ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 19:44
ރައީސް އޮފީހުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ނޫސްވެރިންނަށް ދަތިކުރުމުގެ އައު ބާބެއް ފެށެނީ ބާ؟!
 
ރައީސް އޮފީހުން ފަހުން ބުނެފައިވަނީ ކުރިޔަށް އޮތް ތަނުގައި ނޫސްވެރިންނަށް ފޯނު ވެއްދޭނެކަމަށް
 
އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފޯނު ޕްރެސް ރޫމަށް ނުވެއްދޭނެކަމަށް އެންގި

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވީ ނޫސްވެރިންނާ ގާތުން މަސައްކަތްކުރައްވާނެކަމަށެވެ. ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށާއި މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް 5 މަސްވެގެންގޮސްފައިވާއިރު މަންޒަރު ފެންނަނީ މިއާ މުޅިން ތަފާތުކޮށެވެ.

އެންމެ ފުރަތަމަ ރައީސް އޮފީހުގެ އިސްތަރުޖަމާނުގެ ވާހަކައިން ފަށަމާތޯއެވެ. އެމަގާމަށް ބޭފުޅަކު އައްޔަނުކުރެވޭވަރުވީ ސަރުކާރު އައިސް މަސް ދުވަސްވާން އުޅެނިކޮށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު އެމަގާމަށް އައްޔަނުކުރެއްވީ ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ މުހައްމަދު ޝަހީބެވެ. ނަމަވެސް އޭގެ 18 ދުވަސްފަހުން މިއަހަރުގެ ފުރަތަމަ ދުވަހު ޝަހީބު އެމަގާމުން ވަކިކުރެއްވިއެވެ. އެމަގާމުން ޝަހީބު ވަކިކުރި ސަބަބު ސާފުނުވިއަސް އިސް ތަރުޖަމާނުގެ ގޮތުގައި ހުންނަވާ ނޫސްވެރިންގެ ބައްދަލުވުން ކުރިޔަށްގެންދެވި ގޮތުން ނޫސްވެރިން ހިމެނޭ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން ޝަހީބުއަށް އަމާޒުވެފައިވެއެވެ.

އޭގެފަހުން އިސް ތަރުޖަމާނަކު ނެތި ގާތްގަނޑަކަށް 4 މަސްވާން ދަނިކޮށް އިސް ތަރުޖަމާނަކަށް އެންސްޕާގެ ސީއީއޯކަންވެސް ކުރައްވަމުން ގެންދަވާ ހީނާ ވަލީދު ހަމަޖެއްސެވިއެވެ. އެއީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އަދި އައު އިސް ތަރުޖަމާނުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އާދިއްތަ ދުވަހު މިވަނީ ބާއްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. ރައީސް އޮފީހުން މީޑީޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާނީ އެ އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަންކުރެއްވި ހީނާ ވަލީދު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް އާންމު ގޮތެއްގައިވެސް ނޫސްވެރިން ދާ ގޮތަށް އާދިއްތަ ދުވަހު އޮތް ބައްދަލުވުމަށްވެސް ދިޔައެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ރައީސް އޮފީހުން އެންގީ ފޯނު ނުވެއްދޭނެކަމަށެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ހިނގިކަމެކެވެ. ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެކަމަށް ނޫސްވެރިންނަށް ތަނަކުން އެންގި މިއީ ފުރަތަމަ ފަހަރެވެ. އެވެސް ރައީސް އޮފީހުންނެވެ. ފޯނަކީ ނޫސްވެރިންގެ ބައްދަލުވުން ކުރިޔަށްދާއިރު ބައެއް މައުލޫމާތު ސާފުކުރުމަށާއި ނޫސްވެރިންނާއި އެމީހުން މަސައްކަތްކުރާ މީޑިޔާ ސްޓޭޝަނާއި ވާހަކަދެކެވި ފޮލޯ އަޕް ސުވާލުތައްކުރުމަށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި މުހިންމު ވަސީލަތެކެވެ. އަދި އަމުދުން ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ މުހިންމު ބައްދަލުވުންތަކަކަށްވާތީ އެކަމަށް ޚާއްސަ ވެގެން އާންމު ގޮތެއްގައި ހުންނާނީ އެންމެ ނޫސްވެރިއެއް ނޫނެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ނިއުސްރޫމްގައި ދެން އުޅޭ އެހެން ނޫސްވެރިންވެސް ބަލަމުންދާނެއެވެ. ކުރަން ބޭނުންވާ ސުވާލުތައް ރައީސް އޮފީހުގައި ހުންނަ ނޫސްވެރިއަކާ ވާހަކަދެކެވި އެކަން ކުރަމުންދެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެކަމަށް ބުނުމުން އެކަން ވަގުތުން ބައެއް ނޫސްވެރިން ސޯޝަލް މީޑިޔާގައި ޕޯސްޓްކޮށްފަައިވެއެވެ. އެގޮތުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކޮށްފިކަމަށާއި ނަމަވެސް ނޫސްވެރިން އަދި ތިބީ ފޯނާ ނުލާ ނުވަންނަ ގޮތަށްކަމަށް ބުނެ ނޫސްވެރިން ވަނީ އެމީހުންގެ އަމިއްލަ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި އެވަގުތުވެސް ޕޯސްޓްކޮށްފައެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނާ ވާހަކަދައްކާލުމުން އެމީހުން ބުނެފައިވަނީ ފޯނު ނުވެއްދޭނެކަމަށް އެންގިކަމަށާއި ނަމަވެސް ވިއްސަކަށް މިނެޓްފަހުން ކުރިން އަންގާފައިނެތުމުން މިއަދު ފޯނު ވެއްދޭނެކަމަށް ބުނިކަމަށެވެ. ނަމަވެސް ދެން ދުވަހަކުން ނުވެއްދޭނެކަމަށް ބުނިކަމަށް ރާއްޖެއެމްވީން މިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކި ނޫސްވެރިން ބުންޏެވެ. އެއީ ޕްރޮޓޮކޯލް ކަމަށް ބުނެ ފޯނާއެކު ނޫސްވެރިންނަށް ނުވަދެވޭނެކަމަށް ބުނިނަމަވެސް ފަހުން ވަނީ ނޫސްވެރިންނަށް ފޯނާއެކު އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ވައްދާފައެވެ.

މިހުރިހާކަމަކަށްފަހު 11 ޖަހާއިރު ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ވިއްސަކަށް މިނެޓް ފަހުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން ސުވާލުކޮށްފައިވެއެވެ. އެސުވާލަށް ޖަވާބު ދެއްވަމުން އިސް ތަރުޖަމާނު ވަނީ ޖަވާބުވެސް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއޮންނަ ޕްރޮޓޮކޯލް އެއީ އަޅުގަނޑުމެންނަށް އޭގައި ސޭ އެއް އޮންނަކަމެއް ނޫން، އެމްއެންޑީއެފުން ކުރިޔަށްގެންދާކަމެއް. އެހެންވީމަ ކުރިޔަށް އޮތްތަނުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމައްސަލަ ތަކުރާރުނުވާނެ ގޮތަކަށް ކުރިޔަށްގެންދެވޭތޯ ހަމަ ހުރިހާ ނޫސްވެރިންނަށްވެސް ހަމަ ޔަގީންކަން އަރުވަން. މިއަދު މި ދިމާވި މައްސަލަ ތަކުރާރުނުވާނެ ގޮތަކަށް އެރޭންޖްމަންޓް ކުރިޔަށްގެންދާނެ ގޮތަކަށް މަސައްކަތްކުރާނަން.
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު

ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެކަމަށް ބުނުމާއި ގުޅިގެން އެ ޚަބަރު ހުރިހާ މީޑިޔާތަކަކުން ކަހަލަ ގޮތަކަށް ކަވަރުކުރިއެވެ. އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރަމުންދިޔައެވެ. އާންމުންނާއި ސިޔާސީ ޕާޓީތަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ މިސިޔާސަތަށް ފާޑުކިޔާ ހެދިއެވެ. ނޫސްވެރިންގެ ޖަމިއްޔާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރުނެވެ. އެގޮތުން ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކުރުމުން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމިއްޔާއިން ބުނެފައިވަނީ ފޯނު ވެއްދުން މަނާކުރި މައްސަލައިގައި އެ ޖަމިއްޔާއިން ރައީސް އޮފީހުގައި ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ފޯނަކީ ނޫސްވެރިންނަށް ޒަރޫރީ އެއްޗެއް ކަމާއި މީގެ ކުރިން ވެސް ރައީސް އޮފީހަށް ފޯނު ވެއްދޭކަން ފާހަގަކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މި ކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތައް ބުރޫއަރާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތަށް ޕްރޮޓޮކޯލް ބަދަލުކޮށްފައިވާތާ ދެ މަސް ދުވަސްވެފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިކަމުގެ ހޫނުގަނޑުގެ ތެރޭގައި އެންމެފަހުން ދެން ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ފަތުރާ ޚަބަރު ދޮގުކޮށްފައި ރައީސް އޮފީހުގެ ވެބްސައިޓްގައި ޚަބަރެއް ޖެހިތަނެވެ. އެޚަބަރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށެވެ. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިންވެސް ބައިވެރިވީ ފޯނާއި އެކުގައިކަމަށް ބުނެފައިވެއެވެ.

ތެދެކެވެ. އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ބައިވެރިވީ ފޯނާއެކުއެވެ. ނަމަވެސް އެއީ ފޯނާ ނުލާ ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ވަންނަން ދެކޮޅު ހެދުމުންނެވެ. އެހެންކަމުން އެއީ ނުހިނގާ ކަމެއްކަމަށް ބެލެވޭކަށް ނެތެވެ. ބެލެވެން ނެތީ ނޫސްވެރިން ސޯޝަލް މީޑިޔާގައި ދައްކާފައި ހުރި ވާހަކަތަކާއި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރުމުން އިސް ތަރުޖަމާނު ދެއްވާފައިވާ ޖަވާބުންނެވެ. ތަކުރާރުކޮށް އެސުވާލު ކުރުމުންވެސް އިސް ތަރުޖަމާނު ވިދާޅުވީ އާދިއްތަ ދުވަހު ހިނގާ ދިޔަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ރާވަން މަސައްކަތްކުރާނެކަމަށެވެ.

އޭގެފަހުން ޚަބަރުގައި ބުނެފައިވަނީ މިއަދުވެސް އަދި މީގެ ފަހުންވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް އަންނަ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފައި ކަމަށެވެ. އެއިންތިޒާމު ހަމަޖެހިފައިވާކަމީ އެކަމާއި ނުހަނު އުފާކުރާކަމެކެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައިވެސް ނޫސްވެރިންނާމެދު މިފަދަ ގޮތަކަށް އަމަލުކޮށް އާންމުންނާ ހަމައަށް ޚަބަރު ގެނެސްދޭން ތިބި ބަޔަކާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލޭގޮތަކަށް އަމަލު ނުކުރާނެކަމަށް އުންމީދުކުރަމެވެ.

ނޫސްވެރިންނަށް ދަތިކުރުމުގެ އައު ބާބެއް ނުފަށާނަމަ, ނޫސްވެރިންނާ ގާތުން މަސައްކަތްކުރާނެކަމަށް ބުނެ އައި ސަރުކާރަކުން ނޫސްވެރިންނަށް މިފަދަ ކަންކަމުގައި ފިއްތުންތައް ކުރިމަތިކުރުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް