ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 12:21
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ޒަކާތު ހައުސްގެ ތަފާސްހިސާބު
މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ ކެންސަރު އެހީއަށް
 
އެހެނިހެން ޚަރަދުތަކަށް މި ފަންޑުން 227،872.50 ރުފިޔާ ޚަރަދުކޮށްފައިވޭ
 
ސިކުނޑީގެ އޮޕަރޭޝަންތަކަށް 180،407.5 ރުފިޔާ ހަރަދުކޮށްފައިވޭ
 
މިދިޔަ މާރިޗު ޒަކާތު ފަންޑުން 59 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ

މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ޚަރަދުކޮށްފައިވަނީ ކެންސަރު އެހީއަށް ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މާރިޗު މަހުގެ ތަފާސް ހިސާބު ރިޕޯޓު ވަނީ އާއްމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ މާރިޗު ޒަކާތު ފަންޑުން 59 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޒަކާތު ފަންޑުން މައިގަނޑު ހަތަރު ދާއިރާއަކުން ބޭސްފަރުވާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެއީ ކެންސަރު ބައްޔާއި ހިތުގެ އޮޕަރޭޝަނާއި ޓްރާންސްޕްލާންޓް އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އެގޮތުން ކެންސަރު ބަލީގެ ފަރުވާއަށް 190،882.5 ރުފިޔާ، ހިތުގެ އޮޕަރޭޝަނަށް 8،481 ރުފިޔާ، ޓްރާންސްޕްލާންޓަށް 25،443 ރުފިޔާ އަދި ސިކުނޑީގެ އޮޕަރޭޝަންތަކަށް 180،407.5 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން އެހެނިހެން ޚަރަދުތަކަށް މި ފަންޑުން 227،872.50 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. ސިއްހީ ކަންކަމުގެ އިތުރުން ޒަރޫރީ އެހީ އާއި ސްކޮލަރޝިޕަށް ވެސް ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.

ޒަކާތު ހައުސްއިން ބުނީ މާރިޗުމަހު އެހީގެ ގޮތުގައި 685،026.19 ރުފިޔާ ހަމަޖެހިފައި ހުރި ނަމަވެސް އެހީގެ ގޮތުގައި 878،682.88 ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. މި ޚަރަދުތަކުގެ ތެރޭގައި މިއަހަރުގެ ފެބްރުއަރީމަހު އެހީ ހަމަޖެހިފައިވާ މީހުންނަށް ފޯރުކޮށްދިން އެހީ ވެސް ހިމެނޭކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޒަރޫރީ އެހީގެ ގޮތުގައި ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެނީ ޚާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށެވެ. އެގޮތުން، މާރިޗު މަހު އެފަދަ ފަރާތްތަކަށް ޖުމްލަ 17،207.65 ރުފިޔާ ޚަރަދު ކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 10،007.65 ރުފިޔާއެވެ.

ޒަކާތު ހައުސްއިން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހި އެހާލަތުން ސަލާމަތްވުމަށް އެހީގެ ގޮތުގައި 248،604.00 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑު ކުރެވިފައިވާ ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރަކަށް ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް 44،563.80 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި އިދާރީ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޚަރަދު ކުރެވިފައިވަނީ 374،950.28 ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް