މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ބޭނުންވަނީ ޖެހިޖެހިގެން ދެ ސީޒަނެއްގައި ތިން ތަށި ހޯދާ ފުރަތަމަ ޓީމަށް ވުމަށް ކަމަށް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި މެޗަށް ނުކުންނައިރު މިދިޔަ ސީޒަނުގައި ކާމިޔާބުކުރި ޕްރެމިއާ ލީގާއި އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގު ދިފާއު ކުރުމުގެ ހުރިހާ ބާރެއް ސިޓީއަށް އެބައޮތްވެ.
އަހަރުމެން ބޭނުންވަނީ އަހަރުމެން ލެގަސީއެއް އުފައްދަން. ޖެހިޖެހިގެން މި ތިން ތަށި ދެ ވަނަ ފަހަރަށް ހޯދާ ފުރަތަމަ ޓީމަށްވާން. އަހަރުމެން ބޭނުން ޖެހިޖެހިގެން ޕްރެމިއާ ލީގު ހަތަރު ފަހަރު ކާމިޔާބު ކުރަން. އަހަރުމެން ބޭނުން ޗެމްޕިއަންސް ޖެހިޖެހިގެން ދެ ފަހަރު ހޯދަން. އަހަރުމެން ބޭނުން އެފްއޭކަޕް ދިފާއު ކުރަން. އަހަރުމެން މިތިން ތަށި ވިދިވިދިގެން ދެ ވަނަ ފަހަރަށް ހޯދައިފިނަމަ އެއީ އުފެއްދުނީ ލެގަސީއެއްސިލްވާ
ނަމަވެސް އޭނާ ބުނީ ހަފުތާއެއްގެ ތެރޭގައި މި ހުރިހާ މުބާރާތަކުން ސިޓީ ކެޓުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި މިހެންވެ ކުޅުންތެރިން އެކަމާ ވިސްނާ ކަމަށެވެ.
މި ސީޒަނަކީ ސިޓީގެ އެންމެ މޮޅު ކުޅުން ފެންނަ ސީޒަނެއްނޫނެވެ. ސިޓީ އަށް ޕްރެމިއާ ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު ހުސްވި ހަފުތާގައި ލިބުނީ އެއްވަނާގައި އޮތް އާސެނަލް އާއި ދެވަނާގައި ލިވަޕޫލް ބަލިވުމުންނެވެ. ސިލްވާ ބުނީ އެންމެ މޮޅު ކުޅުން ނުދެއްކި ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ދަށްވީ ގިނަ ކުޅުންތެރިންނަށް އަނިޔާވުމާއި ޓީމަށް އަލަށް އައި އާ ކުޅުންތެރިން ޓީމަށް ހޭނެން ވަގުތު ބޭނުންވުމުން ކަމަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކުޅުންތެރިން އެފަދަ އުއްމީދެއް ކުރި ނަމަވެސް އޭނާ އެކަމާ ނުވިސްނާ ކަމަށެވެ.
އަހަރެންގެ ކުޅުންތެރިން އެފަދަ ވިސްނުމެއް ނުގެންގުޅެއޭ ނުބުނާނަން. އެކަމަކު އެއީ ފަސޭހަކަމެއްނޫން. އަހަރެން އެކަމާ ނުވިސްނަން. އަހަރެން އެކަމާ ވިސްނަފާނަން ޗެމްޕިއަންސް ލީގާއި އެފްއޭކަޕް ފައިނަލް އެކަނި ކުރިމަތީގައި އޮވެ، ޕްރެމިއާ ލީގުގެ ފަހު މެޗު އެކަނި އޮތްނަމަގާޑިއޯލާ
ރެއާލްއާ އެންމެ ވާދަވެރި ސްޕޭނުގެ ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ބުނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހިލުންވާ ކަމަށާއި މޮޅުވެއްޖެކަމަށް ހީކޮށް ކުޅުންތެރިން ތިބެފިނަމަ ލަނޑެއް ލިބިދާނެ ކަމަށެވެ.
ރެއާލް މެޑްރިޑް ބަލިކުރަން ފަސޭހަނުވާނެ. އެމީހުން އަތުން މޮޅުވާނެ ކަމަށް ހީކޮށް، ތިން ތަށި ހޯދުމުގެ ވިސްނުން އެކަނި ބަހައްޓައިގެން ތިބެގެން ފަރުނުޖެއްސޭނެ. އަހަރެން ރެއާލް މެޑްރިޑާ ދެކޮޅަށް ވަރަށް ގިނަ ފަހަރު ނުކުމެއްޖައިން. އެމީހުންނާ ކުޅެން އަހަރެން ބިރުގަނޭ. 14 ފަހަރުގެ ޗެމްޕިއަނުން ބަލިކޮށްލެވޭނީ ވަރަށް މަސައްކަތުންގާޑިއޯލާ
ސިޓީ އާއި ރެއާލް، ސްޕޭނުގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މިހެންވެ މިއީ ނަތީޖާ ނެރެންޖެހޭ މެޗެކެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސިޓީ ކާމިޔާބުކުރީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް ބަލިކޮށްގެނެވެ. ނަމަވެސް ގާޑިއޯލާ ބުނީ އަބަދު އެއްގޮތެއް ނުވާނެ ކަމަށެވެ.