ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 13:19
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ (ކ) ވާހަކަ ދައްކަނީ
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ (ކ) ވާހަކަ ދައްކަނީ
ގޫގުލް
ޕެޕް ގާޑިއޯލާ
ބަލިކުރަންޖެހޭ ޓީމަކީ ސިޓީ، ލިވަޕޫލާއި އާސެނަލް އޮއްވައި ތަފާތު ބޮޑެއްނުވާނެ: ގާޑިއޯލާ
 
ލިވަޕޫލާއި އާސެނަލް އަކީ މޮޅު ދެ ޓީމު: ގާޑިއޯލާ

އިނގިރޭސި ޕްރެމިއާ ލީގުގައި އަދިވެސް އޮތް އެންމެ މޮޅު ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި ރޭ އާސެނަލްއާ އެއްވަރުވެ، ޓޭބަލުގެ ތިން ވަނަ އަށް ސިޓީ ވެއްޓުމުންނެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ސިޓީއާއެކު ލީގު ތައްޓަށް ވާދަކުރަނީ އާސެނަލް އާއި ލިވަޕޫލެވެ. އެއްވަނާގައި ލިވަޕޫލަށް 67 ޕޮއިންޓް ލިބިފައިވާއިރު އާސެނަލް އަށް 65 އަދި ސިޓީ އަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.

މިގޮތަށް ނަތީޖާ ފެންނަން އޮތަސް އަދިވެސް ބަލިކުރަންޖެހޭ ޓީމަކީ ސިޓީ. އެންމެ މޮޅު ޓީމަކީ ވެސް ސިޓީ. ގަބޫލު ނުކުރަންތަ؟ ކީއްވެ؟ އަހަރުމެން މިތިބީ އެފްއޭކަޕް ސެމީ ފައިނަލްގައި. ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި، އާސެނަލް އާއި ލިވަޕޫލާއެކު ލީގު ހޯދަން މި ވާދަކުރަނީ،
ގާޑިއޯލާ

އޭނާ ބުނީ ހުސްވި ސީޒަނުގައި އާސެނަލް ބަލިކޮށް ސިޓީން ބޮޑު ލީޑެއް ނެގި ނަމަވެސް ލިވަޕޫލާއި އާސެނަލް އަކީ މޮޅު ދެ ޓީމު ކަމަށާއި އަބަދު އެއްގޮތެއް ނުވާނެ ކަމަށެވެ.

ލިވަޕޫލް އޮއްވައި 10 ޕޮއިންޓްގެ ލީޑެއް ނުހޯދޭނެ. އާސެނަލް އޮއްވައި 16 ޕޮއިންޓްގެ ފަރަގެއް ނުހޯދޭނެ. (ލިވަޕޫލްގެ ކޯޗު) ޔާގެން ކްލޮޕް އާއި (އާސެނަލްގެ ކޯޗު) މިކޭލް އާޓެޓާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި އެވަނީ. އެ ދެ ޓީމު މޮޅު. މިރޭ އާސެނަލް އަހަރުމެންނަށްވުރެ ރަނގަޅަށް ކުޅުނު. ހަމަލާ ވެސް އުފެއްދި. އެ ކްރެޑިޓް އަހަރުމެން އެމީހުންނަށް ދޭން ޖެހޭ
ގާޑިއޯލާ

އޭނާ ބުނީ ވިދިވިދިގެން ހަތަރު ސީޒަނަކު އިނގިރޭސި ލީގު ނެގުމަކީ އެއްވެސް ޓީމަކަށް ނުކުރެވުނު ކަމެއް ކަމަށާއި ސިޓީ އެކަން ވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ބާކީ އަދި ނުވަ މެޗު އެބައޮތް. ޕޮއިންޓުން ވާހަކަ ދައްކާނަމަ އެއީ ހޯދަންޖެހޭ ވަރަށް ގިނަ ޕޮއިންޓް. މިކަހަލަ ވާދަވެރި ސީޒަނެއް މީގެ ކުރިން ދެ ފަހަރަކު ހިނގައްޖެ. ލިވަޕޫލް އަހަރުމެންނާ ވާދަކުރީ. އެންމެ ފަހު ވަގުތު އަހަރުމެންނަށް ލީގު ލިބުނީ ދޫނުދީ ތިބުމުން
ގާޑިއޯލާ

އޭނާ ބުނީ ކުރިއަށް އޮތް އެސްޓަންވިލާ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް