ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 15:02
އެބެޑް މިއަދު ދިރިއުޅެމުންދަނީ ދޮށީ އުމުރުގެ މީހުން ބެލުމަށް ހާއްސަކޮށްފައިވާ މަރުކަޒެއްގައި
ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާ
ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާގެ ރެކޯޑަށް ބޮޑު ބަދަލެއް؟
 
ޕޭރޫގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމުގެ މެދުތެރޭ ސަރަޙައްދަކަށް އުފަން، މަރސެލީނޯ އެބެޑްގެ އުމުރުން މިހާރު 124 އަހަރު ފުރިއްޖެ

ދިގު އުމުރެއްގެ ސިއްރަކީ ކޮބައިކަން ހަމަ އެކަކަށްވެސް ބުނެދޭކަށް ނޭނގެއެވެ. ދިގު އުމުރާއެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދަމުން ދާ މީހުންގެ ވަނަރަށް ބަލައިލުމުންވެސް އެ ސިއްރު އެނގޭ ގޮތެއް ނުވެއެވެ. ހަށިގަނޑަށް އިންތިހާ ބަލައިގެން، ދުޅަހެޔޮ ސިއްހަތެއްގައި ދުވަސްތައް ގުނަމުންދާ މީހުން ހިމެނޭ ފަދައިން، ފިޝް އެންޑް ޗިޕްސް ފަދަ ތައްޔާރީ ކާނާގެ ބާވަތްތައް ކައި އުޅޭ މީހުންވެސް، އުމުރުން އެންމެ ދޮށީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައި އެބަ ހުއްޓެވެ.

މި ފަހަރުގެ ސިއްރު ގުޅިފައި އޮތީ ޕޭރޫގެ އެންޑިއަން ފަރުބަދަމަތީ ސަރަޙައްދަކާއެކެވެ. އެ ސަރަޙައްދުގައި ދިރިއުޅެމުން އަންނަ މީހަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ދޮށީ މީހާ ކަމަށް ކުރާ ދައުވާގެ އަޑު ވަނީ އިންތިހާއަށް ގަދަވެފައެވެ. ބުނެވޭ ގޮތުގައި އެ މީހަކު އުފަންވީ މީލާދީން 1900 ވަނަ އަހަރުއެވެ. އެންމެ ދޮށީ އުމުރުގެ މީހާގެ ރެކޯޑަށް ކުރަމުންދާ ވަކާލާތުތައް ސާބިތު ކޮށްދެވިއްޖެނަމަ، ދުނިޔޭގެ ރެކޯޑް ފޮތުން އެ ފިރިހެން މީހާއަށް ޖާގަ ލިބޭނީ 124 އަހަރުގެ ރެކޯޑަކާ އެކީގައެވެ.

ޕޭރޫގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމުގެ މެދުތެރޭ ސަރަޙައްދަކަށް އުފަން، މަރސެލީނޯ އެބެޑްގެ އުމުރުން މިހާރު 124 އަހަރު ފުރިއްޖެއެވެ. އެއީ ސައްހަ މައުލޫމާތެއްކަން ކަށަވަރު ވާ ހިސާބުން، އެބެޑް ވެގެން ދާނީ، އުމުރުގެ ގޮތުން އެންމެ ބޮޑު ފަރަގަކާއެކު، އެންމެ ދޮށީ މީހާގެ ރެކޯޑް ގެންދާ މީހާއަށެވެ. އަދި މިހާތަނަށް މިނިވަންކަމާއެކު ޔަގީންކުރެވިފައިވާ އެންމެ ދުވަސްވީ އިންސާނާގެ ގޮތުގައިވެސްމެއެވެ.

ޕޭރޫގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ، އިންޑިޕެންޑެންޓް ވެރިފިކޭޝަން ހޯދުމަށް، ގިނިސް ވަރލްޑް ރެކޯޑްސްއަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގައި އެބެޑްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް، އެބެޑްގެ ރެކޯޑާ  ބެހޭ ގޮތުން ކުރި ސުވާލަށް ގިނިސްއިން އަދި ޖަވާބެއް ދީފައި ނުވާކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ ފިރިހެން މީހާގެ ރެކޯޑަށް މީހަކު އައްޔަން ކުރިތާ މާ ގިނަ ދުވަހެއް ނުވެއެވެ. މިހާރު މި ރެކޯޑް އޮންނަނީ އިނގރޭސިވިލާތުގެ ރައްޔިތެއްގެ އަތުގައެވެ. 111 އަހަރުގެ ރެކޯޑަކާއެކު، ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ ފިރިހެން މިހާގެ ރެކޯޑް އޭނާ ކަށަވަރު ކުރީ، އޭނާގެ ކުރިން އެ ރެކޯޑް އޮތް ވެނެޒުއޭލާގެ ފިރިހެން މީހާ މަރުވުމާ ގުޅުގިގެންނެވެ. ވެނެޒުއޭލާގެ ފިރިހެން މީހާ މަރުވި އިރު އޭނާގެ އުމުރަކީ 114 އަހަރެވެ. ދުނިޔޭގައި މިވަގުތު އިން އެންމެ ދޮށީ އަންހެން މީހާގެ އުމުރުން މިހާރު 117 އަހަރެވެ. ރަސްމީ ކޮށް ރެކޯޑްކޮށްފައި ވާ މައުލޫމާތަށް ބަލާއިރު މިވަގުތު މުޅި އިންސާނީ އާބާދުގައިވެސް ހުރި އެންމެ ދޮށީ މީހަކީވެސް ހަމަ އޭނާއެވެ. ޕޭރޫގެ އެބެޑްގެ ރެކޯޑް އަދި ކަށަވަރު ކޮށްފައި ނުވާއިރު، މިހާތަނަށް އެންމެ ދޮށީ އުމުރެއްގައި މީހަކު މަރުވި ކަމަށް ފަހުގެ ތާރީޚުގައި ރެކޯޑް ކޮށްފައި ވާ އުމުރަކީ 122 އަހަރެވެ. އެއީ އެބެޑްއަށް ވުރެ 2 އަހަރު ހަގު އުމުރެކެވެ.

'މަޝީކޯ'ގެ ވަނަމުން މަޝްހޫރުވެފައިވާ އެބެޑް އުފަންވީ ޕޭރޫގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ޗާގްލާއަށެވެ. އެތަނުގައި އޭނާ ދިރިއުޅެމުން ދިޔައީ އިދާރީ ލިޔެކިޔުންތަކާއި، ހިސާބުކިތާބު ބެލެހެއްޓުމުގެ ރާޑަރުން ބޭރުގައެވެ. ޕޭރޫގެ ސަރުކާރަށް އެބެޑް ފެނުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެބެޑް ފެނުނު ފަހުން، ޕޭރޫގެ ސަރުކާރުން ވަނީ އޭނާއަކީ ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ހަމަޖައްސައިދީ، ޕެންޝަންވެސް ލިބޭ ގޮތް ހަދައިދީފައެވެ.

އެބެޑް މިއަދު ދިރިއުޅެމުންދަނީ ދޮށީ އުމުރުގެ މީހުން ބެލުމަށް ހާއްސަކޮށްފައިވާ މަރުކަޒެއްގައެވެ. އެބެޑްގެ 124 ވަނަ އުފަންދުވަސް ފާހަގަކޮށްދިނުމަށް އެ މަރުކަޒުން ވަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަފުލާގައި، ޕޭރޫގެ ފުލުހުންގެ ޔުނިޓަކުން ވަނީ އެބެޑް ޝައުގުވެރިވާފަދަ ޝޯވއެއްވެސް ހުށަހަޅައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް