ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 08:09
ޒަވީ (6) އަށް އެންރީކޭ ބުނެދެނީ: ދެ ކޯޗުން ވެސް ނިސްބަތް ވަނީ ބާސެލޯނާ އަށް
ޒަވީ (6) އަށް އެންރީކޭ ބުނެދެނީ: ދެ ކޯޗުން ވެސް ނިސްބަތް ވަނީ ބާސެލޯނާ އަށް
ގޫގުލް
ޕީއެސްޖީ - ބާސެލޯނާ
ކޯޗިންގައި އޮތީ ބާސެލޯނާގެ ޑީއެންއޭ، އެކަން ދަސްކުރަންވީ ކުޅުންތެރިން: ޒަވީ
ޒަވީ ބުނީ އެންރީކޭގެ ޓީމަކީ ޗެމްޕިއަންސް ލީގަށް ފަރިކުރާ ޓީމެއް ކަމަށް

ދުނިޔޭގެ ފުޓްބޯޅައިގައި މައިގަނޑު ގޮތެއްގައި މިހާރު އޮތީ ބާސެލޯނާގެ ޑީއެންއޭ ކަމަށާއި މިހާރު އެކަން ދަސްކުރަންވީ ކުޅުންތެރިން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ޒަވީ މިފަދައިން ބުނީ ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރެއިން ހަތަރު ޓީމެއްގައި ތިބީ ބާސެލޯނާއިން ތަމްރީނުވި ކުރީގެ ކުޅުންތެރިން ކަމަށްވުމުންނެވެ. އެއީ ޒަވީ އާއި ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެވެ. މީގެ ތެރެއިން އެންރީކޭ އާއި ގާޑިއޯލާ އަކީ ބާސެލޯނާގެ ކާމިޔާބު ދެ ކޯޗުން ވެސްމެ އެވެ.

އެންރީކޭ އާއި އަހަރެންގެ ގުޅުން ވަރަށް ރަނގަޅު. އަދި އަހަރުމެން ދެމީހުންނާއި ގާޑިއޯލާ އާއި އާޓެޓާ މި ހިއްސާ ކުރަނީ ބާސެލޯނާގެ ޑީއެންއޭ ކޯޗުންގެ ގޮތުގައި. މިހާރު ކުޅުންތެރިން މިކަން ލިބިގަންނަން ޖެހޭ
ޒަވީ
ޒަވީ، ގާޑިއޯލާ، އެންރީކޭ އަދި އާޓެޓާ - ގޫގުލް

އޭނާ އަދި ބުނީ ޕީއެސްޖީ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ.

އަހަރުމެން ކުރިމަތީގައި އޮތީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމު. އެންމެ މޮޅު އެއް ކޯޗު އެހުރީ އެކުލަބުގައި. އެއީ ޗެމްޕިއަންސް ލީގަށް އޭނާ ބިނާ ކުރަމުން އަންނަ ޓީމެއް
ޒަވީ

އޭނާ ބުނީ ބާސެލޯނާ އާއި ޕީއެސްޖީގެ ކުރީގެ ނަތީޖާތަކުން ބާސެލޯނާ އަށް ހިތްވަރު ހޯދިދާނެ ކަމަށެވެ. ނަމަވެސް ޕީއެސްޖީގެ މިހާރުގެ ޓީމު ބަލިކުރަން ފަސޭހަނުވާނެ ކަމަށެވެ.

ފުޓްބޯޅައިގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ. އެކަމަކު އިހުސާސްތައް ކޮންޓްރޯލް ކުރަން އަހަރުމެން ދަސްކުރަންވާނެ. ލުއިސް އެންރީކޭގެ ޓީމުގައި ވަރަށް ގިނަ ތަފާތު ހުނަރާއި ކޮލިޓީ އެބަހުރި. އެކަމަކު އަހަރުމެންނަށް ވެސް އެމީހުންނާ އެއް ސަފެއްގައި ވާދަކުރެވޭނެ
ޒަވީ

ބާސެލޯނާ އާއި ޕީއެސްޖީގެ އެންމެ ތަފާތު މެޗަކީ 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅުނު މެޗެވެ. ޕީއެސްޖީގެ ދަނޑުގައި 4-0އިން ބާސެލޯނާ ބަލިވި ނަމަވެސް އެމީހުން ޕީއެސްޖީ މުބާރާތުން ކަޓުވާލީ އަމިއްލަ ދަނޑުގައި 6-1އިން މޮޅުވެގެންނެވެ. މިމެޗުގެ ވާހަކަ މިވަގުތު ދުނިޔޭގެ މީޑިޔާތަކުން ވަރަށް ބޮޑަށް ދައްކަ އެވެ.

- ކޮމެންޓް