ރޭގެ މެޗާ ހަމައަށް ޗެމްޕިއަން ޓީމްގެ ގޮތުގައި އޮތް ބާސެލޯނާ, ޖިރޯނާ އަތުން ބަލިވުމުން ރެއާލް މެޑްރިޑަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރު ވެއްޖެ އެވެ.
ކާޑިޒް އަތުން 3-0 ން ރެއާލް މޮޅުވެ, ލީގުގެ އުއްމީދުގައި ބާސެލޯނާ މެޗު ބަލަން ތިއްބާ ލީގު ކަށަވަރުވީ ބާކީ 4 މެޗު އޮއްވައެވެ. ޖިރޯނާ އަތުން ބާސެލޯނާ ބަލިވުމުން ބާކީ އޮތް 4 މެޗުންވެސް ރެއާލް މެޑްރިޑާ އަރާ ހަމަކުރުމުގެ ފުރުޞަތެއް ބާސެލޯނާ އަކަށް ނެތެވެ. ލީގު ތާވަލްގެ ދެވަނައިގައި އޮތީ ބާސެލޯނާ އެވެ. ޖިރޯނާ އަތުން ބާސެލޯނާ ބަލިވީ 4-2 ނެވެ. އަދި އެމެޗުގެ ކުރިން ކާޑިޒް އަތުން ރެއާލް މެޑްރިޑް މޮޅުވީ 3-0 ނެވެ.
ރެއާލް މެޑްރިޑް ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ 34 މެޗުން 87 ޕޮއިންޓާ އެކުއެވެ. ބާކީ އޮތް ހަތަރު މެޗުން މޮޅުވެ 99 ޕޮއިންޓް ހޯދުމުގެ ފުރުޞަތު ރެއާލް އަށް އެބައޮތެވެ. އެހެންވެއްޖެ ނަމަ އެކަން ލީގުގައި ރެއާލްގެ ދެވަނަ އަށް އެންމެ ބޮޑު ކާމިޔާބީ އަށެވެ. މިއީ ރެއާލް މެޑްރިޑުން ލީގު ހޯދި 36 ވަނަ ފަހަރެވެ. ބާސެލޯނާއަށް ލީގު ހޯދިފައި ވަނީ 27 ފަހަރެވެ. ބާސާއަށް ވުރެ އިތުރަށް 9 ފަހަރު ރެއާލް މެޑްރިޑް ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 34 މެޗުން 74 ޕޮއިންޓާއެކު އެވެ. ދެވަނައިގައި މިހާރު އޮތީ 74 ޕޮއިންޓާއެކު ޖިރޯނާ އެވެ. އެޓީމުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ. ބާސެލޯނާ އޮތީ 73 ޕޮއިންޓާއެކުއެވެ.
ރެއާލް އިން މިފަހަރު ލީގު ހޯދިއިރު މިސީޒަންގައި ޓީމާ ގުޅުނު އިންގްލެންޑްގެ ޖޫޑް ބެލިންގަހް ވަނީ ތަފާތު ދައްކާފައެވެ. އޭނާ ލީގުގައި ކުޅުނު 26 މެޗުން 18 ގޯލް ލީގުގައި ޖެހިއެވެ. ރެއާލް އަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގެވެ. އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނައިރު ފުރަތަމަ ލެގު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.