ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 15:37
ދިރިއުޅުމުގެ ފަހުގެ މަރުޙަލާތަކުގައި އެންޒައިޓީއާއި އެހެނިހެން ބާވަތުގެ ނަފްސާނީ ބަލިތަކަށް ބަދަލުވެދާނެ ކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން މިއަދު ވިސްނަން ޖެހޭ
ނަފްސާނީ ބަލިމަޑުކަން
އިޒްރޭލުން ފަތުރާ، ވެކްސިނަކަށް ނުގުޑާ ނަފްސާނީ ބަލިމަޑުކަން!
 
ޣައްޒާގައި މިހާރު ހިންގަމުންދާ ގަތުލުއާންމުގެ ނަތީޖާއެއްގެ ގޮތުން، މީގެ އަހަރުތަކެއް ފަހުން، ޣައްޒާގައި ނަފްސާނީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު، އދއިން ވަނީ ދީފަ

މުޅި ދުނިޔެވެސް މިއަދު އެއް އަޑަކުން ގޮވަމުން ދަނީ ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާއަތް ނެތި ކުރުމުގެ ނަމުގައި ޙަމާސް އިން ހިންގަން ފެށި ގަތުލުއާންމަށް 7 މަސްދުވަސް ވާން ދާ އިރު، މިއިން ދުވަހަކު ޙަމަލާތައް ހުއްޓާލަފާނެ ކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. އެއާ ޚިލާފަށް، މުޅިންހެން ފެންނަނީ ޙަމަލާތައް ވަރުގަދަ ކުރާ މަންޒަރެވެ. މަރުގެ ރިޕޯޓްތައް ދުވަހުން ދުވަހަށް އިތުރު ވަމުން ދާ އިރު، ޒަޚަމްވާ މީހުންގެ ޢަދަދު އެއަށް ވުރެ ގިނައެވެ.

މަރުވާ މީހުންގެ ހަށިތަކާއި، ޒަޚަމްވާ މީހުންގެ ތަކުލީފުތައް އަހަރެމެންގެ ލޯތަކަށް އެބަ ފެނޭތާއެވެ. ނަމަވެސް، ގަތުލުއާންމުން ގަތުލުކުރަމުންދާ ނަފްސާނީ ދުޅަހެޔޮ ކަން އަހަރެމެންނަށް ވަޒަން ކުރެވޭނީ ކިހިނަކުންތޯއެވެ؟ ޣައްޒާގައި މިހާރު ހިންގަމުންދާ ގަތުލުއާންމުގެ ނަތީޖާއެއްގެ ގޮތުން، މީގެ އަހަރުތަކެއް ފަހުން، ޣައްޒާގައި ނަފްސާނީ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު، އދއިން ވަނީ ދީފައެވެ. އެ ފަދަ ޙާލެއްގައި ތިބި ބަޔަކު، ޔަހޫދީ ނިރުބަވެރިންނާ ދެކޮޅަށް ތެދުވާ ހިސާބުން، ދެންވެސް ބުނާނީ އެއީ ހަމަ ޓެރަރިސްޓުންނޭތޯއެވެ؟

ޑރ ތަލާލޭންގް މޮފޮކޭންގް ނުވަތަ ޑރ ޓީ އަކީ އިންސާނަކަށް ވީތީ ލިބިދޭ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމުގެ ޙައްޤާ ބެހޭ އދގެ ޚާއްޞަ ރެޕަޗުއަރއެވެ. ޑރ ޓީ ދާދި ފަހުން ވަނީ މިފަދަ ވަރުގަދަ އިންޒާރެއް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދެއްވާފައެވެ. ދިރިއުޅުމުގެ ފަހުގެ މަރުޙަލާތަކުގައި އެންޒައިޓީއާއި އެހެނިހެން ބާވަތުގެ ނަފްސާނީ ބަލިތަކަށް ބަދަލުވާނެ ސީރިއަސް ނަފްސާނީ ހާސްކަމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން މިއަދު ވިސްނަން މަޖުބޫރުވެފައި އޮތް ކަންބޮޑުވުމެއް ކަން ޑރ ޓީ ފާހަގަ ކުރެއްވިއެވެ.

ނަފްސާނީ ސިއްހަތު. ޖީލުތަކަށް ދެމިގެންދާ ޓްރޯމާ. އަދިވެސް އެތައް ކުދިންނެއް އެބަ ތިބި، ކިއުޓް އެސިސްޓެންސް، މެޑިކަލް ޑިބްރީފިންގ، ސައިކޮލޮޖިކަލް ޑިބްރީފިންގ ފަދަ މުހިންމ ޚިދުމަތްތަކުން މަހްރޫމުވެފަ. ގިނަ ފަހަރަށް، ލޮލުގައި އަޅައިގަންނަނީ ޖިސްމާނީ އަނިޔާތަކެވެ. އެއީ ލޮލަށް ފެންނަ އަނިޔާތަކަކަށް ވާތީ، ޖިސްމާނީ އަނިޔާތަކަކާ މެދު ވިސްނޭ މިންވަރު އިތުރުވެއެވެ. އަދި އެއީ ޖިސްމާނީ ކަމަކަށް ވާތީ އެކަމުގެ ސީރިއަސްކަން ވަޒަންކުރެވޭނެ. އެކަމަކު ފަހުން، ދިރިއުޅުމުގަމުގައި އެންޒައިޓީއާއި އެހެނިހެން ނަފްސާނީ ބަލިތަކަށް ބަދަލުވާނެ ސީރިއަސް ނަފްސާނީ ނުތަނަވަސްކަމާ މެދު ބައިނަލްއަޤުވާމީ މުޖުމަތަޢުން އަމިއްލައަށް ވިސްނަން ފެށުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް.
ޑރ ތަލާލޭންގް މޮފޮކޭންގް (ޑރ ޓީ)؛ އދ

އިޒްރޭލާއި އިޒްރޭލަށް އެއްބާރުލުން ދޭ ޤައުމުތަކުން ޓެރަރިސްޓުންގެ ޓެގު އަޅުވާފައި އޮތް ޙަމާސް ޖަމާޢަތުގެ މެންބަރުން މެރުމަށް ކަމަށް ބުނެ ހިންގަމުން ގެންދާ ގަތުލުއާންމުގައި ޣައްޒާއިން މިހާތަނަށް 34000 އަށް ވުރެ ގިނަ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ 72 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. ތުއްތު ކުދިންގެ ޢަދަދު އިންތިހާއެވެ. ގަތުލުއާންމުގެ ސަބަބުން ބަލާނެ މީހަކު ނެތި، ނުވަތަ އާއިލާއާ ދެތަންވެފައި ތިބި ކުދިންގެ ޢަދަދު 17000 އަށް އަރާނެ ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާއިން ފެބުރުއަރީ މަހުގެ ތެރޭގައި ވަނީ އަންދާޒާ ކޮށްފައެވެ. އަދި ޣައްޒާގައި ދިރިއުޅެމުން އަންނަ ކޮންމެ ކުއްޖަކަށްހެން، ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް އެހީ ބޭނުންވާ ކަމަށް ވެސް ޔުނިސެފްއިން ވަނީ ބުނެފައެވެ.

އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި، ޣައްޒާގެ ޞިއްޙީ ނިޒާމުވެސް އޮތީ ފުނޑުފުނޑުކޮށްލާފައެވެ. ޣައްޒާގައި ހިންގަމުން ދިޔަ އެންމެ ވަރުގަދަ ހޮސްޕިޓަލު ކަމުގައި ވާ އަލް-ޝިފާ ހޮސްޕިޓަލަކީވެސް މިއަދު ޤަބުރުސްތާނެކޭ އެއްފަދަ ތަނެކެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުން ދިޔަ ޣައްޒާގައި ޔަހޫދީން ހިންގަން ފެށީ ގަތުލުއާންމު އެތައް މަހަކަށް ދިގުލައިގެން ގޮސްފައި ވާ އިރު، ޣައްޒާގައި މިއަދު ކިރިޔާ ބޭނުން ހިފާލެވޭ ވަރަށް ހުރީ 10 ވަރަކަށް ހޮސްޕިޓަލެވެ.

ހަނގުރާމަތަކުގައި ހޮސްޕިޓަލުތަކަކީ ރައްކާތެރިކަން ދީފައި އޮން ސަރަޙައްދެކެވެ. ނަމަވެސް ޔަހޫދީން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. އިޒްރޭލުން ބުނާ ގޮތުގައި، ހޮސްޕިޓަލުތަކާއި، އެމްބިއުލޭންސްތަކުގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ އެހެން މަރުކަޒުތަކަކީ، ޙަމާސް ޖަމާއަތުގެ ހަނގުރާމަވެރި ކިއްލާތަކެކެވެ. ހަނގުރާމައިގެ ބޭނުންތަކަށް އެތަންތަން ބޭނުން ކުރަމުން ދާ ކަމަށެވެ. ނަމަވެސް، އަދާ ޖެހުނު އިރުވެސް ދެއްކުނު އެއްވެސް ޙުއްޖަތެއް ނެތެވެ.

މުޅި އާބާދީހެން އިންތިހާ ބަނޑުހައި ހޫނު ކަމުގެ ތެރޭގައި، ޔަހޫދީންގެ މުށު ތެރޭގައި ފިތެމުން ދާ ޣައްޒާގެ ރަށްވެހިންނަށް މިއިން ދުވަހަކު ހަމަޖެހުމުގެ ނޭވާއެއް ލެވިދާނެ ކަމާ މެދު ސުވާލު އުފެދެއެވެ. ޣައްޒާގައި ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ހަމަ އެންމެ ރަންފުކެއްވެސް ނެތެވެ. މާއްދީ ގޮތުން އަތްލެވެން އޮތް ތަންތަނުގައި ރައްކާތެރި ކަމެއް ނެތް އިރު، އަމިއްލަ ނަފުސާއި ޖާނުގައިވެސް ރައްކާތެރިކަން ލިބޭނެ ފަދައެއް ނެތެވެ. ހަށިގަނޑުގައި ފުރާނަ ހުއްޓެއް ކަމަކު މިއަދު މުޅި ޣައްޒާއިން ފެންނަނީ ދިރުން ނެތް އިންސާނުންތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް