ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 13:12
ާއއ.ރަސްދޫ
ާއއ.ރަސްދޫ
ސޯޝިއަލް މީޑިއާ
ކުޑަކުއްޖަކަށް އަނިޔާކުރުން
ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: ރަސްދޫގައި ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން
 
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން
 
މިމައްސަލާގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ކުރާނެ
 
އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ދެނެގަނެވިފައިވޭ

އއ. ރަސްދޫ މިސްކިތެއްގެ ފާޚާނާ ހުންނަ ސަރަހައްދުގައި ކުޑަކުއްޖަކަށް އިންޒާރުދީ އަނިޔާކުރި މައްސަލައާ ގުޅިގެން ކަމާގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ރަސްދޫގައި މި ވަގުތު ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، މިމައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުޑަކުއްޖާއަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފުލުހުންގެ މަސައްކަތުންވަނީ ދެނެގަނެވިފައިވާ ކަމަށެވެ. މިމައްސަލާގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ކުރަމުންދާ ކަމަށެވެ.

ކުޑަކުއްޖަކަށް މިސްކިތެއްގެ ފާހާނައިގައި އެހެން ދެ ކުއްޖަކު ވެގެން އަނިޔާކޮށް ބިރު ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ގިނަ އާއްމު ރައްޔިތުން ދަނީ މިކަމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި އަނިޔާވި ކުއްޖާއަށް އިންސާފު ލިބެންޖެހޭ ކަމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

އާއްމުވެފައިވާ އެ ވީޑިއޯގައި "ވޯންޓެޑްއޭ ކިޔާފައި ވާހަކަ ނުދައްކާ" ފަދަ އިބާރާތުން އިންޒާރުދީ އެ ކުއްޖާގެ ގައިގައި ޖަހާ ތަޅާ އަނިޔާކުރާތަން ފެނެއެވެ. އަދި ކަކޫމައްޗަށް ތިރިވެ މައާފަށް އެދެން ބުނެ އިންޒާރުދެއެވެ.

މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް