މިމައްސަރަކީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް ކަމަށާއި، ރޭ އަޅުކަންކުރުން އިތުރު ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
''ކާމިޔާބީތަކެއްގެ މައްސަރު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ހިނގަމުންމިދާ މަހަކީ ބަރަކާތުން ފުރިގެން ވާ މައްސަރެއް ކަމަށާއި، މި މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހެވެ. އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ "يَوْمُ الْفُرْقَان" އެވެ. މި ޙާދިޘާއާ ބެހޭ ގޮތުން މާތް اللهُ وَحِى ކުރައްވާފައިވެއެވެ. މާނައީ: "އެކަލާނގެ حَضْرَةُ ން އައި أَمَانْ ކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން طَاهِرُ ކުރެއްވުމަށާއި، شَيْطَان އާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ مَلَائِكَةُ ންނަށް وَحِى ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބޭކަލުންނާ އެކުގައެވެ. ފަހެ، إِيْـمَان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كَافِرُ ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބޭކަލުން (ކަނޑިން) ޖައްސަވާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖައްސަވާށެވެ!"ހުކުރު ޚުތުބާ
މީގެއިތުރުން ބަދުރު ހަނގުރާމައިން ލިބުނު ފިލާވަޅުތަކަށް ވެސް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.
އެގޮތުން މިހަނގުރާމައިން އަދުލުވެރިކަމާއި، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު ލިބިގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަން ފާހަގަކޮށް ޚުތުބާގައި ވަނީ ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާއި، ދަރިން ބަފައިންނާ އަޚުން އަޚުންނާއި، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރިކަން ފާހަގަކޮށްފައެވެ. އަދި މިމައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަހަކުރެއްވުމުގެ ކާމިޔާބީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުރި ކަމަށެވެ. ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ހާމަވަގެންދާ ކަމަށާއި، ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަތުމަށް ޚުތުބާގައި ވަނީ އެދިފައެވެ. މުސްލިމުންގެ މޮޓޯ އަކީ "މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުން'' ކަން ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ބުނީ މިމައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމުގެ ފުރުސުތު ކަމަށެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުސަތު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
''އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑެވެ. އެރެޔާބެހޭ ގޮތުން މާތް اللهُ وَحِى ކުރައްވާފައި ވެއެވެ. މާނައީ: "لَيْلَةُ الْقَدْرِ ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ." އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަހެވެ. މި މާތް ރޭގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގާ އިތުރަށް ހީވާގިވާށެވެ! ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ)[7] މާނައީ: "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ލައިލަތުލް ޤަދުރި ވިލޭރޭ ލިބިގަންނާށެވެ!"ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ ބަރަކާތުން ފުރިފައިވާ ދުވަސްތައް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް ވީހެން ހީނުވާ ކަމަށާއި، ނަމަވެސް މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން ކުރުން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.