ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 09:19
ސުލްހަވެރިކަން އިއާދަ ކުރިޔަސް، ލޭންޑްމައިންތައް ފުރިހަމައަށް ނައްތާލުމުގެ މަސައްކަތް ނިންމާލަން އެތައް ދުވަހެއް ހޭދަވޭ
ޔަމަން ހަނގުރާމަ
ސުލްހަ އިޔާދަވިއެއް ކަމަކު، ވަޅުލި މައިންތަކަކީ ގެއްލުން ދެނިވި ހަނގުރާމައިގެ "ތަރިކައެއް"
ފާއިތުވި ހަ އަހަރު ތެރޭގައި ޔަމަނުގައި ހިންގި މައިން ނައްތާލުމުގެ އޮޕަރޭޝަންތަކުގައި، ބޭރުގެ 5 ތަޖުރިބާކާރުން ހިމެނޭހެން، މަސާމްގެ 32 މެންބަރެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑްތަކުން ދައްކާ
ސަލީމްއަކީ އޭނާގެ އާއިލާއަށް އާމްދަނީއެއް ލިބޭ ހަމަ އެކަނި މަސްދަރު، ނަމަވެސް މިއަދު އޭނާއަކީވެސް ނުކުޅެދޭ މީހެއް

ހަނގުރާމަތަކާއި ކުރިމަތިލުންތަކުގެ ސަބަބުން ޤައުމެއްގައި ޖެހިދާ ލައްގަނޑަކީ އެތައް ޖީލަކަށް ދެމިގެންދާ ލައްގަނޑަށް ވެދެއެވެ. މިހެން ދަންނަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ޙަމަލާ ބަދަލު ކުރުން ހުއްޓާލާ، އެއިރަކަށް އޮތް އެންމެ ސުލްހަވެރި ގޮތަކަށް ދިރިއުޅުން ކުރިއަށް ގެންދަން ފެށި ކަމުގައި ވީ ނަމަވެސް، ހަނގުރާމައިގެ ތެރޭގައި ހިންގާފައި ވާ ބައެއް އަމަލުތަކުގެ އަސަރު، އެތައް ޖީލަކަށް ވާރުތަ ކުރެއެވެ. ޔަމަނުގައި އަހަރުތަކެއް ވަންދެން ހިންގި ދާޚިލީ ހަނގުރާމައިގެ ތެރޭގައި ވާދަވެރި ޖަމާއަތްތަކުން ވަޅުލާ، ދޫކޮށްލާފައިވާ އެއްގަމު މައިން، ނުވަތަ ލޭންޑްމައިންތައް މިއަދު ވެފައި ވަނީ، މަރުގެ އެތިފަހަރަކަށެވެ. ހަނގުރާމައިގެ "ތަރިކަ" އެއްގެ ގޮތުގައެވެ.

ޔަމަނުގައި ހަނގުރާމަކުރާ ފަރާތްތަކުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، އދ އިސްވެ އޮވެ ބައިނަލްއަގްވާމީ މުޖުތަމައުގެ މެދުވެރިކަމުގެ ދަށުން އަސާސީ ހަނގުރާމަ ހުއްޓާލިއެއް ކަމަކު، ލޭންޑްމައިންތަކަކީ މި އެއްބަސްވުންތަކުގައި ބައެއް ނޫނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާކުރާ ގޮތުގައި ޔަމަނުގެ 4.9 މިލިއަން މީހުން ދިރިއުޅެމުން ދަނީ ނުކުޅެދުންތެރިކަމާއެކުގައެވެ. ޔަމަނުގެ ވެރިރަށް ސަނާގައި ހުންނަ ނޭޝަނަލް ޕްރޮސްތެޓިކްސް ސެންޓަރުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ކޮންމެ މަހަކުވެސް 9،800 އާއި 11،000 އާއި ދެމެދުގެ ޕްރޮސްތެޓިކްސް ނުވަތަ މަސްނޫއީ ގުނަވަން ބޭނުންވެއެވެ. އެއީ ހަނގުރާމައިގެ ކުރިއާ އަޅާ ބަލާއިރު މަހެއްގެ މައްޗަށް 1500 ޔުނިޓް އިތުރު މިންވަރެކެވެ.

އަޙްމަދު ސަލީމްއަކީ އޭނާގެ އާއިލާއަށް އާމްދަނީއެއް ލިބޭ ހަމަ އެކަނި މަސްދަރެވެ. ނަމަވެސް މިއަދު އޭނާއަކީވެސް ނުކުޅެދޭ މީހެކެވެ. ރައްޓެއްސަކާއެކު ސައިކަލު ދުއްވަނިކޮށް ލޭންޑްމައިންއަކަށް އަރާ، އެ ގޮވުމުގެ ސަބަބުން އަޙްމަދުގެ ދެފައެއް މިއަދަކު ނެތެވެ.

ހިނގާބިނގާވެ އުޅެވުނުއިރު މަށަކީވެސް ވަޒީފާއެއްގަ އުޅުނު މީހެއް. އެކަމަކު އަހަންނަށް އަނިޔާވީ. އަހަންނާއި އަހަރެންގެ ރައްޓެއްސެއް ސައިކަލު ދުއްވަމުން ގޮސް، މައިނަކަށް އެރުނީ. އެކުވެރިޔާ މަރުވީ. އަހަރެންގެ ދެފައި ދިޔައީ.
އަޙްމަދު ސަލީމް؛ އާންމު ރައްޔިތެއް

މައިން ގޮވި ހާދިޘާގައި އަޙްމަދުގެ ފުރާނަ ސަލާމަތްވިއެއް ކަމަކު، އޭނާގެ އާއިލާއަށް އުފުލަން ޖެހިފައި އޮތް ހިތާމައާއި ތަކުލީފުތައް ކުޑައެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ހަމަޖައްސަން ޖެހެނީ ބައިނަލްއަގުވާމީ އެހީއާއި، ރަޙުމަތްތެރިންނާއި ގާތްތިމާގެ މީހުންގެ ދީލަތި ކަމަށް ބަރޯސާވެގެންނެވެ.

އެ ހާދިޘާގެ އަސަރު ވަރަށް ބޮޑަށް ކުރި އަހަންނަށް. އެއްވެސް ކަމެއް ހަމަ ނުކުރެވޭ. އެންމެ ފައިސާ ފޮއްޗެއް ނުހޯދޭތާ، ފިލާ ދުއްވައިވެސް ނުގަނެވޭ. އަހަންނަކަށް މަސައްކަތެއް ކޮށް ނުއުޅެވޭ، އެހެން މީހަކަށް އަހަރެމެންނަށް ކާއެތިކޮޅެއް ދިއްކޮށްނުލެވޭ. އަހަރެންގެ ދަރިންވެސް އެބަތިބި، އެކަމަކު، އެ ކުދިންނަށް ކާންބޯންނުދެވޭ، އެކުދިންނަށް ދޭނެ އެކައްޗެއްވެސް އަހަރެން އަތަކު ނެތް.
އަޙްމަދު ސަލީމް؛ އާންމު ރައްޔިތެއް

ކިރިޔާވެސް އާންމު ދިރިއުޅުމަކާ ގާތަށް އަޙްމަދަށް ދެވެން އަންނަނީ މަސްނޫއީ ފައި ޖަހައިގެންނެވެ. އެންމެ ފައެއް ނޫނެވެ. 2 ފައެވެ. ނަމަވެސް އެއީ ޔަމަނުން ވަގުތުން ލިބެން ހުންނަ އެއްޗެއް ނޫނެވެ.

އަހަރެންގެ ކޭސްއަށް ބަލާއިރު، އަހަންނަށް އޮތް ހަމައެކަނި ގޮތަކީ ގައުމުން ބޭރަށް ގޮސްގެން ފަރުވާ ކުރުން. އަހަންނަށް ބޭނުންވަނީ މޯބައިލް ޕްރޮސްތެޓިކްސް، ހިނގާބިނގާވާން. އަހަރެންގެ ކަކުލު ހުޅެއް އެބަ މަސައްކަތް ކުރޭ. އެކަމަކު، އަނެއް ހުޅެއް ނުކުރޭ. މައިން ވަޅުލުމަކީ ބޮޑު ފާފައެއް ހަމަ. ގިނަ ފަހަރަށް މައިންގެ ޝިކާރައަކަށް ވެދަނީވެސް، މައުސޫމު އާންމު ރައްޔިތު މީހާ.
އަޙްމަދު ސަލީމް؛ އާންމު ރައްޔިތެއް

ނުރައްކާތެރިކަމާއި، ހިންގަމުންދާ ހަނގުރާމައާ އެކުވެސް، ލޭންޑްމައިންގެ ވަބާއާ ދެކޮޅަށް މަސައްކަތްކުރުމުގައި އެހީތެރިވުމުގެ ޒިންމާ، އަމިއްލައަށް އުފުލައިގެން އުޅޭ ހިތްވަރުގަދަ ފަރުދުން އަދިވެސް ޔަމަނުގައި އެބަތިއްބެވެ.

2018 ވަނަ އަހަރު އުފެއްދި ސަޢޫދީ ޕްރޮޖެކްޓް ފޮރ ލޭންޑްމައިން ކްލިއަރެންސް (މަސާމް) އިން ފާއިތުވި 6 އަހަރު ތެރޭގައި މުޅި ޔަމަނުގައި އެތައް ސަތޭކަ މައިންފީލްޑްތަކެއް ސާފުކޮށްފައިވާއިރު، ރަށުގެ ރައްޔިތުންނަށް ދަނޑުވެރިކަމުގެ މަސައްކަތް އަލުން ފަށައިގަނެ، ހަނގުރާމައިން ސަލާމަތްވާން ދިޔަ ރެފިއުޖީން އެނބުރި ވަޒަނަށް އައުމަށް މަގުފަހިކޮށްދީފައިވެ އެވެ.

ސާމް ސަޢީދަކީ މަސާމްގެ ދަށުން މައިންސާފު ކުރާ ޓީމެއްގެ ލީޑަރެކެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، މީގެ 20 އަކަށް އަހަރު ކުރިއަށްވުރެ ހަނގުރާމައިގެ ކަންކަން މާ ބޮޑަށްވެސް މިއަދު އޮތީ ބޮއްސުންލާފައެވެ. މަސާމްގެ ފީލްޑް ޓެކްނީޝަނުންނަށް މިއަދު ވަނީ، ކުރިން ކުރިމަތިލާން ނުޖެހޭ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން މަޖުބޫރުވެފައެވެ.

ފީލްޑް ޑިމައިނިންގ އޮޕަރޭޝަންތަކުގައި ގިނަ ދަތިތަކެއް ކުރިމަތިވޭ. ވަކިވަކި ސިފައިންނަށް އަމާޒުކޮށްފަ ހުންނަ ލޭންޑްމައިންތަކާއި ބޫބީ ޓްރެޕް ޑިވައިސްތައް ހިމެނޭ. އަހަރެމެންގެ މެންބަރުންނަށް ލައްކަ ކަންތަކާ ދިމާވެއްޖެ. މައިންފީލްޑްތަކުގެ މެޕެއް ނެތް އަހަރެމެން އަތަކު، އެހެންވީމަ މައިން ހުރި ތަންތަނާއި، މައިންތަކުގެ ޑެންސިޓީ ވެސް ހަމަ ދޭތިން އެކައްޗަށް ވަޒަން ކުރަން ޖެހެނީ.
ސާމް ސަޢީދު؛ މަސާމް ޕްރޮޖެކްޓް ޓީމް ލީޑަރެއް

ފާއިތުވި ހަ އަހަރު ތެރޭގައި ޔަމަނުގައި ހިންގި މައިން ނައްތާލުމުގެ އޮޕަރޭޝަންތަކުގައި، ބޭރުގެ 5 ތަޖުރިބާކާރުން ހިމެނޭހެން، މަސާމްގެ 32 މެންބަރެއްގެ ފުރާނަ ގެއްލުނު ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މައިން ވަޅުލުމަށް ވުރެ، މައިން ސާފުކުރުމަށް ސަތޭކަ ގުނަ ގިނަ ވަގުތު އިތުރަށް ނަގައެވެ. ސުލްހަވެރިކަން އިއާދަ ކުރިޔަސް، ލޭންޑްމައިންތައް ފުރިހަމައަށް ނައްތާލުމުގެ މަސައްކަތް ނިންމާލަން އެތައް ދުވަހެއް ހޭދަވެއެވެ. ލޭންޑްމައިންތަކުގެ މައްސަލައަކީ، ހަނގުރާމައިގެ ސަބަބުން ޔަމަނަށް ކުރިމަތިލާން ޖެހިފައި ވާ ދިގުމުއްދަތުގެ ނުރައްކަލެއްގެ ގޮތުގައި ދެމި އޮންނާނެ މައްސަލައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް