ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 12:48
މާބުޅާ ފަތްކޮޅެއް ހޯދުމަކީވެސް މިއަދު ދަތި ކަމެއް، މި ހުރިހާ ކަމެއް ކުރަން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެން
ޣައްޒާގައި ރަމަޟާން މަސް
ޣައްޒާގައި ރަމަޟާން މަސް: "މާބުޅާ ފަތްކޮޅަކާއި ލުނބޯކޮޅެއް ނޫން އެއްޗެއް ނެތް"
 
މީގެ ކުރިން، މާބުޅާ ފަތުން މީރު އެކިއެކި ޑިޝްތައް ތައްޔާރު ކުރި ނަމަވެސް، މިއަދު ފެންފޮދެއްގައި ކައްކާލައިގެން ސޫޕްކޮޅެއް ހަދާލުން ނޫން ގޮތެއް ނެތް

މާބުޅާ ފަތަކީ އަހަރެމެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އައު ނަމަކަށް ނުވާނެއެވެ. ހައްދަން މާ ބޮޑު މަސައްކަތްތަކެއް ކުރަން ނުޖެހި، އެ ގަހުގެ ވަކިތަކުން ވެއްޓޭ އޮށުން ގަސް ފަޅައިގެން އޭގެ ޒާތުގައި އަމިއްލައަށް ހެދެމުންދާ މާބުޅާ ގަހުގެ ފަތަކީ، ދާދި ފަހަކާ ޖެހެންދެންވެސް ދިވެހި ކޭންތަކުގައި ބޭނުން ކުރަމުން އައި ފަތެކެވެ. ފަސޭހައިން ލިބޭ ފަތެކެވެ. ތެލުލައިގެންނާއި، ލައިގެންކައި އުޅޭ އެކި ބާވަތްތަކާއެކު ބަތް ނުވަތަ ރޮށި ކާ އިރުވެސް މާބުޅާ ފަތް ބޭނުން ކުރެއެވެ. ނަމަވެސް، ބޯނެ ފެންފޮދެއް ނެތި، ކައިބޮއި ހަދާނެ އެހެން އެއްވެސް އެއްޗެއް ނެތް ހިނދެއްގައި، ލިބޭ ހަމަ އެކަނި އެއްޗަކީ މާބުޅާ ފަތްކޮޅަކަށް ވެއްޖެއްޔާ، ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދައްކަން މި އުޅެނީ ނިރުބަވެރި އިޒްރޭލުގެ ވަކިތަކުގެ ދަށުވެފައި އޮތް ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިންގެ ވާހަކައެވެ. ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުވެސް، ޣައްޒާގެ އަޚުންނަށް ލިބޭ ހަމަ އެކަނި އެއްޗަކަށް މިއަދު ވެފައި އޮތީ މާބުޅާ ފަތްކޮޅެކެވެ. އެއީވެސް ނަސީބު ގަދަ މީހުންނަށެވެ. ފަލަސްޠީނު މީހުން މިއަށް ކިޔައި އުޅެނީ ޚުބީޒާއެވެ. މާބުޅާ ފަތަކީ ފަލަސްޠީނުގެ ކޭންތަކުގައި މީގެ ކުރިންވެސް ބޭނުން ކުރި ބާވަތެއް ނަމަވެސް، މިއަދުގެ ޙާލަތު ތަފާތެވެ. މީގެ ކުރިން، މާބުޅާ ފަތުން މީރު އެކިއެކި ޑިޝްތައް ތައްޔާރު ކުރި ނަމަވެސް، މިއަދު ފެންފޮދެއްގައި ކައްކާލައިގެން ސޫޕްކޮޅެއް ހަދާލުން ނޫން ގޮތެއް ނެތެވެ.

މީހުންނަށް މާބުފުޅާ ފަތް ގެނެސްމިދެނީ އަހަރެމެންގެ ފުރާނަ އަތްމައްޗަށް ލައިގެން. ނުރައްކަލަށް ހުށަހަޅައިގެން. ކާނެ އެއްޗެއް، ބޯނެ އެއްޗެއް ބާޒަރަކު ނެތް. ލިބޭ ހަމައެކަނި އެއްޗަކީ ޚުބީޒާ ކޮޅަކާ ލުނބޯކޮޅެއް. ދެން ހަމަ އެނޫނީ އެކައްޗެއްވެސް ނެތް. ޚުބީޒާ ނުގެނެސްފީފިއްޔާ، ހަމަ އެކައްޗެއްވެސް ނުކައި ތިބެން ޖެހޭނީ. އަހަރެން ކުޑަކުޑަ ދަރިން އެބަ އާދޭސް ކުރޭ ކާއެތިކޮޅެއް ދޭށޭ ކިޔާފަ. އެކަމަކު، މާބުޅާ ފަތްކޮޅެއް ނޫން ދެން ކޯންޗެއް އަހަރެންނަށް ދެވޭނީ؟ މި ކައްކާލާފަ ސަމުސަލުން ހަމަ ކަލާނީ، ޕާން ކޮޅަކާވެސް ނުލާ.
މުޙައްމަދު ޝިހާދީ؛ މާބުޅާ ފަތް ވިއްކާ މީހެއް

ހުރިހާ ފަރާތަކުން ވަށާލެވިފައިވާ ހާލުގައި އެތައް އަހަރެއް ހޭދަ ކުރި އިރުވެސް ޣައްޒާގެ ރަށްވެހިންނަކީ އެމީހަކަށް ވީ އެންމެ ފުރިހަމައަކަށް ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ދިޔަ ބައެކެވެ. ބޯހިޔާކޮށް، ބަނޑުފުރާ މުއްތިކޮށްގެން އުޅުނު ބައެކެވެ. އެންމެ ގިނަ ބަޔަކަށް މީރު ވަނީ ޕާން ނުވަތަ ބޯ ރޮށި ޒާތުގެ ބާވަތްތަކެވެ. ނަމަވެސް، މިއަދު އެފަދަ އެއްވެސް އެއްޗެއް ނެތެވެ. އެންމެ ކުޑަމިނުން ގޮދަން ފުށްކޮޅެއްވެސް ނުލިބެއެވެ. ނަސްލުހޭދަ ފެށުމާއެކު އިޒްރޭލުން ވަނީ ޣައްޒާއަށް އެހީގެ ސަޕްލައި އެތެރެ ކުރެވޭނެ ހުރިހާ މަގެއް ބަންދުކޮށްފައެވެ.

މީ މާބުޅާ ފަތްކޮޅު އަހަރެން ގެނައި. މި ސާފުކޮށްފަ، ދޮވެލާފަ، ކޮށައިލައިގެން ކައްކާލާނީ. ދެން ދަރިންނަށް މި މިދެނީ. މީ ހުރި ހަމައެކަނި އެއްޗަކީ. މީގެ ކުރީ ހަނގުރާމަތަކުގަ އަހަރެމެންނެއް ނުކަން މާބުޅާ ފަތެއް. ދަރިންވެސް ވަރަށް ކިއާނެ، މަންމައޭ ޕާންކޮޅެއް ކާން ބޭނުމޭ. ދަރިންގެ ހާލު ފެނިފަ ހަމަ ހިތް ކުދިކުދިވޭ. އެންމެ ޕާންފޮއްޗެއްވެސް ހޯދައި ނުދެވޭ. އަހަރެން ގޮސް، މާބުޅާ ފަތްކޮޅެއް ހޮވާލައިގެން މި އަންނަނީ. މިހާރަށް އެބަ ލިބޭ މާބުޅާ ފަތް، އެކަމަކު ކުރިއަށް އޮތް ތަނުގަ، ކޮން ތާކުން މި ހޯދާނީ؟ މި ވެސް ހުސްވާނެތާ... ދެން ދާނީ ކޮން ދިމާއަކަށް؟"
މަރްޔަމް އަލް-އައްތާރު؛ ފަލަސްޠީނު ރައްޔިތެއް

މާބުޅާ ފަތްކޮޅެއް ހޯދުމަކީވެސް މިއަދު ދަތި ކަމެކެވެ. މި ހުރިހާ ކަމެއް ކުރަން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ހައިބަނޑާއެވެ.

ކޮންމެ ދުވަހަކުވެސް މި އުޅެނީ މާބުޅާ ފަތް ކައިގެން. މިއަދު ދިޔައީ ފިރިމީހާއާ އެކީ، އިރުމަތީ ފަރާތުން ކުޑަ ފަތްކޮޅެއް ބިނދެގެން މި އައީ. އެ ބިންނަން ތިއްބާވެސް ޔަހޫދީން އަހަރެމެންނާ ދިމާއަށް ބަޑިޖެހީ. އެކަމަކު، ﷲ އަށް ޙަމްދު ހުރި. އެކަލާންގެ އަހަރެމެންނަށް ހިމާޔަތް ދެއްވި. ސަލާމަތުން އަނބުރާ އާދެވުނު. ﷲ އަށް ޙަމްދުހުރި. ކުޑަކުޑަ ފަތްކޮޅެއް ގެނެވިއްޖެ، ދަރިންކޮޅަށް ކާންދެވޭނެ. އަހަރެމެންގެ ހާލަތު ވަރަށް ދެރަ. ފުށެއް ނެތް، ދަޅުކާނާކޮޅެއްވެސް ނެތް. އެހެން އެކައްޗެއްވެސް ނެތް. ދިރިމިއުޅެނީ ހަމަ އެކަނި މާބުޅާ ފަތްކޮޅެއް ކާލައިގެން.
މަރްޔަމް އަލް-އައްތާރު؛ ފަލަސްޠީނު ރައްޔިތެއް

މިއަދު މާބުޅާ ފަތްކޮޅަކުން ފުއްދާ ލެވުނުކަމުގައި ވީ ނަމަވެސް، މާދަމާ ހަދާނީ ކިހިނެއް ހެއްޔެވެ؟ 2 މިލިއަނަށް ވުރެ ގިނަ މީހުންނަށް އޮތް ހަމައެކަނި އެއްޗަކީ އެއީ ކަމުގައި ވާ ނަމަ، މާބުޅާ ގަސްތައް ހުސްވާކަށްވެސް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. ކެނޑިނޭޅި ބޮމާއި ބަޑީގެ ޙަމަލާތައް އެއްގަމާއި ވައިގެ މަގުން ދެމުން ދާއިރު އެތަނެއްގައި އޮންނާނީ ކޮން ދިރުމެއްހެއްޔެވެ؟

ރަމަޟާން މަހުގެ އަޅުކަމާއެކު މުސްލިމުންގެ ދިރިއުޅުމުގެ އާދަކާދައަށްވެސް ބަދަލު އާދެއެވެ. ވަކިން ހާއްސަކޮށް ކެއިންބުއިމުގެ ވައްޓަފާޅިއަށް ބަދަލު އާދެއެވެ. އެމީހަކަށް ވީ ވަރަކުން، އެންމެ ފުރިހަމަ އިފްތާރެއް ތައްޔާރު ކުރެވޭތޯ ބަލައެވެ. ޢާއިލާ މެންބަރުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރިން އެއްތަންކޮށް، އުފާވެރި ވަގުތުކޮޅަކަށް އެ ވަގުތު ހެދޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް، އެ އުފަލެއްވެސް މިއަދު ޣައްޒާގެ އަޚުންނާއި އުޚުތުންނަކަށް ނެތެވެ. ބައެއް ޢާއިލާތަކުގެ އެތައް ޖީލެއް ޝަހީދުވެ ގޮސް، މި ދުނިޔޭގައި ހުރީ އެންމެ މީހެއް ކަމުގައި ވެއްޖެއެވެ. ކައިބޮއި ހަދާނެ ހަމަ އެކައްޗެއްވެސް ސުފުރާ މައްޗަކު ނެތެވެ. ނެގޭނެ ގޮތެއްވެސް ނެތެވެ.

ކާނެ ހަމަ އެކައްޗެއްވެސް ނެތް. ކައްކާނެ އެއްޗެއްވެސް ނެތް. ތަނޑު ނައްޓާލައިގެން ކާލެވޭ ފަތްކާނާއާއި މާބުޅާ ފަތް އެކަލާންގެ ނުހެއްދެވިނަމަ އަހަރެމެން ކާނެ ހަމައެކައްޗެއްވެސް ނުލިބުނީސް. ބަނޑުހައިހޫނުކަން އަހަރެމެން ކައިހުސްކޮށްފި. ކާނެ ހަމަ އެކައްޗެއްވެސް ނެތް. އަހަރެމެންވެސް ތަރުކާރީއާއި، މަހާއި ގެރިމަސް ކާ ހިތްވޭ ވަރަށް. ރޯދައަށް މި ތިބެނީވެސް ހުސްބަނޑާ. މިހާރު ރޯދަ ހިފޭވަރެއްވެސް ނޫން. ބަނޑަށް ތިބެތިބެ އެނބުރުން އަރާފަ މި ތިބެނީ. ހަށިގަނޑުގަ މި އަޅާ ވޭނަށް ކޮށްދެވޭނެ ހަމަ އެއް ކަމެއްވެސް ނެތް.
އުއްމު މުޙައްމަދު؛ ފަލަސްޠީނު ރައްޔިތެއް

ބަނޑުހައިހޫނުކަމަކީ މުޅި ޣައްޒާއަށް މިއަދު ފެތުރިފައި އޮތް ކަމަކަށް ވާ އިރު، އުތުރުގެ ހާލަތު ވަކިން ގޯހެވެ. އަދާއި މެއި މަހާ ދެމެދުން ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް މުޅި އުތުރުގެ ސަރަޙައްދު އެކީ އެކައްޗަކަށް ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ވަނީ ދީފައެވެ. ޣައްޒާގެ އެތައް ބަޔަކަށް މިހާރުވެސް ވަނީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ސަބަބުން ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެފައެވެ. ބަނޑަށްޖެހިގެން މަރުވާ ކުޑަކުދިންގެ ޢަދަދުވެސް މަދެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް