އުރީދޫ ދިވެހި ޕްރިމިއާ ލީގަށް އަލީ އަޝްފާގު (ދަގަނޑޭ) އެނބުރި އައިސް ޖެހި ހިތްގައިމު ލަނޑުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޓީސީ ބަލިކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓީސީއާ ވާދަކޮށް ނިއު މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯlލް ކޮށްގެން ރަނގަޅަށް ކުޅުނީ ޓީސީ އެވެ. އެގޮތުން އެޓީމުން ވަނީ ނިއުގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.
ނިއު އަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ދަނގަޑޭ، އަލީ ފާސިރު (ސެންޓޭ) އަދި އެޑްރިއަން ގަލާޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ނިއު އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 47 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ގަލާޑޯ އެވެ. އޭނާ މި ލަނޑު ޖެހީ ދަގަނޑޭ ނަގައިދިން ބޯޅައަކުންނެވެ.
އެހެން ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ޓީސީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް މަހުދީ (އިއްބެ) ނަގައިދިން ހުރަހަކުން ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް އެވެ.
ދެވަނަ ހާފްގެ ބޮޑުބައިގައި ނިއު އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ޓީސީގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. ނިއު އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ ދަގަނޑޭ ކާމިޔާބު ކުރި ހިލޭ ޖެހުމުންނެވެ. 73 ވަނަ މިނެޓުގައި ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.
މި ލަނޑަށްފަހު ވެސް ނިއު އިން ދިޔައީ ޓީސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 81 ވަނަ މިނެޓުގައި ސެންޓޭ ކާމިޔާބު ކުރި ލަނޑުން ނިއު އިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެއްފަހަރުންނެވެ.
ލީގުގައި އާދީއްތަ ދުވަހު ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ހަވީރު ބައްދަލު ކުރާނީ ށ.މިލަންދޫ އަދި ކްލަބް ގްރީން ސްޓްރީޓެވެ. ދެވަނަ މެޗުގައި ރޭގަނޑު ބައްދަލު ކުރާނީ އއ.މާޅޮސް އަދި ގދ.ތިނަދޫ އެވެ.