ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް 9:30 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލާޓް ނެރޭކަމުގައެވެ. އަދި މިރޭ 10:30 އާ ހަމައަށް ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރޭކަމުގައި މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެއިތުރުން މެޓް އޮފީހުން މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި އެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.
އަދި ހުޅަނގާއި ހުޅަނގުއުތުރުން އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.