ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 14:11
ހޮސްޕިޓަލުގެ އެކިއެކި ކޮޓަރިތަކާއި އެނޫންވެސް އެފަދަ ތަންތަނުގެ ފާރުތައް ގޮއްވާ، ވައްޓާލާފައިވާ މަންޒަރު ފެނޭޮ
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
 
އައްޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ މަރުކަޒީ ހޮސްޕިޓަލަށް ވީ ހިނދު، ގަތުލުއާންމުގެ ތެރޭގައިވެސް އެ ހޮސްޕިޓަލުން ވަނީ ކޮންމެވެސް ވަރަކަށް ޚިދުމަތްތައް ދީފަ
 
އެތަނުގައި ފަރުވާއާއި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ބައެއްގެ ޤަބުރުތަކާއި، ހަށިގަނޑުގެ ބައިތައްވެސް އިންތިހާ އަށް އެބައޮތް

ޣައްޒާގެ އުތުރުގެ ރަށެއް ކަމަށްވާ ޣައްޒާ ސިޓީގައި އޮންނަ ރިމާލް އޭ ކިޔުނު އަވަށުގައި ތަރައްޤީ ކުރި މުސްތަޝްފާ އަލްފިޝާ ނުވަތަ އައްޝިފާ ހޮސްޕިޓަލަކީ މުޅި ޣައްޒާގައިވެސް ހުރި އެންމެ ބޮޑު މެޑިކަލް ކޮމްޕްލެކްސް ނުވަތަ، ޞިއްޙީ ޚިދުމަތް ދޭ މަރުކަޒެވެ. 1946 ވަނަ އަހަރު ހުޅުވި އައްޝިފާ ހޮސްޕިޓަލުގައި، މި ހިނގާ 2024 ވަނަ އަހަރު "ބަންދު ބޯޑު އެޅުވީ" ނިރުބަވެރި އިޒްރޭލުގެ ގަތުލުއާންމުގައި އެ ހޮސްޕިޓަލު ސުންނާފަތިކޮށް، ހަފުސް ކުރުމާ ގުޅިގެންނެވެ. ހުރިހާ ކޮޅަކުން ވަށާލެވި، ބަންދުކޮށްފައި އޮތް ޣައްޒާގެ ފަޚްރެއްގެ ގޮތުގައި އެތައް ބަޔަކު ސިފަ ކުރަމުން އައި އައްޝިފާ ހޮސްޕިޓަލަކީ މިއަދު އދއިން ސިފަކުރާ ގޮތުގައި ޤަބުރުސްތާނެކެވެ. މުޅި އެ ސަރަޙައްދުންވެސް ދުވަނީ މިނިކުނިވަހެވެ.

އައްޝިފާ ހޮސްޕިޓަލު ހުރި ސަރަޙައްދު ބަލާފާސްކުރުމުގެ މަސައްކަތުގައި އުޅުއްވި، އދގެ އިންސާނީ އެހީއާ ބެހޭ ޔުނިޓް (އޯޗާ)ގެ ފަލަސްޠީނު ޑެސްކުގެ އިސްވެރިޔާގެ ނައިބު، ޖޮނަތަން ވިޓަލް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލަށް ދީފައިވާ ބޮޑެތި ގެއްލުންތަކާއި، ސުންނާފަތިކޮށް، ހަފުސްކޮށްފައި އޮތް އޮތުމުގެ ސަބަބުން، އައްޝިފާ ހޮސްޕިޓަލަކީ މިއަދު ޤަބުރުސްތާނެކޭ އެއްފަދަ ކުރެވިދާނެ ތަނެކެވެ.

އޭޕްރިލް 5 ވަނަ ދުވަހު ރެކޯޑް ކޮށްފައި ވާ މަންޒަރުތަކަށް ބަލާއިރު، އައްޝިފާ ހޮސްޕިޓަލު ބަލާފާސްކުރުމުގެ މަސައްކަތުގައި އޯޗާގެ އޮފިޝަލުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. ސަމާލުކަން ދަމައިގަންނަނީ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ސަރަޙައްދުވެސް ގައުކުންޏަށް ހަދާފައި އޮތް މަންޒަރެވެ. ހޮސްޕިޓަލުގެ އެކިއެކި ކޮޓަރިތަކާއި އެނޫންވެސް އެފަދަ ތަންތަނުގެ ފާރުތައް ގޮއްވާ، ވައްޓާލާފައިވާ މަންޒަރެވެ.

ހަމައެކަނި މި ހޮސްޕިޓަލުން މި ފެންނަ ފަނާކުރަނިވި ހަމަލާތަކުގެ ފެންވަރު ބަޔާންކޮށްދޭނެ ގޮތެއް ނޭނގެ އަހަންނަކަށް. ލަފުޒުތަކަކުން ސިފަކޮށެއް ނުދެވޭނެ. މި ހޮސްޕިޓަލް މިވަނީ މުޅިން ހަލާކުކޮށް، ސުންނާފަތި ކޮށްފަ.
ޖޮނަތަން ވިޓަލް؛ އދގެ އޮފިޝަލެއް

އައްޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ މަރުކަޒީ ހޮސްޕިޓަލަށް ވީ ހިނދު، ގަތުލުއާންމުގެ ތެރޭގައިވެސް އެ ހޮސްޕިޓަލުން ވަނީ ކޮންމެވެސް ވަރަކަށް ޚިދުމަތްތައް ދީފައެވެ. 2 ހަފުތާގެ މުއްދަތަށް އުތުރުގައި އިޒްރޭލުން ދަންމާލި ރެއިޑްއާ ޖެހެންދެކަށްވެސް އައްޝިފާ ހޮސްޕިޓަލުގައި ކޮންމެވެސް ވަރަކަށް ޚިދުމަތް ދިނެވެ.

އަހަރެމެން މި ތިބި ތަނަކީ ޝިފާ ހޮސްޕިޓަލް ހިންގި ތަން. އަބަދުވެސް، ހޮސްޕިޓަލުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގަ އޮންނަން ޖެހޭނެ ތަނެއް. އެއީ ބަލިތަކަށް ފަރުވާ ހޯދާ، ލިބިގަންނަން ދާ ތަނެއްގެ ގޮތުގަ އޮންނަން ޖެހޭނެ ތަނެއް. އެކަމަކުވެސް، އަހަންނަށް މިހާރު ހުއްޓިލައިގެން މި ހުރެވެނީ ފަނާކުރަނިވި ހަމަލާތަކެއް އޭގެ އެންމެ އިންތިހާއަށް ދީފަ އޮތް ތަނެއްގަ. ޝިފާ ހޮސްޕިޓަލު ހަމަ ޙަޤީޤަތުގަވެސް މިއޮތީ ޤަބުރުސްތާނަކަށް ބަދަލުވެފަ. ގޯތިތެރޭގަ އަދިވެސް އެބަ ހުރި، އިންސާނުންގެ ހަށިތައް. ޢިމާރާތްތައްވެސް މިއޮތީ މުޅުން ސުންނާފަތިކޮށް، ހަފުސްކޮށްފަ.
ޖޮނަތަން ވިޓަލް؛ އދގެ އޮފިޝަލެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާން ކަމަށް ބުނެ މީގެ 6 ދުވަސް ކުރިން ޣައްޒާގައި ގަތުލުއާންމު ހިންގަން ފެށި ޔަހޫދީން، އައްޝިފާ ހޮސްޕިޓަލުގައި 2 ހަފުތާ ވަންދެން ޖެހި ވަރުގަދަ ރެއިޑް ނިންމާލީ، މުޅި އެ ހޮސްޕިޓަލުވެސް "ނިމުމަކަށް" ގެނެސްފައެވެ. މުޅި ސަރަޙައްދުގައި އޮތީ ސުންނާފަތިކޮށް ހަފުސްކޮށްފައިވާ ޢިމާރާތްތަކުގެ ބައިތައް އެކަންޏެއް ނޫނެވެ. އެތަނުގައި ފަރުވާއާއި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ބައެއްގެ ޤަބުރުތަކާއި، ހަށިގަނޑުގެ ބައިތައްވެސް އިންތިހާއެވެ.

މީ ކުރިން އެމަރޖެންސީ ޑިޕަރޓްމަންގެ ގޮތުގަ ބޭނުން ކުރި ސަރަޙައްދު. ފެންނަން ތިއޮތީ ދީފަ ހުރި ގެއްލުންތައް. މުޅިންތަން މި އޮތީ ހަފުސްކޮށްފަ. ހުރިހާ ތަނެއް ސުންނާފަތިކޮށް އޮތްތަން ތި ފެންނަނީ. އެންމެ މުހިންމު ކަމަކަށް ފާހަގަ ކުރަން ޖެހޭ ކަމަކީ، މިތާ ހުންނައިރު، ޖަންގްޝަން ވަހާއި، މިނިކުނިވާ ވަހުން މުޅިތަން އެއްވަސްކޮށް ތަޣައްޔަރުވެފައި އޮތް ކަން.
ޑރ އަޔާދީލް ސަޕަރްބަކޯފް؛ ޑަބްލިއުއެޗްއޯގެ އޮފިޝަލެއް

ބައެއް ހަށީގަނޑުތަކަށް ބަލައިލުމުން އެކަނިވެސް، ދީފައި ވަނީ ކިހާ ވަރުގަދަ ޙަމަލާތަކެއް ކަން ދޭހަކޮށްލެވޭ ވަރު ވާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހެލްތު އެމަރޖެންސީސް ޓީމް ލީޑަރ، ޑރ އަޔާދީލް ސަޕަރްބެކޯފް ވަނީ ވިދާޅުވެފައެވެ.

ގޯތި ތެރެއިން މިހާރު ތި ފެންނަނީ މި ތާ މަރާލެވުނު މީހުންގެ ކަށްވަޅުތައް. ބައެއް މީހުން މިހާރުވެސް ވަޅުލެވިއްޖެ. އަނެއް ބަޔަކު އަދިވެސް ވަޅެއް ނުލެވޭ. މިތަނާ އަދިވެސް އިތުރު އެހެން ތަންތަނުން ފެންނާ، ޣައްޒާއަށް މި ދޭ ގަދަ އަވީގަ، މި އިންސާނުންގެ ހަށިތައް ކުނިވަމުންދާ މަންޒަރު. މިއީ ބިރުވެރި ކަމެއް، ޚިޔާލަށް ގެންނަންވެސް އުނދަގޫ ކަމެއް. މި ގަތުލުއާންމު މިހާރުން މިހާރަށް ހުއްޓާލަން އެބަ ޖެހޭ.
ޑރ އަޔާދީލް ސަޕަރްބަކޯފް؛ ޑަބްލިއުއެޗްއޯގެ އޮފިޝަލެއް

ރަމަޟާން މަހަށް ފެށި ފަހުން ޔަހޫދީންގެ ދުއްތުރާ ބޮޑުވިއެވެ. އުދުވާންތައް ވަރުގަދަކޮށް، ގަތުލުއާންމު މެކުހަށް ޖެހިއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި ހަމަލާތައް ދެމުން ގޮސް، ބައިނަލްއަޤުވާމީ އެހީއަށް ބަރޯސާވެގެން އޮތް ޣައްޒާގައި ތިބި އިންސާނީ އެހީ ދޭ މަސައްކަތްތެރިންގެ ތެރެއިން 7 މީހަކުވެސް މަރާލިއެވެ.

"އޮޅުމެއްގެ" ތެރެއިން ކަމަށް ހަދާ، ދިފާޢަށް ކުޅުމުގެ ކުޅިގޮނޑި ފަތުރަން އިޒްރޭލުން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، އިޒްރޭލުން މަރާލި މަސައްކަތްތެރިންގެ ތެރޭގައި ނުފޫޒުގަދަ ބައެއް ޤައުމުތަކުގެ ރައްޔިތުން ހިމެނުން ކަމީ، އިޒްރޭލާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި އަޑުއުފުލުންތައް ވަރުގަދަ ކުރުވި ކަމަކަށް ވިއެވެ. އިޒްރޭލުން ހަމަލާ ދީ މަރާލި، އިންސާނީ އެހީދޭ މަސައްކަތްތެރިންގެ ތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ޕޯލަންޑް އަދި އެމެރިކާއާއި ކެނެޑާގެ ރައްޔިތުންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް