ހާލަންޑްގެ ހަތަރު ލަނޑާއެކު މޮޅުވެ، ޗެމްޕިއަން މެންޗެސްޓަރ ސިޓީން ލީގު ދިފާއުކުރުމުގެ އިތުބާރު ދަމަހައްޓައިފިއެވެ.
ހާލަންޑްގެ 4 ލަނޑާއެކު, ވުލްވްސް އަތުން ސިޓީ މޮޅުވީ 5-1 ނެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހަތަރު ލަނޑު ޖެހީ ހާލަންޑެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީ އަކުންނެވެ. ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި ޖެހީ ރޮޑްރީ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ހާފް ނިމުމުގެ ކުރިން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހެޓްރިކް ހެދީވެސް ޕެނަލްޓީ އަކުންނެވެ. ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ނުވަވަނަ މިނެޓުގައެވެ. އެއީ ފޮޑެން ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ސިޓީގެ ފަހު ލަނޑު 85 ވަނަ މިނެޓުގައި ޖެހީ އަލްވަރޭޒް އެވެ. އޭނާއަށް ވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ތަފާތު މޮޅަށް ކުޅެމުން އަންނަ ރޮޑްރީ އެވެ. ވުލްވްސްގެ ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފްގެ ކުރީކޮޅު ހުވަން ހީ ޗަން އެވެ.
މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓާ އެކުއެވެ. ޕޮއިންޓެއްގެ ފަރަގަކާއެކު އާސެނަލް އެއްވަނައިގައި އޮތީ ސިޓީއަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. އެއީ 36 މެޗުން 83 ޕޮއިންޓާ އެކުއެވެ.