ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 14:54
ރެއާލް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ރެއާލް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ
ޓްވިޓަރ
ކްރިސްޓިއާނޯ ރޮނާލްޑޯ
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
އިނގިރޭސި ވިލާތުގައި އޭނާ ހުރިއިރު އެއްވެސް މައްސަލައަކާ ކުރިމަތިނުވޭ

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އިނގިރޭސި ވިލާތުގައި އޭނާ ހުރިއިރު އެއްވެސް މައްސަލައަކާ ކުރިމަތިނުވާ ކަމަށާއި، އަނބުރާ އެގައުމަށް ދާން އަދިވެސް ބޭނުންވާ ކަމަށެވެ.

ރޮނާލްޑޯ ބުނީ އިނގިރޭސި ވިލާތުގައި ހުރި އިރު ވެސް އަދި މިހާރު ސްޕެއިންގައި އޭނާ ހޭދަކުރާ މުއްދަތުގައި ވެސް އައީ ބަރާބަރަށް ޓެކްސް ދައްކަމުން ކަމަށާއި، އެކަމާ އެއްވެސް ވަރަކަށް ސުވާލު އުފެއްދޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ ފޯބްސް މެގަޒިނުން އަބަދު ވެސް އޭނާގެ އާމްދަނީ އާންމުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޮނާލްޑޯ ބުނީ އޭނާއަކީ އެއްވެސް ކަމެއް ފޮރުވާ މީހެއް ނޫން ކަމަށާއި، ގޫގުލް ކޮށްގެން ވެސް އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ.

ޓެކްސް އަށް މަކަރުހަދާ އޮޅުވާލުމުގެ ދައުވާއާ ގުޅިގެން އުމުރުން 32 އަހަރުގެ ރޮނާލްޑޯ ކޯޓަށް ހާޒިރުކޮށްފައިވާއިރު، ދައުވާގެ ފުރަތަމަ އަޑުއެހުމުގައި މި މައްސަލައާ ގުޅިގެން ރޮނާލްޑޯގެ ފަރާތުން ކޯޓަށް ބަޔާނެއް ވަނީ ހުށަހަޅާފައެވެ.

ސްޕެއިންގެ ޓެކްސް އޭޖެންސީ (އޭއީއޭޓީ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް ސްޕެއިނުގެ ޕްރޮސެކިއުޓާއިން ވަނީ ދާދި ފަހުން، 14.7 މިލިއަން ޔޫރޯގެ ޓެކްސްއަށް ރޮނާލްޑޯ މަކަރު ހަދާފައިވާ ކަމަށް ބުނެ މައްސަލައެއް ފެންމަތިކޮށްފައެވެ. އެގޮތުން އެގައުމުގެ ޕްރޮސެކިއުޓާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރޮނާލްޑޯގެ އިމޭޖް ރައިޓްސްއަށް ލިބޭ އާމްދަނީ ސިއްރުކުރުމުގެ ގޮތުން، 2010 ވަނަ އަހަރު އޭނާ ވިޔަފާރިތަކެއް އުފައްދާފައިވާ ކަމަށެވެ.

އެހެންނަމަވެސް ރޮނާލްޑޯ ބުނީ ޓްރޮލިންއަކީ މަކަރުހަދާ އޮޅުވާލުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުންޏަކީ މާ ކުރިން ވެސް އޭނާގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އަދި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން އެންމެ ފަހުން ސްޕެއިން ދޫކޮށް ދިއުމަށް ރޮނާލްޑޯ ނިންމާފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ރޮނާލްޑޯ ވަނީ ދާދި ފަހުން ދީފައެވެ.

ސްޕެއިންގެ ގާނޫނުގައި ވާގޮތުން، ޖޫރިމަނާ ފައިސާ ދައްކައި، އަދި މިނޫން ވެސް ކަންތައްތަކެއް ފުރިހަމަ ކުރުމުން ޕްރޮބޭޝަންގެ މުއްދަތެއް ކަނޑައަޅާނެއެވެ. އަދި މި މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވޭނެ އެވެ.

 

- ކޮމެންޓް