ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 19:07
ފިލިޕީންސް ގެ ސްކޫލް ކުދިންތަކެއް
ފިލިޕީންސް ގެ ސްކޫލް ކުދިންތަކެއް
ވަޔަން
ފިލިޕީންސް އަށް ހޫނު ގަދަވުން
ފިލިޕީންސްއަށް ހޫނުގަދަވެ ސްކޫލްތައް ބަންދު ކޮށްފި
މީގެ ކުރިން މެނީލާއަށް ދުވަހަކުވެސް ހޫނުވެފައި ނުވާވަރަށް އާދީއްތަ ދުވަހު ހޫނުވެފައިވާ ކަމަށްވޭ

ފިލިޕީންސްގެ ވެރިރަށް މެނީލާއަށް އާދަޔާ ޚިލާފަށް ހޫނުގަދަވެ ހޯމަ އަންގާރަ ދުވަހު ސްކޫލްތައް ބަންދުވާނެކަން އިއުލާން ކޮށްފިއެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެގައުމުގެ އެޑިޔުކޭޝަން ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ބުނެފައިވަނީ ހީޓް އިންޑެކްސްގެ ފޯކާސްޓަށް ބަލާ ހުރިހާ ޕަބްލިކް ސްކޫލްތަކަށް މިދެދުވަހު ކުދިން ހާޒިރު ކޮށްގެން ކިޔަވައިދިނުން ބަންދު ވާނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮންނާއި ޓީވީ މެދުވެރިކޮށް ކްލާސްތައް ނަގައިދޭނެ ކަމަށް ބުނެފައި ވެއެވެ.

އެގައުމުގެ މޫސުމާބެހޭ އިދާރާއާ ހަވާލާދީ އޭއެފްޕީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީގެ ކުރިން މެނީލާއަށް ދުވަހަކުވެސް ހޫނުވެފައި ނުވާވަރަށް އާދީއްތަ ދުވަހުގެ ރިކޯޑްތައް އަރާފައިވެއެވެ. މިގޮތުން ހޫނުމިން 38.8 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު ހީޓް އިންޑެކްސް 45ޑިގްރީ ސެލްސިއަސް އަށް އަރާފައި ވެއެވެ.

ފިލިޕީންސްއަށްވެސް އެންމެ ހޫނުގަދަވާ ތިން މަހަކީ މާޗް އެޕްރިލް އަދި މޭމަސް ކަމަށް ވެއެވެ. ސެޓަލައިޓް ވެދަރ ފޯކާސްޓަރުން ބުނެފައިވާ ގޮތުގައި އާދީއްތަދުވަހު ހޫނު މިން ހުރިމިންވަރަށް މޭމަހުގެ ދެވަނަ ހަފަތާގެ ނިޔަލަށްވެސް ހޫނުމިން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ހޫނު ގަދަ ވުމުގެ ސަބަބުން އާދީއްތަ ދުވަހު ގިނަބަޔަކު އެއާކަންޑިޝަން ޝޮޕިންގ މޯލްތަކަށާ އަދި ސްވިމިންގ ޕޫލް ތަކަށް ޖަމާވިކަމަށް ޚަބަރުތައް ބުނެއެވެ.

މިހޫނު ދުވަސްތަކާދިމާކޮށް ވަނީ ޖީޕްނީ ކިޔާވައްތަރު އުޅަނދު ދުއްވާ ޑްރައިވަރުން ގެންދަނީ ހަޅުތާލު ކުރަމުންނެވެ. އެއީ އެވައްތަރުގެ ދުންއަރާ ކުދި އުޅަނދުތައް މަނާކުރަން ސަރުކާރުން ގަސްތުކުރާތީ އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

- ކޮމެންޓް