ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 10:37
ފުޓްބޯޅަ ޖާޒީތަކެއް، ކުރީގައި އުޅެނީ ނައިކީ އާއި އެޑިޑާސް
ފުޓްބޯޅަ ޖާޒީތަކެއް، ކުރީގައި އުޅެނީ ނައިކީ އާއި އެޑިޑާސް
ގޫގުލް
ފުޓްބޯޅަ އާއި ވިޔަފާރި
ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟
 
އެންމެ ގިނަ ފައިސާ ލިބެނީ ބާސެލޯނާ އަށް

ޔޫރަޕުގެ ކުލަބުތަކުގެ ޖާޒީ ތައްޔާރު ކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ކުރިއާ ހިލާފަށް މިއީ ފައިދާ ބޮޑު އަގުހުރި ވިޔަފާރިއެކެވެ. އިހުގައި ދެ އަހަރެއްގައި އެއް ޖާޒީއެއް ބޭނުންކުރި ނަމަވެސް މިހާރު އެއީ ކުރާކަމެއް ނޫނެވެ. ޓީމުގެ ކުޅުންތެރިން ވެސް ބަދަލުވުމާއި ކުޅުންތެރިންގެ ހަށިގަނޑާ ގުޅޭ ގޮތަށް ޖާޒީ ބައްޓަން ކުރުމަކީ ސީޒަނަށް ތައްޔާރުވުމުގެ ރުކުނެއް ފަދަ ކަމެކެވެ. މިހެންވެ ކޮންމެ އައު ސީޒަނެއް ފެށުމުގެ ކުރިން ދުނިޔޭގެ އެތަންމިތަނުގައި ތިބި ސަޕޯޓަރުން ތިބެނީ އެ މީހަކު ސަޕޯޓަކުރާ ޓީމަކުން ލަނީ ކޮންކުލައެއްގެ ކޮން ވައްތަރެއްގެ ޖާޒީއެއްތޯ ބަލަބަލަ އެވެ. އެ ޖާޒީ ލައިގެން ހުންނައިރު ކިހާ ހިތްގައިމުތޯ އެއްބަޔަކު ބަލާއިރު އަނެއް ބަޔަކު ބަލަނީ ފެންނަ ފެނުމަށް ޖާޒީގެ ރީތިކަން ހުރީ ކިހާ މިންވަރަކަށްތޯ އެވެ؟

މިހެންވެ ޖާޒީ އުފައްދާ ކުންފުނިތަކުން ވެސް ތިބެނީ ކުލަބުތަކުގެ ފަހަތުން ކިޔޫ ހަދާފަ އެވެ. ބޮޑު އަގުގައި އެ ކުލަބެއްގެ ޖާޒީ ތައްޔާރުކުރުމަށް ޑީލް ހޯދުމަށް ކުރެވުނުހާ މަސައްކަތެއް ކުރެ އެވެ. މި ވިޔަފާރީގެ އުހުގައި އުޅޭ ބަޔަކީ ޖަރުމަނުގެ އެޑިޑާސް ކުންފުންޏާއި އެމެރިކާގެ ނައިކީ އެވެ. އޭގެ ފަހުން ޕޫމާ އާއި ނިއުބެލެންސް ފަދަ ކުންފުނިތަކެވެ.

ޔޫރަޕުގެ ކުލަބުތަކުގެ ތެރެއިން އެކުލަބެއްގެ ޖާޒީ އަށް އެންމެ ޑިމާންޑު ބޮޑު ޖާޒީ އަކީ ސްޕޭނުގެ ބާސެލޯނާގެ ޖާޒީ އެވެ. އެމީހުންގެ ޖާޒީ އުފައްދަނީ ނައިކީއިންނެވެ. ނައިކީގެ ޑިޒައިންތަކާމެދު ބާސެލޯނާގެ މެނޭޖްމަންޓުން ހިތްހަމަނުޖެހުނަސް އެއީ އެންމެ އަގުބޮޑު އަދި އެންމެ ގިނައިން ވިކޭ އެއް ޖާޒީ އެވެ. ޖާޒީ އުފައްދާ ނައިކީންއިން ދޭ ފައިސާ އާއި ޖާޒީ ވިއްކައިން ބާސެލޯނާއިން އަހަރަކު 179 މިލިއަން ޔޫރޯ ހޯދަ އެވެ.

ދެ ވަނާގައިވަނީ ވާދަވެރި ސްޕޭނުގެ ރެއާލް މެޑްރިޑެވެ. އެކުލަބުގެ ޖާޒީ ތައްޔާރުކޮށްދެނީ ނައިކީއާ ވާދަވެރި އެޑިޑާސްއިންނެވެ. ރެއާލް އަށް އަހަރަކު ޖާޒީތަކުން ލިބޭ އާމްދަނީ އަކީ 155 މިލިއަން ޔޫރޯ އެވެ. ތިން ވަނާގައިވަނީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. ޖަރުމަނުގެ އެޑިޑާސް ކުންފުނިން އުފައްދާ މި ޖާޒީން ބަޔާން އަށް އަހަރަކު 147 މިލިއަން ޔޫރޯ ލިބެ އެވެ. ހަތަރު ވަނާގައިވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ލިވަޕޫލެވެ. ނައިކީން ދޭ ފައިސާ އާއި ޖާޒީ ވިއްކައިގެން އަހަރަކު ލިވަޕޫލަށް ލިބޭ އާމްދަނީ 132 މިލިއަން ޔޫރޯ އެވެ. ގަދަ ފަހެއްގެ ފަހު ޖާގަ ލިބެނީ ލިވަޕޫލާ ވާދަވެރި އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށެވެ. އެކުލަބަށް ޖާޒީ ތައްޔާރުކޮށްދެނީ އެޑިޑާސްއިންނެވެ. އަހަރަކު ލިބޭ އާމްދަނީ އަކި 130 މިލިއަނެވެ.

މި ލިސްޓުގެ ހަ ވަނާގައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. ނައިކީން ތައްޔާރުކުރާ ޖާޒީން އެކަނި ވެސް އެކުލަބަށް 97 މިލިއަން ޔޫރޯ ލިބެ އެވެ. ގަދަ 10 ގައި ދެން ހިމެނެނީ އާސެނަލް އާއި ޗެލްސީ އަދި ޔުވެންޓަސް އާއި ޓޮޓެންހަމެވެ.

ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ލިބޭ 20 ކުލަބު:

1. ބާސެލޯނާ (ނައިކީ) 179 މިލިއަން ޔޫރޯ

2. ރެއާލް މެޑްރިޑް (އެޑިޑާސް) 155 މިލިއަން ޔޫރޯ

3. ބަޔާން މިއުނިކް (އެޑިޑާސް) 147 މިލިއަން ޔޫރޯ

4. ލިވަޕޫލް (ނައިކީ) 132 މިލިއަން ޔޫރޯ

5. މެންޗެސްޓާ ޔުނައިޓެޑް (އެޑިޑާސް) 130 މިލިއަން ޔޫރޯ

6. ޕީއެސްޖީ (ނައިކީ) 97 މިލިއަން ޔޫރޯ

7. އާސެނަލް (އެޑިޑާސް) 89 މިލިއަން ޔޫރޯ

8. ޗެލްސީ (ނައިކީ) 87 މިލިއަން ޔޫރޯ

9. ޔުވެންޓަސް (އެޑިޑާސް) 74 މިލިއަން ޔޫރޯ

10. ޓޮޓެންހަމް (ނައިކީ) 74 މިލިއަން ޔޫރޯ

ޖާޒީ ވިއްކައިގެން އެންމެ ގިނަ ފައިސާ ލިބޭ ކުލަބުތައް - ގޫގުލް

11. މެންޗެސްޓާ ސިޓީ (ޕޫމާ) 73 މިލިއަން ޔޫރޯ

12. ބޮރޫޝިޔާ ޑޯޓްމުންޑް (ޕޫމާ) 54 މިލިއަން ޔޫރޯ

13. އޭސީ މިލާން (ޕޫމާ) 47 މިލިއަން ޔޫރޯ

14. އަޔެކްސް (އެޑިޑާސް) 41 މިލިއަން ޔޫރޯ

15. ގަލަޓަސަރާއީ (ނައިކީ) 35 މިލިއަން ޔޫރޯ

16. ލީޑްސް ޔުނައިޓެޑް (އެޑިޑާސް) 35 މިލިއަން ޔޫރޯ

17. ސެލްޓިކް (އެޑިޑާސް) 34 މިލިއަން ޔޫރޯ

18. ފެނަބާޗޭ (ޕޫމާ) 31 މިލިއަން ޔޫރޯ

19. އެއިންޓްރެކްޓް ފްރޭންކްފަޓް (ނައިކީ) 26 މިލިއަން ޔޫރޯ

20. އިންޓަމިލާން (ނައިކީ) 26 މިލިއަން ޔޫރޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް