ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 21:12
އިންޑިޔާ ގެ ފިލްމީ ތަރި ސަލްމާން ޚާން
އިންޑިޔާ ގެ ފިލްމީ ތަރި ސަލްމާން ޚާން
ގެޓީ އިމޭޖަސް
ސަލްމާން ޚާން ގެ ގެޔަށް ބަޑިޖެހި ދެމީހުން ހައްޔަރު
ސަލްމާން ޚާން ގެ ގެޔަށް ބަޑިޖެހި ދެމީހުން ހައްޔަރު ކޮށްފި
 
ސަލްމާން ޚާން އަށް މީގެ ކުރިންވެސް ވަނީ އެތައްފަހަރެއްގެ މަތިން މަރުގެ އިންޒާރު ދީފައެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންގެ ގެޔަށް ބަޑިޖެހި ދެމީހުން އިންޑިޔާ ފުލުހުން ހައްޔަރު ކޮށްފިއެވެ. އެދެމީހުންނަކީ އިންޑިޔާގެ ބޮޑު ކްރިމިނަލް ގޭންގެއްކަމަށްވާ ބިޝްނޯއީ ގޭންގަށް ނިސްބަތްވާ ދެމީހުން ކަމަށް ވެއެވެ. ސަލްމާން އަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ދިނީ މީގެ 24 އަހަރު ކުރިން ސަލްމާން އެންޓިލޯޕް ކިޔާ ވައްތަރުގެ ދެފުއްލާ މަރާލާފައިވާތީ ކަމަށް ބުނެއެވެ. ދީނީ ގޮތުން ވަކި ސެކްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ގޭންގުން ބަލަނީ އެންޓިލޯޕް އަކީ ޚާއްސަ ޖަނަވާރެއްގެ ގޮތުގައެވެ.

ހަމަލާ ދިން އިރު ސަލްމާން އާއި އާއިލާގެ އެތައްބަޔަކު ގޭގައި އުޅުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މުމްބާއީ ފުލުހުން ބުނެފައިވާ ގޮތުގައި އެދެމީހުން އާދީއްތަ ދުވަހުގެ ހެދުނުގެ ވަގުތެއްގައި ސައިކަލެއްގަގޮސް ބަންޑްރާ ގައި ހުންނަ ސަލްމާންގެ އެޕާޓްމަންޓަށް އަމާޒުކޮށް ފަސް ފަހަރު ބަޑިން ހަމަލާދީފައި ފިލީއެވެ. ނަމަވެސް އުމުރުން 24 އަހަރާ 21 އަހަރުގެ މިދެމީހުން ވަނީ ގުޖްރާތުގެ ކުޗް ޑިސްޓްރިކްޓް ގައި ތިއްބާ ހޯމަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި މިދެމީހުން ވަނީ ކުށަށް އިއުތިރާފް ވެފައެވެ.

ބަޑިޖެހި ދެމީހުންނަކީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީ އިސްވެ ހުރި ކްރިމިނަލް ޖަމާއަތަށް ނިސްބަތްވާ ދެމީހުންނެވެ. އެގްރޫޕުން މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ސަލްމާން ޚާން އަށް މަރުގެ އިންޒާރު ދީފައެވެ.

1998 ވަނަ އަހަރު ހިނގި ހާދިސާގައި ސަލްމާން 2 އެންޓިލޯޕް މެރިކަމުގެ ކުށުގައި ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މިހުކުމް ވަނީ ސަސްޕެންޑް ކޮށްދީފައެވެ.

ގޭންގސްޓާ ބިޝްނޯއީ މިހާރުވެސް ގެންދަނީ ބައެއް ހައި ޕްރޮފައިލް ފަރާތްތައް މެރިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ. އިންޑިޔާގެ އިދާރާ ތަކުން ބުނެފައިވާ ގޮތުގައި ސަލްމާން ޚާންގެ ގެޔަށް ބަޑިޖެހީ ބިޝްނޯއީގެ ކޮއްކޮއަންމޯލްގެ އެންގުމަށެވެ.

ތަހުގީގަށް އިނގިފައިވާގޮތުގައި ބަޑިޖެހި ދެމީހުން ސަލްމާން ދާތަންތަނާ އުޅޭ ނޫޅޭ ގޮތް އެތައް ދުވަހެއް ވަންދެން ވަނީ ބަލާ ފާރަލާފައެވެ. އަދި އެދެމީހުން ތިބީ ސަލްމާންގެ އެޕާޓްމަންޓާކައިރިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަ ވެފައެވެ.

ބަޑިޖެހި ދެމީހުން ހޯދުމަށް ހިންގި އޮޕަރޭޝަން ހިންގީ ފަސް ސްޓޭޓެއްގެ ފުލުހުންގެ ޓީމެއް ގުޅިގެންނެވެ.

ހައްޔަރު ކުރުމަށްފަހު އެދެމީހުން ވަނީ އަންގާރަ ދުވަހު ކޯޓަށް ހާޒިރު ކޮށްފައެވެ. މައްސަލައިގެ ދެވަނަ އަޑުއެހުން އެޕްރިލް 25 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެދުވަހާހަމަޔަށް ދެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް