ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 20:45
ޕާމް ބީޗުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުން
ޕާމް ބީޗުން މުބާރާތުގެ ޗެމްޕިއަންކަން ހޯދުން
ލީވާން އަލީ
ޕާމް ބީޗް ސޮކާ ކަޕް
ޕާމް ބީޗް ސޮކާ ކަޕް: ކޮކޫން ބަލިކޮށް ޕާމް ބީޗުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
ކޮކޫންއާ ވާދަކޮށް ޕާމްބީޗުން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން

ޕާމް ބީޗް ސޮކާ ކަޕްގައި ކޮކޫން ފުޓްބޯލް ޓީމު ބަލިކޮށް ޕާމް ބީޗް ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު ކޮކޫންއާ ވާދަކޮށް ޕާމް ބީޗުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ޕާމްބީޗް ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ.

މެޗުގައި ޕާމް ބީޗުން ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މޫސާއެވެ. މި ލަނޑަށް ފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ޕާމް ބީޗުގެ މޮޅު ކުޅުމާއެކު 0-1 ގެ ނަތީޖާއިން އެޓީމުން ކޮކޫންގެ މައްޗަށް ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެން ކޮކޫން އިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ޕާމް ބީޗުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ޕާމް ބީޗުން މެޗުގެ ލީޑު ފުޅާކުރީ 45 ވަނަ މިނެޓުގައި ހަމްޒާ އަބޫބަކުރު ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ އޭނާއެވެ.

ޅ.އަތޮޅުގެ ޓީމުތަކަށް ހުޅުވާލައިގެން ޕާމް ބީޗުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޕާމް ބީޗު އަދި ކޮކޫންގެ އިތުރުން ދެން ހިމެނެނީ ހިންނަވަރު އެފްސީ، އައިޑީލް މޫވްމެންޓް، ކުރެއްދޫ އެފްސީ އަދި ސްޕޯޓިން ވެކޭންޒްއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ޕާމް ބީޗް ހޮވުނުއިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ކުރެއްދޫ އެފްސީގެ މުހައްމަދު އަބްދުލް ޢަނީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕާމް ބީޗުގެ ގުރެއިޝް އަބްދުއް ރައްޒާގް އެވެ. އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަށް ހޮވިފައިވަނީ ކޮކޫންގެ އަބްދުﷲ ޝަކީލް އަދި ޕާމްބީޗްގެ އަބްދުއްރަހީމް އަބޫބަކުރެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް