ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 11:51
ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އަދުގެ ސަރުކާރާއި ނޫސްވެރިކަން
ނޫސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާދެއްވާނެތަ؟
 
މައުލޫމާތު ހާމަނުކޮށް ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުން ވަނީ އިތުރުވެފައި
 
އެކި ދާއިރާތަކުން ތައުލީމާ ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވި
 
ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ހާމަކަން ބޮޑު ސިޔާސަތުތަކާއެކު ރައްޔިތުންނަށް އެއްވެސް ކަމެއް ސިއްރުނުކުރައްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ މާ ގިނަ ދުވަހެއް ނުވަނީސް ފެނިގެންދިޔައީ ސަރުކާރުގެ ހާމަކަން ބޮޑު ސިޔާސަތުގެ ބަދަލުގައި، ކަންކަން ހިފަހައްޓައި ސިއްރު ކުރުމުގެ ސިޔާސަތެކެވެ. ހަމައެކަނި ސަރުކާރުން ހާމަކުރަމުންދަނީ ސަރުކާރުން ބޭނުންވާ މައުލޫމާތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެގޮތުން ސަރުކާރު ޕްރޮމޯޓްވާ ވީޑީއޯތަކާއި، މެސެޖްތައް ވަރަށް ގިނައެވެ. އަދި ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ހުރިހާ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެއެވެ. ނަމަވެސް މިކަންކަމުގެ ތެރެއިން ވެސް، ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތެއް ނުވެއެވެ.

ކަންމިހެން އޮތްއިރު ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ނޫސްވެރިންނަށް އަރިސްކުރައްވައި ރައީސް މުއިއްޒު ވަނީ ނޫސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ވެސް ތަކުރާރުކުރައްވާފައެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެންޕޭންގެ ތެރޭގައި ނޫސްވެރިންގެ މުސްތަގުބަލަށް ގިނަކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ވާހަކަފުޅެވެ.

އެގޮތުން ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް ވަރަށް މުހިންމު ކަމަށެވެ. އަދި ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖްތަމައު ހޭލުންތެރިކުރުވުމާއި، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ނަމަވެސް ސަރުކާރަށް މިވީ މަދު ދުވަސްކޮޅަށް ނަޒަރު ހިންގާލާއިރު، ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ރައީސް މުއިއްޒު އެންމެ ފުރަތަމަ މީޑިއާތަކާ ބައްދަލުކުރެއްވީ 3 ޑިސެންބަރު 2023 ގައެވެ. އެމަނިކުފާނު ތުރުކީ އަދި އެކުވެރި އަރަބި އިމާރާތައް ކުރެއްވި ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ މީޑިއާތަކާ ވާހަކަފުޅު ދެއްކެވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ. އެއަށްފަހު ރައީސް މުއިއްޒު ނޫސްވެރިންގެ ސުވާލުތަކާ ކުރިމަތިލެއްވީ 5 ޑިސެމްބަރު 2023 ގަ އެވެ. އޭގެފަހުން އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ ދެ މަސް ދުވަސް ފަހުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ 28 އޭޕްރިލް 2024 ވީ އާދީއްތަ ދުވަހެވެ. އެދުވަހު ހީނާ ވިދާޅުވީ ދެން ކޮންމެ ހަފްތާއަކު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެ ކަމަށާއި، މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަށް ބަދަލު ނާންނަ ކަމަށެވެ. ނަމަވެސް އެދުވަހު ވެސް ނޫސްވެރިން ބޭނުންވި ގައުމުގެ އެންމެ ހައްސާސް މައްސަލަތާއި ގުޅޭގޮތުން މައުލޫމާތު ލިބޭ ގޮތެއް ނުވިއެވެ. މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފްސީލާއި، އިންޑިއާ ސިފައިންގެ އަދަދުތަކާއި ގުޅޭގޮތުން ދެންނެވި ސުވާލުތަކަށް ޖަވާބު ނުދެއްވައި ހީނާ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވީ ފަހުން އެމައުލޫމާތުތައް ފަހުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެއްވެސް މައުލޫމާތެއް ހޯދުމަށް ނޫސްވެރިން މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ބުނެއައި ސަރުކާރުން މިއަދު އިންފޮމޭޝަން ކޮމިޝަރު އޮފީސް(އައިކޮމް)އިން އެންގުމުން ވެސް ބައެއް މައުލޫމާތުތައް ނުދީ ވަނީ ހިފަހައްޓާފައެވެ. ނޫސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ތަކުރާރުކުރައްވަމުން ގެންދަވާއިރު، ހަގީގީ ކުލަޖެހޭ މަންޒަރުގެ ބަދަލުގައި ފެނިގެންދަނީ ނޫސްތަކަށާއި, ޓީވީ ސްޓޭޝަންތަކަށާއި އަދި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާ މަންޒަރެވެ. ދިމާއިދިކޮޅަށް އަމަލުރަމުންދާ މިސަރުކާރުން މިއަދު ނޫސްވެރިންނަށް ކުރިމަގު ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް އެކަންކަންވާނެ ކަމާއިމެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް