ފަސްގަނޑުދަށަށް ސައުދުގެ މަންމަގެ ސަންދޯއްލައި ފަސްއެޅިއެވެ. ހިތުގެ ކެކުޅުން އިތުރުވެ، ހިތް ފަޅައިގެން ނުދާނެ ހެއްޔެވެ؟ މުޅި އާއިލާއަށް ކުރިމަތިވި މޮޅިވެރިކަމާއި ހިތާމަވެރި މި ހާލަތުގައި ވެސް އިހްސާންތެރިވުމުގެ ބަދަލުގައި ސަރުކާރުން ބެލީ ސައުދު އަނބުރާ ޖަލަށް ގެންދިއުމަށެވެ. ސަންދޯއް ވަޅަށް ތިރިކުރުން ލަސްވެގެން ތިބި ކަހަލައެވެ. ކަށުކަމާކެމީގެ ކަންކަން ނިމުމާއެކު ގެންދިޔައީ ޖަލަށެވެ. ރޮއިރޮއި ހުންނަވަނިކޮށެވެ.
މި މަންޒަރު ރާއްޖެ ޓީވީ އާއި ރާއްޖެ އެމްވީގެ ކެމެރާމަން މުހައްމަދު ޝަރުހާންގެ ލެންސަށް އެރިއެވެ. މިފޮޓޯއިން އެތައް ބައެއް ރޮއްވާލިއެވެ. ވަލު ޖަނަވާރަކަށް ވިޔަސް، މަޚްލޫގަކަށްވީތީވެ، ތޮބިއީ ގޮތުން ވަކި ކަންތައްތަކެއް ހުރެއެވެ. އާއިލާގެ މީހަކު ނުވަތަ އެކުވެރިޔަކު މަރުވެއްޖެ ނަމަ ހިތާމަކުރެވެއެވެ. ކަރުނަ ފާއްދާލައެވެ. ރޮއެވެ. އެ މީހެއްގެ ގާތުގައި ހުރެވެއެވެ. އާއިލާގެ ހިތާމައިގައި ބައިވެރިވެވެއެވެ.
ނަމަވެސް، ސައުދުގެ މަންމަގެ ޖަނާޒާއިން ސަރުކާރުގެ ވެރިންނާއި ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ބޭފުޅުން ފެނިގެން ނުދިޔައެވެ. ސައުދާއެކު މަޖިލީހުގައި ދުވަސްތައް ހޭދަކުރެއްވި އޭނާގެ ބައެއް އެކުވެރިންނާއި ސިޔާސީ ހިޔާލު ތަފާތުވުމުން، ސައުދުގެ މަންމަގެ މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވުންވެސް ކުށަކަށް ވެދާނެ ކަމަށް ގަބޫލުކުރީ ކަމަށް ވެދާނެއެވެ. ނުވަތަ ރައީސް ޔާމީން ކޯފާވެ ވަޑައިގެންފާނެތީ ވަޑައިނުގަތީ ކަމަށް ވެދާނެއެވެ. ނުވަތަ ސިޔާސީ ފިކުރު ތަފާތުވުމުން، އެކުވެރިޔަކަށް ވިޔަސް، ލިބޭ ހިތާމައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ގަބޫލުކުރަނީއެވެ.
ސައުދުގެ މަންމަގެ ޖަނާޒާގެ ކަންތައް ދިޔައިރު، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ފެކްޝަންގެ މެމްބަރުން ދިޔައީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ޖަލްސާއެއް ބާއްވަމުންނެވެ. އެމީހުން ހިތެއް ނެތީއެވެ. އެހެން ނޫންނަމަ، އަސަރު ކުރާނެއެވެ. ޖަނާޒާގައި ބައިވެރިވާނެއެވެ. އާއިލާގެ ހިތާމަގައި ބައިވެރިވާނީ ހަމައެކަނި ޓްވީޓަކުން ނޫނެވެ. ހަގީގަތުގައި އެ ބައިމީހުންގެ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތީއެވެ.