ދުނިޔޭގެ އެއް ނަމްބަރު ދުވުންތެރިޔާ ޖަމައިކާގެ އުސެއިން ބޯލްޓާ ވާދަކޮށް، 100 މީޓަރު ދުވުމުން އެއްވަނަ އެމެރިކާގެ ޖަސްޓިން ގެޓްލިން ހޯދައިފި އެވެ.
ލަންޑަންގައި ކުރިޔަށްދާ ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްސްގައި ހޮނިހިރު ދުވަހުގެ ރޭ އޮތް 100 މީޓަރުގެ ފައިނަލް އިވެންޓު އުމުރުން 35 އަހަރުގެ ގެޓްލިން ކާމިޔާބުކުރީ 9.92 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުން ދެވަނަ ހޯދި އެމެރިކާގެ ކްރިސް ކޯލްމަން ރޭސް ނިންމީ 9.94 ސިކުންތުންނެވެ. ތިންވަނަ އަށް ބޯލްޓް ދިޔައިރު، އޭނާ ރޭސް ނިންމީ ކޯލްމަން އަށްވުރެ އެއް ސިކުންތު ލަހުން ނިންމައިގެންނެވެ.
100 މީޓަރު ދުވުމުން ވޯލްޑް ރެކޯޑް އޮންނަނީ ބޯލްޓް އަތުގައެވެ. މީގެ 8 އަހަރު ކުރިން އޭނާ މި ރެކޯޑު ހެދީ 9.58 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިފަހަރުގެ ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕަކީ ބޯލްޓްގެ ފަހު ރޭހަށްވާއިރު، 100 މީޓަރު ދުވުމުން އޭނާ ހޯދި ލޯ މެޑަލް އަކީ އޭނާގެ ހަޔާތުގައި 100 މީޓަރު ދުވުމުން ހޯދާ ފަހު މެޑަލް އެވެ. މި މުބާރާތަށްފަހު ބޯލްޓް ވަނީ ދުވުން ހުއްޓަލާނެކަން އިއުލާންކޮށްފައެވެ.
މުބާރާތުގައި ބޯލްޓް ވާދަކުރާ ފަހު ރޭސް އޮންނާނީ އަންނަ ހަފްތާގައެވެ. އެއީ ހަތަރެއް ގުނަ 100 މީޓަރު ރިލޭއެވެ. މި ރޭހުގައި ބޯލްޓްގެ އިތުރުން ގެޓްލިންވެސް ވާދަކުރާނެއެވެ.
ނިމިގެންދިޔަ އަހަރު ބްރެޒިލްގެ ރިއޯގައި އޮތް އޮލިމްޕިކް މުބާރާތުގެ 100 މީޓަރާއި 200 މީޓަރުގެ އިތުރުން 400 މީޓަރު ކާމިޔާބުކޮށްފައިވާ ބޯލްޓްއަށް 2008 ވަނަ އަހަރު ބެއިޖިންގގައި އޮތް އޮލިމްޕިކް މުބާރާތުގެ 400 މީޓަރު ރިލޭއިން ލިބުނު ރަންމެޑަލް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން އަތުލާފައިވާއިރު، އެކަމާ ގުޅިގެން އޭނާ ބުނީ އެކަމާއި ފުރަތަމަ ހިތްހަމަ ނުޖެހުނު ކަމަށާއި ނަމަވެސް ދިރުއުޅުމުގައި ކަންކަމާއި ދިމާވާނެ ކަމަށެވެ.