ކ. މާލެ
|
29 މާރޗް 2024 | ހުކުރު 08:42
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
އެމްއެންޑީއެފް
ސިފައިންނަށް ގެދޮރުވެރިކަން
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު
 
މި ޖީލު ސަލާމަތްކުރުމަށް ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ
 
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރަންޖެހޭ
 
ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކަޅުތުއްކަލާކޮށީގައި ސިފައިންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވާފައިވާ ކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިފައިންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވާއިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ޚާއްސަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ، ސިފައިންގެ ގައުމީ ޚިދުމަތު މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯރ އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަޚުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ގައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ މާ ނުރައްކާތެރި ހާލަތެއް، ފިކުރީ ހަނގުރާމަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށް ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެހެންނޫނީ، ނޭނގި ހުއްޓައި ބީވެގެންދާނީ ޒުވާން ޖީލުގެ މުސްތަގުބަލު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް