ބާސެލޯނާގެ މިހާރުގެ ކޯޗު ޒަވީ ހަނާންޑޭޒަށް ވުރެ ބޮޑަށް އެކުލަބުގެ ސްޓައިލަށް ލޯބިކުރަނީ އޭނާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އޭނާ މިހެން ބުނީ މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
ޒަވީ އާއި ލުއިސް އެންރީކޭ އަކީ ބާސެލޯނާ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ފަހުން ލުއިސް އެންރީކޭގެ ކޯޗުކަމުގައި ޒަވީ އަކީ ޓީމުގެ ކެޕްޓަނެވެ. ނަމަވެސް މިއީ ކޯޗުންގެ ގޮތުގައި މި ދެ އެކުވެރިން ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންރީކޭ އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރުވެސްމެ އެވެ.
އަހަރެން އެ ސްޓައިލަށް ބޮޑަށް ލޯބިކުރަނީ. ފަހަރެއްގައި މިކަމާ އެހެން މީހުން ދެކޭ ގޮތް ތަފާތުވެދާނެ. އެކަމަކު ހޯދި ތަށިތަކާއި ތަފާސް ހިސާބަށް ބަލާއިރު އަހަރެންގެ ވާހަކަ ތެދުވާނެއެންރީކޭ
އުމުރުން މިހާރު 53 އަހަރުގެ ކޯޗު އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ނުކުންނައިރު އޭނާ ބުނީ މިއީ ނަފްސާނީ ގޮތުން ވެސް ތަފާތު އިހުސާސެއް ކުރެވޭ ކަމެއް ކަމަށާއި ބާސެލޯނާ އަކީ އޭނާ އުޅެބޮޑުވިތަން ކަމަށެވެ. އަދި 8 އަހަރު އެކުލަބަށް ކުޅެ ކެޕްޓަންކަމާއި ކޯޗުކޮށް ކޮށްދިނުމުން ބާސެލޯނާ އާއި އޭނާ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށެވެ.
އަހަރެން ބާސެލޯނާ ވަރަށް ރަނގަޅަށް ދަންނަން. ބާސެލޯނާގެ ކުޅުންތެރިން ވެސް ދަންނަން. އެމީހުންގެ ސްޓައިލް ވެސް ދަންނަން. އެކަމަކު މިއީ އެޑްވާންޓޭޖެއް ކަމަށް އަހަރެންނަށް ނޭނގެ. ދެން ބާސެލޯނާ އިދިކޮޅަށް އޮތުމުން ވަރަށް ތަފާތު އިހުސާސެއް ކުރެވޭ. ސަބަބަކީ އަހަރެންގެ މަސައްކަތް އެ ޓީމުގައި ހިމެނޭތީވެއެންރީކޭ
ހަމަ މިފަދައިން ޒަވީ އަކީ ވެސް ކުލަބުގެ ކެޕްޓަންކަންކޮށް، 500ވުރެ ގިނަ މެޗު ކުޅެދީފައިވާ މިހާރުގެ ކޯޗެވެ.
އަހަރެން ޒަވީ ނުދަންނަން ކޯޗެއްގެ ގޮތުގައި. އެކަމަކު ޓީމް މޭޓެއްގެ ގޮތުގައި އާއި އަހަރެންގެ ކޯޗުކަމުގައި ކެޕްޓަންކަން ކުރި ކުޅުންތެރިޔާގެ ގޮތުގައި ޒަވީ ދަންނަން. އަހަރެންގެ ސްޓައިލް އޭނާ އަށް އެނގޭނެއެންރީކޭ
ބާސެލޯނާ އާއި ޕީއެސްޖީގެ އެންމެ ތަފާތު މެޗަކީ 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު މެޗެވެ. ޕީއެސްޖީގެ ދަނޑުގައި 4-0އިން ބާސެލޯނާ ބަލިވި ނަމަވެސް އެމީހުން ޕީއެސްޖީ މުބާރާތުން ކަޓުވާލީ އަމިއްލަ ދަނޑުގައި 6-1އިން މޮޅުވެގެންނެވެ. އެއިރު ބާސެލޯނާގެ ކޯޗަކީ އެންރީކޭ އެވެ. މިކަމާބެހޭ ގޮތުން އޭނާ ވާހަކަ ދައްކަން ބޭނުމެއްނުވި އެވެ.