ކ. މާލެ
|
29 މާރޗް 2024 | ހުކުރު 17:54
ބާސެލޯނާގެ ޑިފެންޑަރު ޕައު ސުބާޝީ
ބާސެލޯނާގެ ޑިފެންޑަރު ޕައު ސުބާޝީ
ގޫގުލް
ބާސެލޯނާ
ގަވީ އާއި ޕެޑްރީ އަށް ވީގޮތް ސުބާޝީ އަށްވާކަށް ބޭނުމެއްނޫން: ޒަވީ
 
ގައުމީ ޓީމަށް ނެގީ އެންމެ 17 އަހަރުގައި

ބާސެލޯނާގެ ޑިފެންސްލައިނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީންއޭޖް ޑިފެންޑަރު ޕައު ސުބާޝީ ސްޕޭނުގެ ގައުމީ ޓީމަށް ނެގި ނަމަވެސް އޭނާ އަށް ގިނަ މެޗުތަކެއްދީ ކުޅުވަން ބޭނުންނުވާ ކަމަށް ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

އުމުރުން 17 އަހަރުގެ ކުޅުންތެރިޔާ ލައްވައި ބާސެލޯނާއިން ފުރަތަމަ ޓީމުގައި ޒަވީ ކުޅުވަން ފެށީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމުން އެނޫން ގޮތެއް ނެތިގެންނެވެ. ނަމަވެސް އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާއެކު މިހާރު ގިނަ ބައެއްގެ ލޮލުގައިވަނީ އަޅައިގެންފަ އެވެ. މި ގޮތުން އޭނާ ގައުމީ ޓީމަށް ނެގުމުގެ ދެ ދުވަސް ކުރިން ވަނީ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ނަޕޯލީ އަތުން ބާސެލޯނާ 3-1އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ސްޕޭނުގެ ގައުމީ ކޯޗު ޑެލަ ފުއެންޓޭ ބުނީ ޒުވާން ޑިފެންޑަރު ގައުމީ ޓީމަށް ގެނައީ އޭނާ އަށް އެކަން ހައްގުވާތީ ކަމަށެވެ.

"އަހަރުމެން ވެސް އެހެން ގިނަ ބަޔަކު ވެސް އޭނާ ދައްކާ ކުޅުމާމެދު ހައިރާނެއް ނުވާނެ. އޭނާ އަކީ ކުރިމަގުގައި މޮޅަށް ކުޅޭނެ ކުޅުންތެރިއެއް. ގައުމީ ޓީމަށް ނަގަން ވަކި އުމުރެއް ނޯންނާނެ. އަހަރުމެން ޓީމަށް އޭނާގެ ސަބަބުން ރަނގަޅު ކަންކަން ވެގެންދާނެ. އަހަރެން އުއްމީދު ކުރަނީ ގައުމީ ޓީމުގައި އޭނާ ގިނަ ދުވަހަކަށް ކުޅޭނެ ކަމަށް،"
ކޯޗު ބުންޏެވެ.

ނަމަވެސް ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ޒުވާން އުމުރުގައި ޕެޑްރީ އާއި ގަވީ ލައްވައި ގާތްގާތުގައި ގިނަ އަދަދެއްގެ މެޗުތައް ކުޅުވުމުން ދެ ކުޅުންތެރިން ވެސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނު ކަމަށެވެ. އެއީ ލޯޑު ބޮޑުވެގެން ދިމާވި އަނިޔާތަކެއް ކަމަށާއި އެފަދަ ގޮތެއް ސުބާޝީއަށްވެސް އޭނާގެ ކެރިއަރަށް ނޭދެވޭ އަސަރު ކުރާތަން ދެކެން ބޭނުންނުވާ ކަމަށެވެ.

"އަހަރެން އުފާކުރަން އޭނާ އަށް ގައުމީ ޓީމުން ޖާގަ ލިބުމުން. އެވާހަކަ އޭނާ ގާތުގައި ވެސް ބުނިން. އެކަމަކު މާގިނަ މެޗު ކުޅުވައި އޭނާ ހަލާކުވުމަކީ އެއްވެސް ބަޔަކަށް ފައިދާހުރި ގޮތެއްނޫން. އަހަރެން އުއްމީދު ކުރަން ގައުމީ ޓީމުން ވެސް މިކަންކަމާ ވިސްނާނެ ކަމަށް،"
ޒަވީ ބުންޏެވެ.

ސުބާޝީ ލައްވައި ގައުމީ ކޯޗު ވަނީ މިދިޔަ ހަފުތާގައި އެކުވެރިކަމުގެ ދެ މެޗުގައި ވެސް ކޮންމެވެސް ވަރަކަށް ކުޅުވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް