ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 18:58
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ
ގޫގުލް
އެންޓޯނިއޯ ކޮންޓޭ
ޗެލްސީން މަސައްކަތް ކުރަނީ ކުޅުންތެރިން ގަންނަން، ވިއްކާކަށް ނޫން: ކޮންޓޭ
ކޮންޓޭ ބުނީ ހަޒާޑް ޗެލްސީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށް
ޓީމު ރަނގަޅު ކުރުމަށް އަންނަނީ އަދިވެސް މަސައްކަތްކުރަމުން

ޗެލްސީން މަސައްކަތް ކުރަނީ ކުޅުންތެރިން ގަންނަން  ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު ވިއްކާލަން ނޫޅޭ ކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޮންޓޭ ބުނީ ކުޅުންތެރިން ވިއްކުމުގެ ބަދަލުގައި ކުޅުންތެރިން ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުޅުންތެރިން ވިއްކުމުން ކުޅުންތެރިންގެ އަދަދު މަދުވެ ފަހުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ޗެލްސީ ދޫކޮށްލުމަށް ފަހު އެޑެން ހަޒާޑް ބާސާ އަށް ބަދަލުވާން އުޅޭ ކަމަށް އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ކޮންޓޭ ބުނީ ހަޒާޑް ވެސް ޗެލްސީގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، އޭނާ އަށް ލިބުނު އަނިޔާ އިން ރިކަވާވެ ސީޒަން ފަށާނެ ކަމަށެވެ.  

ކޮންޓޭ ބުނީ އޭނާ ބޭނުންވާ ކަންތައްތައް ޗެލްސީއަށް އެނގޭނެ ކަމަށާއި، ބޭނުންވާ ކުޅުންތެރިންގެ އަދަދު ވެސް އެނގޭނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އެކަންތައްތައް ނޫސްވެރިންނަށް އާންމު ކުރުމަށް ބޭނުންނުވާ ކަމަށެވެ. އެގޮތުން ކޮންޓޭ ބުނި ޓީމު ރަނގަޅު ކުރުމަށް އޭނާ އަންނަނީ އަދިވެސް މަސައްކަތް ކުރަމުން ކަމަށެވެ.

ކޮމިއުނިޓީ ޝިލްޑު ކުޅުމަށް ފަހު މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޗެލްސީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ކުޅޭނީ ބާންލީއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހު ޗެލްސީ ދަނޑުގައެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާއެކު ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، އެޓީމު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ނުކުޅެއެވެ. އެގޮތުން އެޓީމުން އަންނަނީ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބުމާއެކު އެ މުބާރާތައް ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް