ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 07:10
ހޯރަފުށީ ވޮލީ ލީގުގެ މެޗެއްގެ ތެރެއިން
ހޯރަފުށީ ވޮލީ ލީގުގެ މެޗެއްގެ ތެރެއިން
ހޯރަފުށީ ކައުންސިލް
ހޯރަފުށީ ވޮލީ ލީގް
މޮޅު ކުޅުންތެރިންނާއެކު ހޯރަފުށީ ވޮލީ ލީގުގެ ފޯރި ހިއްޕާލައިފި
ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ބައިލައްކަ ރުފިޔާ

ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރިންނާއި ބިދޭސީ މޮޅު ކުޅުންތެރިންނާއެކު ހޯރަފުށީ ވޮލީ ލީގުގެ ފޯރިގަދަކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށީގެން އަންނަ ހަފުތާގެ ހޯމައަށް ޖުމުލަ ހަ ޓީމު ވާދަކުރާ މުބާރާތް ކުޅެނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ކުޅޭ ޓީމުތަކަކީ އިމަގު، ކްލަބް ޖީއެސް، ޓީމް ހިޔާ، ޓީމް ކެލާ، އެފްސީ ފްރިގޭޓަރ، ހޯރަފުށި ޕޮލިސް ޓީމެވެ. މީގެ ތެރެއިން ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންނާއި ރާއްޖޭން ބޭރުގެ ބާރު ޖެހުންތެރިން ވަނީ ޓީމުތަކަށް ގެނެސްފަ އެވެ. މީގެ ތެރޭގައި ހަސަން ނިލާމް، އަލީ ހުޒާމް، ހަސަން އާމިރާއި އިޝާން މުހައްމަދު (ބަޓިސް) އާއި ޕާކިސްތާނުގެ ބާރު ޖެހުންތެރިޔާ މުބާޝިރު ރަޒާ އާއި އިމަގުގެ ގަގަންދީބް ސިންގެ ހިމެނެ އެވެ.

ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލުގެ ޖާގަ ލިބޭއިރު ފައިނަލުގެ ފަހު ޖާގަ ލިބޭނީ ގަދަ ދޭކާއި ތިނެއް ކުޅެގެން މޮޅުވާ ޓީމަކަށެވެ.

ހޯރަފުށީ ވޮލީ ލީގުގެ މެޗެއްގެ ތެރެއިން - ހޯރަފުށީ ކައުންސިލް

މޮޅު ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް މިވަގުތު ކުރީގައި އުޅެނީ ހޯރަފުށީ ޕޮލިސް ޓީމެވެ. ފުރަތަމަ މެޗު އެ ޓީމު ކާމިޔާބުކުރީ ޕާކިސްތާނުގެ ބާރު ޖެހުންތެރިޔާ މުބާޝިރު ރަޒާގެ ބާރު ހަމަލާތަކާއެކު ޓީމް ކެލާ 3-1 ސެޓުން ބަލިކޮށްގެންނެވެ. ދެ ވަނަ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ކްލަބް ޖީ އެސްއާ ބައްދަލުކޮށެވެ. އެފްސީ ފްރިގޭޓާ އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ ހިޔާ ޓީމު 3-1 ސެޓުންނެވެ. ޖީއެސް ޓީމާ ވާދަކޮށް އިމަގު މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ކެލާވަނީ ކުޅުނު ދެ ވަނެ މެޗުގައި ތިން ސެޓުން ހިޔާ ބަލިކޮށްފަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ބައިލައްކަ ރުފިޔާ އެވެ.

- ކޮމެންޓް