ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 11:36
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކޮށްފި
 
ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެންކަމަށް ރައީސް އޮފީހުން ބުނޭ
 
މިއީ ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރު
 
ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި

ރައީސް އޮފީހުން އާދިއްތަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކޮށްފިއެވެ.

ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ. ރައީސް އޮފީހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާނީ އެ އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަންކުރެއްވި ހީނާ ވަލީދު ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށް ދިއުމުން މި ބައްދަލުވުމަށް ފޯނު ވެއްދުން ވަނީ މަނާކޮށްފައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިއަކު އެކްސްގައި ބުނެފައިވަނީ ނޫސްވެރިން އަދި ތިބީ ފޯނާ ނުލާ ނުވަންނަ ގޮތަށް ކަމަށެވެ.

އެއާ އެކު މީގެ ކުރިން މިފަދަ އެންގުމެއް ނޫސްވެރިންނަށް އަންގާފައިނުވާތީ، ރައީސް އޮފީހުން ވަނީ އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުމަށް ހުއްދަ ދީފައެވެ. ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެއަށް ފޯނު ތައާރަފްވި ފަހުން ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން މަނާކުރި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ 28 ޖެނުއަރީ 2024ވީ އާދިއްތަ ދުވަހުގެ ހަވީރު 5:00 ގައެވެ. އެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ހިއްސާކޮށްފައިވަނީ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކެވެ. އަދި މައުޟޫއިން ބޭރުން ސުވާލުނުކުރުމަށް އެދިފައިވެއެވެ. ނަމަވެސް ގައުމުގެ ހިނގާ ބޮޑެތި ކަންކަމާއި ގުޅޭގޮތުން އެދުވަހު ވެސް ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލާފައިވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައެވެ.

މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ނޫސްވެރިންނާއި ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ 5 ޑިސެންބަރު 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭގެފަހުން އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައިނުވެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި، ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށާއި މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންގުމުން ވެސް ސަރުކާރުން ބައެއް މައުލޫމާތުތައް ހިއްސާކުރުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް