ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 12:31
ވައިކުޑައިގެ ނިޔެމި ކަމުގައި އެހީގެ ފޮށިގަނޑުތައް ދޫކޮށްލުމުން، ޣައްޒާގެ ވަޒަންވެރިން، އެ ހޮވުމަށްޓަކައި އެމީހަކަށް ކުރެވެން އޮތް ގޮތަކަށް މަސައްކަތް ކުރޭ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
"ބޮން އަޅާ ބޯޓުގެ" އަޑަށް ބިރުގަތެއްކަމަކު މިއަދު އިންތިޒާރުކުރެވެނީ އެ އަޑަށް... ބޯޓުތައް ފަހާ ދުވަންވެސް ދުވޭ!
 
ޣައްޒާއަށް އެހީ ވަންނަ ހުރިހާ ދޮރެއްގައި އިޒްރޭލުން މަކުޑި އަޅާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ މައިގަނޑު މަސްދަރަކަށް ވެފައި އޮތީ ވައިގެ އުދުހުންތައް
 
ޢުމުރުން 2 އަހަރުން ދަށުގެ ކޮންމެ 3 ކުއްޖަކުން 1 ކުއްޖަކީ މިއަދު އެކިއުޓްލީ މެލްނޮރިޝްޑް ނުވަތަ "ވޭސްޓަޑް" އޭ ކިޔާ ހާލަތަށް ގޮސްފައި ތިބި ކުދިން

2007 ވަނަ އަހަރު ޙަމާސް ހަމާސް ޖަމާޢަތުން ކޮންޓްރޯލް ނެގި ފަހުން ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާގެ ރަށްވެހިންނަކީ ސިލްސިލާ ގޮތެއްގައި ހަނގުރާމައާއި ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. ފަލަސްޠީނުގެ ބިންތަކަށް އަތްގަދަ ކުރަމުންދާ ނިރުބަވެރި އިޒްރޭލުގެ އަނިޔާވެރިކަމުގައި ހަނާވަމުން ގޮސް، މިދިޔަ އޮކްޓޯބަރ މަހު ގަތުލުއާންމުގެ ޝިކާރައަކަށްވެސް ވީއެވެ. ޙަމާސް ޖަމާޢަތުގެ ވަސްވެސް މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ އިޒްރޭލުން ހިންގަން ފެށި ގަތުލުއާންމުގައި އެއްގަމާއި ކަނޑާއި ވައިގެ މަގުން ހަމަލާތައް ދެމުންދާއިރު، ޣައްޒާގެ ރަށްވެހިންނަށް ނަފުސާނީ ގޮތުން ކޮށްފައިވާ އަސަރުތަކުގެ ވާހަކަވެސް ދައްކާ ކޮޅުންލާކަށް ނެތެވެ.

ޣައްޒާއިން ހަމަލާގެ އަޑުފަށްގަނޑު މަޑުވާ ހަމަ އެއްވެސް ވަގުތެއް ނެތޭ ދެންނެވިދާނެއެވެ. ގަތުލުއާންމުގައި ބަނދެވި 6 ވަރަކަށް މަސްދުވަސް ފާއިތުވެގެން ދާ އިރު، މިއަދުވެސް އެ އަޑުތަކަށް ނުސިހޭ މީހަކު ނެތެވެ. ވައިގެ މަގުން ހަމަލާ ދޭ ބޯޓެއް ނުވަތަ "ބޮން އަޅާ ބޯޓެއްގެ" އަޑު، ކަންފަތުކޮޅަށް އިވުނަސް ހުރިތަނަށް ކުޑަކަމުދެވޭ ކުދިން މަދެއް ނޫނެވެ. ނަމަވެސް، މިއަދު ޣައްޒާގެ ރަށްވެހިން އިންތިޒާރު ކުރާ އަޑަކަށްވެސް ވެފައި އޮންނަނީ އަސްކަރީ މަތިންދާބޯޓުތަކުގެ އަޑެވެ. ސަބަބަކަށް ވަނީ އިންތިހާ ބަނޑުހައިހޫނު ކަމުގައި އެތައް މަހެއް ހޭދަ ކުރަން ޖެހުމެވެ.

ހުރިހާ ކޮޅަކުން ޣައްޒާ ފިއްތާ، ޣައްޒާއަށް އެހީ ވަންނަ ހުރިހާ ދޮރެއްގައި އިޒްރޭލުން މަކުޑި އަޅާ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ދުނިޔޭގެ އެކި ހިސާބުތަކުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ މައިގަނޑު މަސްދަރަކަށް ވެފައި އޮތީ ވައިގެ އުދުހުންތަކެވެ. އަސްކަރީ މަތިންދާބޯޓުތަކުގައި ޣައްޒާ މަތިން ދަތުރުކުރަމުން، ވައިކުޑައިގެ ނިޔެމި ކަމުގައި އެހީގެ ފޮށިގަނޑުތައް ދޫކޮށްލުމުން، ޣައްޒާގެ ވަޒަންވެރިން، އެ ހޮވުމަށްޓަކައި އެމީހަކަށް ކުރެވެން އޮތް ގޮތަކަށް މަސައްކަތް ކުރެއެވެ. ބައެއް މީހުން މޫދަށްވެސް އެރެއެވެ. އެހެން އެރި އުޅުމުގެ ތެރޭގައި ގެނބިގެން ފުރާނަ ގެއްލުމުގެ ހާދިޘާތައް ހިނގާފައި އެބަހުއްޓެވެ. ނުވިތާކަށް، އެހީގެ މަތިންދާބޯޓުތައް އަންނަ ގަޑިއާ ދިމާކޮށް އެ ސަރަހައްދުތަކަށް ޖަމާވާ އާންމުންނަށް އަމާޒުކޮށްވެސް އިޒްރޭލުން ހަމަލާ ދެނީ މަދެއްކޮށެއް ނޫނެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރުވެސް، ޣައްޒާގެ ރަށްވެހިން މިއަދު އެންމެ އިންތިޒާރު ކުރާ އަޑަކަށް ވެފައި އޮންނަނީ ނުވަތަ ދުށުމަށް އެންމެ އިންތިޒާރު ކުރާ މަންޒަރަކަށް ވެފައި އޮންނަނީ އަސްކަރީ މަތިންދާބޯޓުތަކުން އެހީގެ ފޮށިގަނޑުތައް ދޫކޮށްލާ މަންޒަރެވެ. އެންމެ ކުޑަމިނުން އެއް އިރުގެ ކެއުން ހަމަޖެއްސާލެވިދާނެ ކަމުގެ ފޮނި އުންމީދުގައެވެ.

ބޯމަތިން ފެންނަ ކޮންމެ މަތިންދާބޯޓެއް ފަހާ ދުވާ އެތައް ރައްޔިތަކު ޣައްޒާގައި އެބަ ތިއްބެވެ. އެފަދަ އެކަކީ އަޙްމަދު ޠާފިޝްއެވެ. އެއް ފަހަރު ނުވެއްޖެއްޔާ ދެންވެސް މަސައްކަތް ކުރަނީއެވެ. 2 ދަރިންގެ ބައްޕަގެ ހުރިހާވެސް ބޭނުމަކީ، ދަރިންނަށް ރޯދަ ވީއްލޭނެ ގޮތް ހަދައިދިނުމެވެ.

މިއަދު ހެނދުނުވެސް މިހާރު 2 ފަހަރަށް މަސައްކަތް ކުރެވިއްޖެ. އެކަމަކު އެއްޗެއް ލިބޭ ގޮތެއް ނުވޭ. އަދި އެއްފަހަރު ނޫނީ ދެ ފަހަރަކު ބަލާލާނަން އެއްޗެއް ލިބޭތޯ. ރޯދަވީއްލަން ދެން މާ ގިނައިރެއްވެސް ނެތް، މީ ރަމަޟާން މަސް. މިއަދު ކާލާނެ ކޮންމެވެސް އެއްޗެއް ލިބޭނެ ކަމަށް އުންމީދު ކުރަނީ. އެއްވެސް މީހަކު އަހަރެމެން ނުހުއްޓުވާނެ ކަމަށް އުންމީދު ކުރަނީ. ފަސޭހައިން ކާބޯތަކެތި ލިބުން އުންމީދަކީ، ތޮއްޖެހި ފިތިބާރުވާން ނުޖެހި... ބީންސް ނޫނީ ހަމަސް ދަޅެއް ލިބުނަސް ހެޔޮ. މިއަދު ކޮންމެވެސް އެއްޗެއް ކާލެވުން އުންމީދަކީ. ގިނަ މީހުން މިއަދު ތިބީ ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށްވެފަ، އެ މީހުން ގަޔަކު އެއްވެސް ހަކަތައެއް، ވަރެއް ނެތް... އެ ދިމާ، އެކޮޅުގަ އެބަ އޮތް އަދިވެސް ފީފާއެއް، އެކަމަކު އެއްގަމުން އެއްވެސް އެއްޗެއް ލިބިދާނެއެކޭ ހިތެއް ނުބުނޭ.
އަޙްމަދު ޠާފިޝް؛ ޣައްޒާގެ ރަށްވެއްސެއް

އެކައްޗެއްވެސް ނެތުމަށް ވުރެ، ކިތަންމެ ކުޑަ މިންވަރެއް ލިބުމަކީވެސް ނަޞީބެއްކަން ޠާފިޝްގެ ވާހަކަތަކުން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ.

الحمد لله! މާތް ރަސްކަލާންގެ އަހަރެމެންނަށް 2 އިރުގެ ކޮއްތު ދެއްވައިފި. ތެދެއް، މިއީ ފުދޭ މިންވަރެއް ނޫން. އެކަމަކު، އެއްވެސް އެއްޗެއް ނެތުމަށް ވުރެ ހާސްބައި ރަނގަޅު. މިއަދު ކުދިވެރިންނަށް ކޮންމެވެސް އެއްޗެއް ދެވޭނެ ރޯދަވީއްލަން. މިއަދު އަހަރެމެންނަށް ރޯދަވީއްލުން އޮންނާނެ. ދެތިން ދުވަސް ވީއިރުވެސް ކާލާނެ އެއްވެސް އެއްޗެއް ނުލިބި ތިބި މީހުން ތިއްބާ. އުންމީދު ކުރަނީ ހާލަތު ރަނގަޅުވާނެ ކަމަށް. ދަރިންނަށް ކާންބޯންދެވޭ ވަރު ވާނެ ކަމަށް.
އަޙްމަދު ޠާފިޝް؛ ޣައްޒާގެ ރަށްވެއްސެއް

ޣައްޒާގެ ކުޑަކުދިން ރޭގަނޑު ނިދަން ދަނީވެސް ބަނޑަށް ތިބެއެވެ. އެންމެ ތުއްތު ކުދިންގެ ހަށިގަނޑަށް ބަލައިލި ކަމުގައި ވީ ނަމަވެސް ބަނޑުހައިހޫނު ކަމުގެ ވޭނުގައި އެކުދިން އުޅެމުން ދާ ހާލު ސާފުވެއެވެ. ފެންނަ މަންޒަރުތަކުން ހިތުގައި މިހާ ގަދަ ވޭން އަޅާ އިރު، އެކުދިންގެ ހަށިގަނޑުގައި އަޅާނެ ވޭން، ހިތަށް ގެންނަންވެސް ދައްޗެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބުން ހުއްޓި، ކައިބޮއެ ހެދޭނެ ގޮތެއް ނެތުމުގެ ސަބަބުން ކުރިމަތިވާ މެލްނިއުޓްރިޝަންގެ މައްސަލަތަކަކީ މިއަދު ޣައްޒާގައި ފެތުރިފައި ވާ އެންމެ ބޮޑު ބަލިމަޑުކަމެވެ. ޢުމުރުން 2 އަހަރުން ދަށުގެ ކޮންމެ 3 ކުއްޖަކުން 1 ކުއްޖަކީ މިއަދު އެކިއުޓްލީ މެލްނޮރިޝްޑް ނުވަތަ "ވޭސްޓަޑް" އޭ ކިޔާ ހާލަތަށް ގޮސްފައި ތިބި ކުދިންނެވެ. މިއީ ކުރު މުއްދަތެއްގައި އެއްވެސް ވަރަކަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކާއި ސަރުބީގެ ބައިތައް ވިރި ހުސްވެގެން ދިއުމުގެ ހާލަތެވެ. 

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގައި އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށިފަހުން އަދާ ޖެހުނު އިރު 33000 އާ ގާތް ކުރާ އަދަދެއްގެ ބަޔަކު ވަނީ މި ދުނިޔެއާ ވަކިވެ ގޮސްފައެވެ. ލައްކައެއްހާ މީހުން ޒަޚަމްވެފައި ވާ އިރު، މުޅި އާބާދީހެން މިއަދު ތިބީ ރެފިއުޖީންގެ ގޮތުގައެވެ. ބަނޑުފުރާ މުއްތި ކުރެވޭނެ ގޮތެއް ނެތި އެތައް މަހެއް ހޭދަވަމުން ދާ އިރު، ޣައްޒާގެ އެތައް ބަޔަކު ބަނޑުނުޖެހި ނުދާނެ ކަމުގެ އިންޒާރު، ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި ދެމުންނެވެ. ވަކިން ހާއްސަކޮށް، ހަނގުރާމައިގެ ނުރައްކާ އެންމެ ގަދަވެ، އެތަނެއްގައި 3 ލައްކައެއްހާ މީހުން ބަންދުވެފައި ތިބި ޣައްޒާގެ އުތުރުގެ ސަރަހައްދު ބަނޑަށްޖެހޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް